ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި މިނިސްޓްރީ އޮފް އާޓްސް، ކަލްޗާގެ ޑެޕިއުޓީ މިނިސްޓަރ ވަލީދާ ވަލީދު ޖޭޕީ އިން ވަކިވެއްޖެއެވެ.
އޭނާ ޖޭޕީއިން އިސްތިއުފާ ދިނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކުރުމަށްކަމަށް ވިދާޅުވެއެވެ. ވަލީދާ ޖޭޕީއިން ވަކީވިއިރު އޭނާ މިނިސްޓްރީ އޮފް އާޓްސް، ކަލްޗާގެ ޑެޕިއުޓީ މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވީ ޖޭޕީގެ ސްލޮޓެއްގައެވެ. . ވަލީދާ ވަނީ ޖޭޕީގެ އަންހެނުންގެ ލީގުގެ ރައީސްކަން ކުރައްވާފައިކަން ފާހަގަކުރެވެއެވެ.
ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ @ibusolih ހޮވުމަށް މި ސަރުކާރާ ގުޅިގެން އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށްޓަކައި ޖުމްހޫރީ ޕާޓީ އިން އަޅުގަނޑު ވަކިވާން ނިންމައިފިން.
— Waleeda waleed (@DhilooDhilaa) March 30, 2023
އެމްޑީޕީއާއިއެކު ހަދާފައިވާ ކޯލިޝަން ނުދަމަހައްޓާ ޖޭޕީއިން އިންތިހާބުގައި ވަކި ކެނޑިޑޭޓަކު ނެރެ ވާދަކުރަން ނިންމުމާއިއެކު އެ ޕާޓީގެ ބައެއް މެންބަރުން ވަނީ ޕާޓީއާއި ވަކިވެފައެވެ. އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރ ކަން ހަވާލުކޮށްފައިވަނިކޮށް މުހައްމަދު އަހްމަދު (ހަނަފީ) ވެސް ވަނީ އެ ޕާޓީއިން ވަކިވެފައެވެ. އޭނާ ޕާޓީއިން ވަކިވީ އެޑްވައިޒަރކަމަށް އައްޔަނުކުރިތާ މާ ގިނަ އިރުތަކެއް ނުވެއެވެ. ހަނަފީގެ ފަރާތުން ފޮނުވި ސިޓީގައި ވަނީ މިއަދު ޛޭޕީގެ ވިސްނުން ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ނޫންކަމަށެވެ.
އެއާއިއެކު އެމްޑީޕީގައި ތިބި ރައީސް ސާލިހަށް ތާއީދުކުރައްވާ ބައެއް މެންބަރުން ވަނީ އަދިވެސް އިތުރު ބޭފުޅުން ޖޭޕީއާއި ވަކިވެ ރައީސް ސާލިހާއި ގުޅިވަޑައިގަންނަވާނެކަމަށް ބެލެވެއެވެ.
އެމްޑީޕީގައި ތިބި ރައީސް ސާލިހަށް ތާއީދުކުރައްވާ މެންބަރުންނާއި ޖޭޕީއާއި ދެމެދު މައްސަލަތަކެއް އުފެދިފައިވީ ނަމަވެސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ޖޭޕީއާއި ގުޅުން ރަނގަޅެވެ. އަދި އެކުގައި މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ”ފިކުރެއްގެ ދިރުން“ އާއި ޖޭޕީއިން ދަނީ ކުރަމުންނެވެ.

