ރަމަޟާން މަހުގައި ސަރުކާރުގެ އޮފީސްތަކާއި ވުޒާރާތަކުގެ މަސައްކަތު ގަޑި ކަނޑައަޅައިފިއެވެ.
ރޯދަމަހު ސަރުކާރުގެ ރަސްމީ ގަޑި އާއި ބެހޭ ގޮތުން ރައީސް އޮފީހުން ބުނީ މިހިނގާ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރަސްމީ ގަޑިއާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަަމަަށެވެ. އެހެންކަމުން އެދުވަސްތަކުގައި އެވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުމަކެއް ދިނުމަށް ރައީސް ވަނީ އެދިލައްވާފައެވެ.
ރޯދަމަހު ރަސްމީ ގަޑިއަށް ގެނެވުމު ބަދަލާއި އެކު މާލެ ސަރަހައްދުގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި މުދާ އުފުލުމަށް ކަނޑައެޅިފައިވާ ގަޑިތަކުގެ މައުލޫމާތު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ.
ރަމަޟާން މަހު ހުރިހާ ބާވަތެއްގެ މުދާ އުފުލުމަށް ހަމަޖެހިފައިވަނީ ހެނދުނު 9 އިން ހަވީރު 4 އަށް އަދި ރޭގަނޑު 8 އިން ފެށިގެން ހެދުނު ހެނދުނު 6 ޖަހަންދެން ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ ކަމަށްވެސް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 23 ވަނަ ދުވަހެވެ.

