ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުން އިންތިހާބަށް ދޫކޮށްނުލާނެކަމާއި މެދު ޝައްކު: އީވާ

ޔާމީން ރަޝީދާއި ރިޟްވާނަށް އިންސާފު ހޯދައިދޭން އެދި ގޮވާލައި ކުރިޔަށް ގެންދިޔަ ހިނގާލުމެއްގައި ރަައީސް ސޯލިހު/ ފޮޓޯ: އައިމަން ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބްލޮގަރ ޔާމީން ރަޝީދާއި، ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ވަގަށް ނަގައި ގެއްލުވާލި މައްސަލައިގައި މިވަގުތު ބަންދުގައި ތިބި މީހުން ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި ދިމާކޮށް ދޫކޮށް ނުލާނެކަމާއި މެދު ޝައްކު އުފެދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

”ސިޔާމާއި ހިލްޓަންގެ މައްސަލަ؛ ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް“ ނަމުގައި އޮންލައިން މީޑިއާ ”ދައުރު“ ގައި ޝައިއު ކުރި ރިޕޯޓަކާއި ގުޅިގެން އެ އާޓިކަލް ލިޔުނު ނޫސްވެރިޔާ އަހުމަދު ނާއިފަށް ބަޔަކު ގުޅައި އިންޒާރުގެ މެސެޖުތަކެއް ފޮނުވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. މި މައްސަލައިގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުއްލި މައްސަލައެއް ހުށަހަޅުއްވައި ގޮވާލާފައި ވަނީ ނޫސްވެރިންނަށް މަރުގެ އިންޒާރުތައް ދޭ މައްސަލަތައް ތަހުގީގު ކުރުމަށެވެ. އަދި މީގެ ކުރިން ވެސް ލިބުނު އެއްވެސް އިންޒާރަކަށް އިންސާފު ލިބިފައި ނުވާކަން ފާހަގަ ކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި، އީވާ ވިދާޅުވީ މައްސަލައިގެ ވަށައިގެން ހިނގާފައިވާ ކަންތަކުގެ ތެރޭގައި މައިގަނޑު ދެކަމެއް އެކުލެވޭ ކަމަށެވެ. އީވާ ވިދާޅުވި ގޮތުގައި އެއީ 2023 ގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ސިޔާމްގެ އެމްޑީއޭއިން ކޯލިޝަން ހަދައި، އިއްތިހާދުވުމާއި އެކު އެތައް އަހަރުތަކެއް ވަންދެން ކޯޓުގައި ތާށިވެފައި އޮތް މައްސަލައެއް އޭނާއާއި އެއްކޮޅަށް ނިމުމުގެ މިސްރާބު ފެނުމެވެ.

އީވާ ވިދާޅުވީ އެއާއި އެކު ދެން ފެނިގެން ދިޔައީ، އެ މައްސަލައިގައި ރިޕޯޓެއް ލިޔުނު ނޫސްވެރިޔާއަށް މަރުގެ އިންޒާރުތައް ލިބެން ފެށި މަންޒަރު ކަމަށެވެ. މިއީ އިއްތިފާގެއްކަމަށް ގަބޫލު ކުރެވޭ އެއްވެސް ސަބަބެއް ނެތްކަމަށް އީވާ ވިދާޅުވި އެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުތައް ދިވެހިރާއްޖޭގައި ދުވަހުން ދުވަހަށް ދަނީ ދަށަށްކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ ބައިނަލްއަޣުވާމީ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތަނުގައި، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 15 ދަރަޖަ ދަށަށް ގޮސްފައިވާ ކަމަށެވެ.

އީވާ ވިދާޅުވީ މިއީ އެމްޑީޕީގެ ވެރިކަމެއްގައި ބަލައިގަނެވޭނެ ކަންތަކެއް ނޫން ކަމަށެވެ. ޖަލަށް ނުލުމަކީ އެއީ ނޫސްވެރިކަމުގެ މިނިވަންކަންކަމަށް ދެއްކޭނެ އެއްވެސް ގޮތެއް ނެތްކަމަށް ތަކުރާރު ކުރައްވައި އީވާ ވިދާޅުވީ، އެކި ގޮތްގޮތުން ނޫސްވެރިންނަށް ލިބޭ އިންޒާރުތައް ހުއްޓުވަން ވެސް ޖެހޭ ކަމަށެވެ.

”ދައުލަތެއް ދެމެހެއްޓުމުގައި ގަދަރުވެރި، މިނިވަން ދައުލަތެއް.. ނެގެހެއްޓުމުގައި މިނިވަން ނޫސްވެރިކަމެއް ދައުރާއި ދޭތެރޭގައި އަޅުގަނޑުމެން މިހާރު ސުވާލެއް ނުކުރަން.. އެހެން ނަމަވެސް ނޫސްވެރިން ހިމާތް ކުރުމަކީ ހަމައެކަނި ނޫސްވެރިން ޖަލަށް ނުލުމެއް ނޫން.. ނޫސްވެރިންނަށް އެ އަންނަ އިންޒާރުތައް ނުބެލުނީމާ ގޮސް ޖެހޭ ހިސާބު.. އަޅުގަނޑުމެންގެ ވަރަށް ގާތް މާޒީން ވެސް ފެންނާން އެބައޮތް.. ނޫސްވެރިޔާ ރިޟްވާން، ނޫސްވެރިޔާ ޔާމީން.. އެމްޑީޕީގެ ވެރިކަމަށް ފަސް އަހަރުވީއިރު ވެސް އެ ދެ މައްސަލައަށް ވެސް އިންސާފެއް ނުލިބުނު..“ އީވާ

ނޫސްވެރިންނަށް އެކި ގޮތްގޮތުން ކުރާ ފުރައްސާރަތަކާއި، އިންޒާރުތަކުގެ މައްސަލަތައް ނުބެލުމުގެ ސަބަބުން ނިކުތް ނަތީޖާ ވަރަށް ކައިރިން ފެނިފައިވާ ކަމަށް އީވާ ވިދާޅުވި އެވެ. އަދި ނޫސްވެރިޔާ ޔާމީން ރަޝީދާއި، ރިޟްވާން އަބްދުﷲ ގެ މަރުގެ މައްސަލަ ބަލައި ތަހުގީގުކޮށް އާއިލާއަށް އިންސާފު ހޯދައިދޭނެކަމަށް ވީ ވައުދު ފަސް އަހަރު ވެގެން ދިޔައިރު ވެސް ފުއްދައިދެވިފައި ނުވާކަމަށް ފާހަގަ ކުރެއްވި އެވެ.

ރިޟްވާނާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ބަންދުގައި ތިބި މީހުން ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި ދިމާކޮށް ދޫކޮށް ނުލާނެކަމާއި މެދު ވެސް ޝައްކު އުފެދޭކަމަށް އީވާ ވިދާޅުވި އެވެ.

”ރިޟްވާންގެ މައްސަލައިގައި އާއި ޔާމީންގެ މައްސަލައިގައި މިހާރު ޖަލަށް ލާފައި އެތިބަ މީހުން ރިޔާސީ އިންތިހާބާއި ގުޅުވާފައި ދޫކޮށް ނުލާނެކަމާއި މެދު ވެސް އަޅުގަނޑުމެންނަށް ސުވާލު އުފެދޭ.. އަޅުގަނޑުމެން އެންމެނަށް ވެސް ހީވަނީ، ރިޔާސީ އިންތިހާބަށް މިހާރު ވެސް ޖަލަށް ލާފައި އެތިބަ މީހުން ދޫކޮށްލާނެހެން…“ އީވާ

އީވާ ވިދާޅުވީ އެމްޑީޕީން، ޕާޓީގެ ތާރީހުގައި މިހާތަނަށް އައިއިރު މަސައްކަތް ކުރީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ކަމަށެވެ. އެހެންކަމުން ކޯލިޝަނެއްގެ ބޭނުމުގައި އެ ހައްގުތައް ނިގުޅައިގަތުމަކީ އެއީ 18 އަހަރު ވަންދެން ޕާޓީ ދެމެހެއްޓި ސަބަބެއް ނޫންކަމަށް އީވާ ވިދާޅުވި އެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކުރުމަކީ އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. އަދި ވަކި މީހަކު ވެރިކަމަށް ގެނައުމަށް ވުރެ، ނުވަތަ ދެވަނަ ދައުރެއް ވެސް ހޯދައިދިނުމަށް ވުރެ މުހިންމީ ރައްޔިތުންނަށް އެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުންކަމަށް އީވާ ވިދާޅުވި އެވެ.

”އަޅުގަނޑުމެން 18 އަހަރު ވަންދެން ކުރި މަސައްކަތް އެއީ ނޫސްވެރިކަމުގެ މިނިވަންކަން.. މި ގައުމަށާއި ދިވެހި ރައްޔިތުންނަށް.. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެވަނަ ދައުރަކަށް ވުރެ ބޮޑަށް ބޭނުން ވަނީ ނޫސްވެރިކަމުގެ މިނިވަން ކަމޭ..“ އީވާ

ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ބައިވެރިވިކަމުގެ ތުހުމަތުކޮށް ޝަރީއަތް ކުރިޔަށް ގެންދިޔަ މީހުންގެ ތެރެއިން ކުށް ސާބިތުވީ ދެ މީހުންގެ މައްޗަށެވެ. މީގެ ފަސް އަހަރު ކުރިން ހިންގި މި ހާދިސާގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރެއިން ކުށް ސާބިތުވާކަމަށް ކަނޑައެޅީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އެކަމަކު ދައުވާ ކުރި މީހުންގެ ތެރޭގައި ހިމެނޭ މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.

މައްސަލައިން މި މީހުން ސަލާމަތްވެފައި ވަނީ އެކަށީގެންވާ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާތީ، އާއި އިޖުރާއީ ބައެއް ގޯސްތަކެއްގެ ސަބަބުންނެވެ.

ރިޟްވާން ގެއްލުވާލި މައްސަލައިގައި މަރު ކޮމިޝަނުން ރިޕޯޓެއް އެކުލަވާލި ނަމަވެސް، މިހާތަނަށް މާބޮޑު ކުރިއެރުމެއް ތަހުގީގަށް ލިބިފައި ނުވެ އެވެ. ބައެއް މީހުން ބަންދުގައި ތިބި ނަމަވެސް، އެ މީހުންނާއި ދެކޮޅަށް ވެސް އެކަށީގެންވާ ހެއްކެއް ނެތެވެ.

ރިޟްވާން ގެއްލުވާލި ހާދިސާއަށް އަށް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ސޯލިހު ވެރިކަމަށް އައުމަށް ވީ އެންމެ ބޮޑު ވައުދަށް އިންސާފު ލިބިފައި ނުވުމެވެ. އާއިލާއިން ދެކޭ ގޮތުގައި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންތައް ކޯޓު މަރުހަލާގެ ތެރެއިން ދޫވެގެންދާން ޖެހުނީ، ކޯޓަށް ހެކި ހުށަހެޅުމުގައި ދައުލަތުން ވެފައިވާ އިހުމާލުތަކާއި އެކަށީގެންވާ ގޮތެއްގައި ތަހުގީގު ފުރިހަމަ ނުކުރެވިގެންނެވެ.

އޭގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ގެއްލުވާލާފައިވާ މީހުންނަށް ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް ފޮނުވާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަނުން ރިޟްވާނު ގެއްލުވާލި ހާދިސާއާއި، ރިޟްވާންގެ މަރު ތަހުގީގު ކުރުމަށް ފަހު ވެރިކަމުގެ ފުރަތަމަ 100 ދުވަހު ހާމަކުރާނެކަމަށް ރައިސް ވަނީ ވައުދުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: