ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ކަނޑުގެ 1000 މީޓަރު އަޑި ދިރާސާކުރުން: މީގެ ކުރިން ފެނިފައި ނުވާ ދިރުންތަކެއް!

މަނިޔަފުށީގައި ބޭއްވި މޯލްޑިވްސް މެރީން ރިސާޗް އިންސްޓިޓިއުޓް ހިންގާ އެކްޕެންޑިޝަން ޓެކްސޮނޮމިކް ވޯކްޝޮޕްގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުގެ 1000 މީޓަރު އަޑި ދިރާސާކުރުމުގެ ތެރެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާފަދަ ދިރުންތައް ފެނިފައިވާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ނެކްޓަން އާއި މޯލްޑިވްސް މެރީން ރިސާޗް އިންސްޓިޓިއުޓްއިން ހިންގާ އެކްޕެންޑިޝަން ޓެކްސޮނޮމިކް ވޯކްޝޮޕް ފެށުމުގެ ގޮތުން މިނިޔަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސަރޗް ފައުންޑޭޝަނެއް ކަމަށްވާ ”ނެކްޓަން“ ގުޅިގެން ކުރިއަށް ގެންދަނީ ވަރަށް ކާމިޔާބު މަރުހަލާއެއް ކަމަށެވެ. އަދި މިފަދަ އެކްޕެންޑީޝަންއެއް ރާއްޖޭގައި ބޭއްވުނީތީ މިނިސްޓަރު ވަނީ އެކަން ފާހަގަކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގައި ދިރިއުޅޭ މަސްމަހާމެއްސާއި މިފަދަ ދިރޭ ތަކެތީގެ ދިރާސާތައް މީގެ ކުރީގައި ހޯދިފައިވީ ނަމަވެސް، ރާއްޖޭގެ ތާރީހުގައި މިހާރު ކުރިއަށްމިދާފަދަ މަރުހަލާތަކެއް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ. އެގޮތުން މި ދިރާސާގައި 1000 މީޓަރު އަޑީގައިވާ ދިރޭ ތަކެތި ދިރާސާކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި މި ދިރުންތައް ދިރާސާކޮށް ބެލުމަށްފަހު، އެތަކެތި ކަނޑުގެ އެހެން ދިރުންތަކާއި ހުރި ގުޅުންތަކާއި އަދި އޭގެ ބާވަތްތައް ދިރާސާކޮށްފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއީ ވަރަށް ތާރީހީ ދިރާސާއެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ މިކަމުގައި ސަރުކާރުރާއި، އަދި ސަރުކާރު އިދާރާތަކާއި އެންޖީއޯތަކުގެ އެއްބާރުލުންވެސް ލިބުނުކަމަށް ފާހަގަކުރައްވާފައެވެ. އަދި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ މި ދިރާސާގައި ހޯދުނު ހޯދުންތައް އިތުރަށް ދިރާސާކުރުމަށާއި އަދި މިކަމާއި ގުޅޭ މައުލޫމާތުދިނުމަށް މި މަހުގެ 12 އިން 23 އަށް ކުރިއަށްދާ ވޯކްޝޮޕްއަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިހާރު މި ވޯކްޝޮޕްގައި ކުރިއަށްދަނީ ފުރަތަމަ ފޭސް ނިމި ދެވަނަ ފޭސްކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި މި ވޯކްޝޮޕްގައި މިކަމާއި ގުޅޭ ބޭރުގެ ތަޖުރިބާކާރުންވެސް ބައިވެރިވާނެއެވެ.

މި ވޯކްޝޮޕްގައި ދެވަނަ ފޭސްގައި ކުރާނެ އެއްކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ރާއްޖޭގެ ކަނޑުގެ އަޑިން ސައިންސިސްޓުން ނަގާފައިވާ ސާޕަލްތަކަކީ ކޯއްޗެއްކަން ދެނެގަތުމެވެ.

އޭގެ ތެރެއިން ބައެއް ތަކެއްޗަކީ ބަލާބެލުމަށް ކޮންމެސް ކަހަލަ ކޮންމެސް ކަހަލަ މި ދެންނެވި ދިރުމެއް. ގަސްކޮޅެއް ކަހަލަ އެއްޗެއް، ނޫނިއްޔާ ކޮންމެސް ކަހަލަ ފަންޏެއް ނޫނީ މަހެއް. ނޫނިއްޔާ އެޒާތުގެ ކޮންމެސް ދިރުމެއް. އެކަމަކު އެއީ ހިމެނެނީ ކޮން ގިންތިއެއްގައިކަން އެބަ ދެނެގަންނަންޖެހޭ.

ދުނިޔޭގެ އެހެން ތަންތަނުން ފެނިފައި ނެތް ދިރުންތައް ރާއްޖެއިން ފެނިފައި ހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ތަކެއްޗަށް ނަން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާ ބޮޑުކަމެއްކުރުމުގެ ސަބަބަކީ ކޮބައިތޯ ރައްޔިތުން ސުވާލުއުފައްދާނެކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މުރަކަ ފަރުތައް ފިޔަވައި ވަކި މުހިންމު އެއްޗެއް ރާއްޖެއަށް ލިބިފައި ނެތުމުން، ރާއްޖޭގެ ސިނާއަތްތައް މިކަމުގެ މައްޗަށް ބަރޯސާވާކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި މަސްވެރިކަމާއި އަދި ދަނޑުވެރިކަން ފާހަގަކުރެއްވިއެވެ.

އެ ދިރުންތައް ދެކެން އޭގެން އުފާ ހޯދަން އަޅުގަނޑުމެންގެ ރާއްޖެއަށް ޓޫރިސްޓުން އަންނަނީ. އެ ފަރުތަކުގައި އުފެދޭ އެމާ އެހެން ބާވަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ މަސްވެރިކަންވެސް އުފެދިފައި އޮންނަނީ. ރާއްޖޭގެ އެންމެ މުހިންމު ދެ ސިނާއަތްކަމުގައިވާ މަސްވެރިންކަންވެސް އަދި ޓޫރިޒަމްވެސް އަދި ހަމަ ދަނޑުވެރިކަންވެސް އޭގެ މައްޗަށް ބަރޯސާވާ އެންމެ މުހިންމު އެއްޗަކީ މި މުރަކަ ފަރުތައް

އެހެންކަމުން ދިރާސާ ހަދައިގެން ހޯދުންތައް ހޯދައިގެން ފަޅުތަކާއި ރާއްޖެއާއި ހުރި ގުޅުން އެނގެންޖެހޭކަމަށާއި، އަދި އެތަންތާގައި ހުރި ދިރުންތަކަކީ ކޮބައިކަންވެސް އެނގެންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ދިރާސާ އަދި ވޯކްޝޮޕްއާއި ގުޅިގެން މެރީން ރިސާޗް އިންސްޓިޓިއުޓްގެ ސީނިއާ ރިސާޗް އޮފިސާ މުހައްމަދު އަހުސަން ވިދާޅުވީ މި ވޯކްޝޮޕްގެ ފުރަތަމަ ފޭސްގައި ކުރިއަށްދިޔައީ މިދިޔަ އަހަރު ސެޕްޓެމްބަރ ގައި ކުރިއަށްދިޔަ އެކްޕެންޑިޝަންގައި ނެގުނު ސާމްޕަލްތަކުގެ ދިރާސާ ޓެކްސްޒޮނޮމިކް އެކްސްޕާޓުންނާއި ގުޅިގެން ހެދުންކަމަށެވެ. އަދި ދިވެހިރާއްޖެއިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް މި ފުރުސަތު ހުޅުވާލާފައި އެބައޮތްކަމަށް އަހުސަން ވިދާޅުވިއެވެ. އަދި ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނު ދެވިގެންދާނެކަމަށާއި، މި ޓްރައިނިންތަކުގައި މައުލޫމަތުދެއްވާ ކިޔަވައިދެއްވާނީވެސް ބޭރުގެ އެކްސްޕާޓުންކަމަށް އަހުސަން ވިދާޅުވިއެވެ.

މި ދިރާސާގެ ތެރެއިން ގޮތް ނޭނގޭ ބައެއް ތަކެތި ހޯދިފައިވާކަމަށް ނެކްޓަންއިން މިކަމުގައި ހަރަކާތްތެރިވާ ބޭފުޅުންވަނީ ބުނެފައެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ކުރާ ކަނޑުގެ އެންމެ ބޮޑު ދިރާސާކަމަށް ފާހަގަކޮށްފައިވާއިރު، މި ދިރާސާގައި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބިދޭ ގެއްލުން ކުޑަކުރާނެ ގޮތްތައް ދެނެގަނެ، ދިރާސާއިން ލިބޭ މަޢުލޫމާތު ސައިންސްވެރިންނާއި ޕޮލިސީ މޭކަރުންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ.

މި ދިރާސާގެ ސަބަބުން ދެމެހެއްޓެނިވި ގޮތަކަށް ރާއްޖޭގެ އިގްތިސާދަށް އާމްދަނީ ލިބޭނެ ގޮތްތައް ފުޅާކުރުމާއެކު، ކަނޑުތަކުގެ ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެރިން ޕްރޮޓެކްޓެޑް އޭރިއާޒް ގާއިމްކުރުމަށް ބޭނުންވާ މައުލޫމާތު ލިބިގެންދާނެ ކަމަށް މީގެ ކުރިން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: