ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނު ގެއަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅުން ދަނީ މި ސަރުކާރުގައި އާދޭސްކުރަމުން: މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުގެ އިސްވެރިން މި ސަރުކާރުގައި އާދޭސް ކުރަމުން ގެންދާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޔާމީނު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މާލޭގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ޔާމީނު ޖަލުގައި ހުންނެވީ ނުހައްގުން ކަމަށާއި އިދިކޮޅުގެ އިސްވެރިން ދަނީ ޔާމީނު ގެއަށް ބަދަލުކޮށްދިނުމަށް އެދި އާދޭސް ކުރަމުން ކަމަށެވެ.

މި ސަރުކާރަކީ އެއްވެސް ގޮތެއްގައި އިންސާނިއްޔަތު ކަމަށް ލޯބިކުރާ ސަރުކާރެއް ނޫން ކަމަށާއި ޔާމީނު ގެއަށް ބަދަލުކޮށްގެން މި ސަރުކާރަށް އޮތް ގެއްލުމެއް ނުވިސްނޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ ކުރިންވެސް، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ހުކުމުގެ ތެރެއިން އިދިކޮޅާއި ޔާމީނުގެ ވަކީލުންގެ ޓީމުގެ އެދުމަށް އެމަނިކުފާނު ގެއަށް ބަދަލުކުރި އެވެ.

2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޔާމީން ގެއަށް ބަދަލުކުރި ސަބަބެއް ކަމުގައި އޭރު ބުނީ ޖަލުގައި ކޮވިޑު ފެތުރެމުން ދިއުމެވެ. އެއަށްފަހު ސުޕްރީމް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް މިނިވަންކުރަންދެން ރައީސް ޔާމީން ހުރީ ގޭގައެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފާ، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ.

ކްރިމިނަލް ކޯޓުގެ މި ހުކުމް ޔާމީނުގެ ވަކީލުންގެ ޓީމުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ޔާމީނުގެ ވަކީލުންގެ ޓީމުން މީގެ ކުރިން ބުނެފައިވަނީ މި މަހުގެ ތެރޭގައި އިސްތިއުނާފީ މައްސަލަ ނިންމާ ޔާމީނު މިނިވަން ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ޖަލުން ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު މިނިވަން ވުމަށް ސަރުކާރާއެކުގައި އެއްވެސް ޑީލެއް ނުހަދާނެ ކަމަށެވެ. އަދި އެމަނިކުފާނު ކޯޓްތަކުން އަދި ޝަރުއީ މަރުހަލާތަކުން މިނިވަން ވަންދެން ޖަލުގައި ހުކުމް ތަންފީޒްކުރުމަށް ސާބިތުވެ ހުންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: