ތ ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން ބިނާކޮށްފައިވާ އޮފީސް އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.
ރައީސް ސާލިހު ހުންނެވީ ރަސްމީ ދަތުރެއްގައި ހިރިލަންދޫއަށް ވަޑައިގެންނެވެ. ހިރިލަންދޫ ފެނަކަ އިންޖީނުގެ ސަރަހައްދު ކުރިއަށް ގެްނދިޔަ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ވާހަކަދައްކަވާފައެވެ. ރައީސް ސާލިހު ވިދާޅުވީ، ގައުމެއް ތަރައްގީވެގެންދާނީ އެ ގައުމެއްގެ ރައްޔިތުން ތަރައްގީވެގެންދިއުމުންކަަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ، ގައުމެއް ތަރައްގީވެގެންދާނީ އެ ރަށެއްގެ މީހުންނަށް އެ ރަށެއްގައި ދިރިއުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ތަރައްގީ ގެނައުމުގައި ވަކި ރަށެއް ތަފާތު ނުކުރާކަމަށާއި، އެގޮތުގެ މަތިން ހިރިލަންދޫގެ ތަރައްގީއަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ސާލިހު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ރަށްތަކުގެ ކަރަނޓު ދިނުމުގެ އިންތިޒާމުތައް އޮތީ އެކަށީގެންވާ ގޮތެއްގެ މަތިން ނޫންކަމަށެވެ. އެހެންނަމަވެސް ސަރުކާރުންވަނީ އެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ސާލިހު ވިދާޅުވީ، އެ މަގުން ގޮސް ހިރިލަންދޫގެ ކަރަންޓުގެ މައްސަލައަށްވެސް ހައްލުތަކެއް ގެނެސްފައިވާކަމަށެވެ. ރައީސް ވިދާޅުވީ، އަލަށް ހުޅުވުނުގެ އިންޖީނުގޭގެ އޮފީސް އިމާރާތާއިއެކު އެ ކުންފުނީގެ މުއައްޒިފުންނަށްވެސް ލުއިތަކެއް ލިބިގެންދާކަމަށެވެ. އަދި ކުންފުނީގެ ހިދުމަތްތައްވެސް ފުރިހަމަވެގެންދާނެކަމަށް ފާހަގަކުރައްވާ އެމަނިކުފާނުވަނީ އެ އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ރަށު ރައްޔިތުންކަން ފާހަގަކުރައްވާފައެވެ.
ރައީސް ސާލިހު ވިދާޅުވީ، ރާއްޖެއަށް ލިބިމުންދާ އާމްދަނީ އާއި އަޅާ ބަލާއިރު، ރާއްޖެ ތަރައްގީވެފައިވާންޖެހޭ ވަރަށް ތަރައްގީ ނުވާކަން ހާމަވެގެންދާކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގެ ގިނަ ރަށްތަކުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްތައް ފަދަ އަސާސީ ކަންކަން ފުރިހަމަނުވާކަމަށް ވިދާޅުވިއެވެ.
އަލަށް ހުޅުވިފައިވާ ފެނަކަ ކޯޕަރޭޝަންގެ އޮފީސް އިމާރާތަކީ، 30 މުއައްޒިފުންނަށް މަސައްކަތްކުރެވޭނެ ޖަގާ ހުންނަ އޮފީސް އިމާރާތެކެވެ. މިއީ ތ އަތޮޅުގައި ސަރުކާރުން ބިނާކުރަމުންދާ 10 އިމާރާތުގެ ތެރެއިން މަސައްކަތް ނިންމައި ރަސްމީކޮށް ހަވާލުކުރި ފުރަތަމަ އޮފީހެވެ.

