ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަދު ބަޔަކު ދިޔަސް ފަރުވާލެއް ނެތް، ރައީސް ދޫކޮށް ޖޭޕީއަށް އަންނާނެ މީހުން އެބަތިބި: ނަވާޒް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ނަވާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވީ ހައެއްކަ މީހުންނަށްވުރެ ގިނަ މީހުން ޕާޓީއާއި ގުޅިފައިވާކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޖޭޕީން ނިންމުމާއި އެކު، އެއަށް ތާއީދު ކުރެވެން ނެތްކަމަށް ބުނެ ޕާޓީގެ ސްލޮޓުގައި ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދަނީ ސަރުކާރާއި ގުޅެމުންނެވެ. އެއީ މަގާމުގެ ބޭނުމުގައި ސަރުކާރާއި ގުޅޭބައެއްކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ސިފަ ކުރައްވާފަ އެވެ. އަދި ޖޭޕީގައި ގާސިމްގެ އަރިހުގައި ތިއްބެވި ބޭފުޅުން ވަނީ ސަރުކާރާއި ގުޅުނު މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޖޭޕީން ބުނެފައި ވަނީ ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުގެ މަގާމުތަކަށް އައުމަށްފަހު އެބޭފުޅުން ޕާޓީގެ އޮފީސް ކުނޫޒަށް ވެސް ވަދެފައި ނުވާކަމަށާއި ކައުންސިލް އެއްވެސް ބައްދަލުވުމެއްގައި ވެސް ބައިވެރި ނުވާކަމަށެވެ.

ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށްކަމަށް ފެންނާތީ ޖޭޕީގެ އާއްމު މެމްބަރުން ވެސް ސަރުކާރާއި ގުޅޭނެކަމަށް އެމްޑީޕީގެ މެމްބަރުން ބުނެފައި ވާތީ އެކަމަށް ރައްދު ދެއްވައި ނަވާޒް ވިދާޅުވީ ޕާޓީގެ ތެރެއިން ބަޔަކު ވަކިވާނެކަން ގާސިމްއަށް އެނގިވަޑައިގަންނަވާކަމަށާއި، އެހެން ނަމަވެސް ދިޔަ މަދު ބަޔަކަށް ވުރެ ގިނައިން އެހެން ޕާޓީތަކުން ޖޭޕީ އާއި ގުޅިފައިވާ ކަމަށެވެ. އަދި މަސައްކަތް ދަނީ ބާރަށް ކުރިއަށްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންވެ ނަވާޒް ގޮވާލީ ރައީސް ސާލިހު ދޫކޮށް ޖޭޕީއަށް އަންނަނީ ކިތައް މީހުންތޯ ބަލަން ތިއްބެވުމަށެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއިއެކު ވާދަކުރެއްވުމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެއްވި ދައުވަތު ގަބޫލުނުކުރައްވާ، އަމިއްލަ އަށް ނިކުމެ އިންތިހާބުގައި ވާދަަކުރުމަށް ނިންމި ނިންމުމާއި ގުޅިގެން ޖޭޕީއަށް އަންނަނީ ގިނަ ބަޔަކު ފާޑު ކިޔަމުންނެވެ. އެމްޑީޕީގައި ތިބި ރައީސް ސާލިހަށް ތާއީދުކުރާ މެންބަރު ދިޔައީ ޖޭޕީގެ ސްލޮޓުތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިބި ބޭފުޅުންގެ އިސްތިއުފާދެއްވުމަށްވެސް ގޮވާލަމުންނެވެ. އެގޮތުން ކަންބަޅި ކަތިލާ އުސޫލުން ވަކި ކުރުމުގެ ކުރިން ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ބޭފުޅުން އިސްތިއުފާ ދިނުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަށް މަކުނުދޫ ދާއިރާގެ މެމްބަރު އަހްމަދު ރާއީ ވަނީ ގޮވާލާފައެވެ.

މި ވާހަކަތަކަށް ރައްދުދެއްވާ ގާސިމް ވިދާޅުވީ ޖޭޕީގެ ސްލޮޓުތަކުގައި މަގާމުތަކުގައި ތިބި މެންބަރުން އިސްތިއުފާ ދެއްވަންޖެހޭނަމަ މި ސަރުކާރުވެސް ނޯނާނެކަމަށެވެ.

ޖޭޕީގެ ނިންމުމާއި ގުޅިގެން ޕާޓީގެ މެންބަރުން ޖޭޕީއާއި ވަކިވާނެކަމުގެ އިންޒާރުވެސް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ދީފައިވަނިކޮށް ނިމިދިޔަ ހަފްތާގައި ޖޭޕީގެ ކައުންސިލާއި ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ދާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަދި ޖޭޕީގެ އަންހެނުން ރޫހުގެ ކުރީގެ ރައީސް ވަލީދާ ވަލީދު ވަނީ ކައުންސިލުން އިސްތިއުފާ ދެއްވާފައެވެ. އަދި އިމިގްރޭޝަން ކޮންޓްރޯލާރ މުހައްމަދު އަހުމަދު (ހަނަފީ) ގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ހިމެނެއެވެ.

މި ބޭފުޅުން ޖޭޕީއިން ވަކިވެވަޑައިގެން ސަބަބެއްކަމަށް ވިދާޅުވެފައިވަނީ ރައީސް ސާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދައިދެއްވުމަށް މަސައްކަތްކުރުމަށެވެ.

ކުރިޔަށް ހުރި ދުވަސްތަކުގެ ތެރޭގައި ޖޭޕީން އިތުރު ބައެއް ބޭފުޅުން ވަކިވާނެކަމަށް ބެލެވޭއިރު، މިހާތަނަށް ވަކިވި މެމްބަރުންނަށް ޕާޓީގެ ބައެއް ބޭފުޅުންގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން ގާސިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ ދުރަށް ޖެހުނު ބޭފުޅުންނަކީ ވޭތުވެ ދިޔަ 3-4 ހަތަރު އަހަރުގެ ތެރޭގައި ޕާޓީގެ އެއްވެސް ހަރަކާތެއްގައި އުޅުއްވި ބައެއް ނޫންކަމަށެވެ.

ޖޭޕީއިން ވަކިވަމުންދާ މެންބަރުންނަށް އެމްޑީޕީގައި ތިބި ރައީސް ސާލިހަށް ތާއީދުކުރައްވާ މެންބަރުން މަރުހަބާ ކިޔަމުންދާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަރިސް އެމްޑީޕީ މެންބަރުން ގެންދަވަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ. އަދި ރައީސް ނަޝީދުވެސް ގެންދަވަނީ ޖޭޕީ ދިފާއުކުރައްވާ ވާހަކަދައްކަވަމުންނެވެ. ރައީސް ނަޝީދު ކުރިއަށް ގެންދަވާ ”ފިކުރެއްގެ ދިރުން“ ގެ ހާއްސަ މަންދޫބު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެފައިވާ ގޮތުގައި ފިކުރެއްގެ ދިރުމާއި ޖޭޕީއިން ދަނީ ގުޅިފައިވާ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންނެވެ.

މި މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި ރައީސް ނަޝީދާއި ގާތް ގުޅުމެއް އޮތް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވެސް ވަނީ މަގާމު ވަކިކޮށްފައެވެ. މިއާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އަމްރުއަކީ އަގުހުރި މަސައްކަތްތަކެއްކޮށްދެއްވާފައިވާ ބޭފުޅެއްކަމަށާއި، އަމްރުގެ ކުރިމަގު އޮތީ އުޖާލާކޮށްކަމަށެވެ. ޝިފާޒް މަގާމުން ވަކިކުރުމުން ގިނަ ބަޔަކު ބުނަމުންދިޔައީ ރައީސް ސާލިހު ވެރިކަމުގައި ހުންނެވީ ޝިފާޒްމެން ފަދަ ބޭފުޅުން ކުރެއްވި މިންނެތް، ބުރަ މަސައްކަތުގެ ސަބަބުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: