ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ޕީޕީއެމުން ހިންގާ ކެމްޕޭނުގެ ”އިންޑިއާ އައުޓް“ ސްލޯގަން ތިން ވަޒީރެއްގެ ކާރުކޮޅުގައި ސްޕްރޭކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ގްރީން ޒޯނުގައި ހުންނަ ވެލާނާގޭގެ ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮއްވައި ތިން ކާރަށް ސްޕްރޭކޮށް ގެއްލުން ދިން މައްސަލާގައި މީހަކު ހައްޔަރުކުރީ ރޭގެ ވަގުތެއްގައިކަމަށް މައުލޫމާތު ލިބެއެވެ.
”އިންޑިއާ އައުޓް“ ޖަހާފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަންގެ ދަތުރުތައް ކުރެއްވުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކާރުތަކުގައެވެ. ފުލުހުން ބުނެފައިވަނީ މި ވަޒީރުންގެ ކާރުކޮޅަށް ގެއްލުން ދީފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެކަމުގެ މައުލޫމާތު ލިބިފައިވަނީ ިއްޔެ ހެދުނު 7:30 ހާއިރު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރަކަށް ވެސް ވަނީ ގެއްލުން ދީފައެވެ.
މީގެ އިތުރުން މީގެ ކުރީގައި ޑިފެންސް މިނިސްޓާ މާރިޔާ ދީދީގެ ގެކޮޅާއި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގޭގައިވެސް އިދިކޮޅުން ވަނީ އިންޑިއާ އައޫޓް މި ޝިއަރު ޖަހާފައެވެ.
ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅުގެ ލީޑަ ކުރީގެ ރައީސް އަބްދުﷲ ޔަމީން އަބްދުލް ގައްޔޫމް ހިންގަވާ ”އިންޑިއާ އައުޓް“ މި ހަރަކާތް ހުއްޓުވުމަށްޓަކައި މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ކަނޑައަޅައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ގަރާރެއްވެސް ނެރުއްވާފައެވެ. ނަމަވެސް އިދިކޮޅުން އަންނަނީ ހަރަކާތްތަށް ފުޅާ ކުރަމުންނެވެ.

