ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ އަދަދެއްގެ ނުރައްކާރި ކެމިކަލް ކުރި ގުދަން ހުޅުމާލެއަށް!

ލިލީ މަގުގައި ކެމިކަލް ބަހައްޓާފައި ހުރި ގުދަނެއް. ފޮޓޯ/ ޓްވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވައިދާއި ހިލާފަށް މާލޭގައި އެންމެ ހަލަބޮލި އެއް ސަރަހައްދުގައި ގުދަންކޮށްފައި ހުރި ކެމިކަލްތައް ހުޅުމާލެއަށް ބަދަލުކޮށްފި އެވެ.

ލިލީމަގުގައި ހުރި، ގ. ގަސްކަރައިގެ އިރުމައްޗަށް ވާގޮތަށް ހަދާފައި ހުރި ގުދަނެއްގައި ގިނަ އަދަދެއްގެ ކެމިކަލްތައް ހުރި މައްސަލައެއް ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް އައީ އާއްމުންގެ މީހަކު އެ މައުލޫމާތުތައް ސޯޝަލް މީޑިއާގައި އާއްމު ކުރުމުންނެވެ.

ފޮޓޯތަކާއި އެކު އާއްމުކޮށްފައިވާ އެ މައުލޫމާތުތަކުގައި އޭނާ ބުނެފައި ވަނީ، ލިލީ މަގުގައި ހުރި ގުދަނުގައި ގިނަ އަދަދެއްގެ ކެމިކަލް ގުދަންކޮށްފައި އެބަހުރި ކަމަށެވެ. ތަނުގެ މުވައްޒަފުން ވެސް އެއީ ކެމިލްކަން ޔަގީންކޮށްދޭކަމަށާއި މަލެއިން ކެމިކަލް ގުދަން ބޭރު ކުރުމަށް ފަހު ވެސް ބޮޑެތި ކެމިކަލް ބަންދު ހުރި ހަންތަކާއި ދަޅުތައް ތަނެއްގެ ތެރެއަށް ވެއްދި އިރު މުވައްސަސާއަށް އެކަން ނޭނގެނީ ތޯ ސުވާލު ކުރި އެވެ. މިއީ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ގޮތަކަށް ގުދަންކޮށްފައި ހުރި ތަނެއްކަމަށްވުމާއި އެކު ވީހާވެސް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލި އެވެ.

އާއްމުންގެ މީހަކު ކުރި ޓުވީޓާއި އެކު ނޫސްވެރިން ވަނީ ފުލުހުންނާއި ސިފައިންގެ މީޑިއާ ގުރޫޕުތަކުގައި އެ ގުދަނާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. އަދި އެތަނުގެ އެއްވެސް މައުލޫމާތެއް ކުރިން ލިބިފައިވޭތޯ އާއި، ގިނަ އަދަދެއްގެ ކެމިކަލް އެއްވެސް ރައްކާތެރި ކަމެއް އަދި ތަރުތީބެއް ނެތި ގުދަނެއްގެ ތެރެއަށް ވެއްދި އިރު އެކަން އެނގިފައި ނުވަނީ ކީއްވެގެން ތޯ ނޫސްވެރިން ސުވާލު ކުރި އެވެ.

ނޫސްވެރިންގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ތިއްބެވުމަށް ފަހު ޖެހިގެން އައި ދުވަހު އެމްއެންޑީއެފްގެ މީޑިއާ ގުރޫޕަށް އޮފިޝަލް ފޮނުވި މެސެޖުގައި ވަނީ ގުދަނެއްގައި ކެމިކަލް ބަހައްޓާފައިވާކަމުގެ މައުލޫމާތުތައް ލިބި ފަޔާ ރެސްކިއު ޓީމުން އެތަނުގެ އިނީޝިއަލް އިންސްޕެކްޝަނެއް ހެދި ކަމަށެވެ. އެމްއެންޑީއެފުން ބުނީ އެތަނުގައި ކެމިކަލް ގުދަންކޮށްފައި ވަނީ ގަވައިދާއި ހިލާފަށްކަމަށާއި ބައެއް އެއްޗެހި ގުދަންކޮށްފައިވާކަން ފާހަގަކުރެވިފައި ވާތީ އެ މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.

އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ގުދަންކޮށްފައި ހުރި ތަނުގައި ބާރުގަދަ ކެމިކަލްތައް ހުއްޓެވެ. އަދި ބޮޑެތި ކެމިކަލް ފީފާތައް ވެސް ހުއްޓެވެ. އެއްވެސް ތަރުތީބެއް ނެތި ހުރި އެ ގުދަނުގެ ތެރޭގައި ގިނަ އަދަދެއްގެ ހުސް ފުޅިތަކާއި އެކި ގޭސް އުނދުން ހުއްޓެވެ.

ގާނޫނުގައި މަނާކަމަށް ކަނޑައަޅާފައިވާ ކެމިކަލް، ހުއްދަ ނެޔި ގެންގުޅޭނަމަ އެއް މިލިއަން ރުފިޔާއާއި ހަމައަށް ޖުރިމަނާ ކުރެވޭ ގޮތަސް ކެމިކަލް ހަތިޔާރު މަނާ ކުރުމުގެ ބިލެއް މަޖިލީހުން ވަނީ މިދިޔަ އަހަރު ފާސްކޮށްފަ އެވެ. އަދި ގާނޫނު ތަސްދީގުކޮށް ގެޒެޓުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ރާއްޖޭގައި ކެމިކަލް ހަތިޔާރު ގެންގުޅުމާއި، އުފެއްދުޟާއި، ރައްކާ ކުރުމާއި އަދި ބޭނުން ކުރުން މަނާ ކުރުމާއި އެތަކެތި ނައްތާލުމުގައި އަމަލު ކުރަން ޖެހޭ ގޮތުގެ އުސޫލު އެ ގާނޫނުގައި ވެއެވެ.

ކެމިކަލް ގެންގުޅެން ހުއްދަ ހާލަތްތަކާއި، އަދި ލައިސަންސާއި ނުލައި ގެންގުޅޭ ނަމަ އަދަބު ކުޑަ ބޮޑު ބިނަށް ބަލައި އެ މީހަކު ޖުރިމަނާ ކުރަން ނުވަތަ ޖަލަށް ލުމުގެ ބާރު ތަންފީޒީ އިދާރާތްތަކަށް ވަނީ ދީފަ އެވެ.

ގާނޫނުގެ ދަށުން އެ ކުށްތަކަށް ފަސް ލައްކަ ރުފިޔާއިން ފެށިގެން އެއް މިލިއަން ރުފިޔާ އާއި ހަމައަށް ޖުރިމަނާ ކުރެވޭނެ އެވެ. ނުވަތަ ފަސް އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރު ވަނީ ދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: