ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހަމައެކަނި ރިއެކްޓް ކުރައްވަނީ ވޯޓު ހޯދަން ދޮގު ހަދަންވީމައިކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީއިން ވެރިކަން ހޯދުމަށް މަސައްކަތްކުރި އިރު، މީޑިއާތަކާއި ވާހަކަދައްކަވަމުން ސިޔާސީ ވަކި ފިކުރަކަށް، ކުލައަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުކުރުމުގެ ސަބަބުން ސިވިލް ސާވީސް އަދި ސަރުކާރުގެ ކުންފުންޏެއް ނުވަތަ އެހެން މަގާމެއްގައި އުޅޭ މީހަކަށް ހުރަހެއް އޮވެގެން ނުވާނެކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާ ވީޑިއޯއެއް ހިއްސާކުރައްވަމުންނެވެ.
ޖަމީލްގެ ޓުވީޓުގައި ރައީސް ސާލިހަށް ޓެގުކުރައްވާ އައްސަވާފައިވަނީ އެއީ ކީއްވެ ދެއްކެވި ވާހަކަފުޅެއްތޯއެވެ.
މިއީ ކޮން ބޭފުޅެއްތޯ؟ މިއީ ކީއްވެ ދެއްކި ވާހަކަ ފުޅެއްތޯ @ibusolih ؟ ހީވާގޮތުން ރިއެކްޓް ކުރައްވަން އެނގިވަޑައި ގަންނަވަނީ ހަމައެކަނި ވޯޓް ހޯދުމުގެ ގޮތުން ދޮގުހަދަންވީމަ . 5 އަހަރު ތިހޭދަކޮށްލެއްވީ ގައުމެއް ވާވެއްދުމުގައި؟ pic.twitter.com/FG0mZVnZaz
— Mohamed Jameel Ahmed (@MJameelAhmed) April 2, 2023
ރައީސް ސާލިހަށް ރިއެކްޓު ކުރައްވަން އެނގިވަޑައިގަންނަވަނީ ހަމައެކަނި ވޯޓު ހޯދުމުގެ ގޮތުން ދޮގު ހަދަންވީމައިކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ. ރައީސް ސާލިހުގެ ވެރިކަމުގެ 5 އަހަރު ދޭދަކުރެއްވީ ގައުމު ވާވެއްދުމުގައިކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.
އަބަދުވެސް ރައީސް ސާލިހާއި މި ސަރުކާރަށް ފާޑު ވިދާޅުވާ ޖަމީލް ވަނީ މީގެ ކުރިން ރައީސް ސާލިހުގެ ވެރިކަމުގައި ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް ތަކުލީފުތައް ކުރިމަތިވެގެންދިޔަކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސާލިހު ވެރިކަމަށް އައުމަށްޓަކައި ވެވަޑައިގެން ވައުދުތައްވެސް ފުއްދައިދީފައިނުވާކަމަށް ވިދާޅުވެ، އޭނާ ވަނީ ރައީސް ސާލިހުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.

