ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނދުން ހުސެއިންގެ ފާޑުކިއުން ގާސިމަށް: ކޮވިޑުގައި ވިޔަފާރިއަށް އެހީވާން ފައިސާ ދޭން ޖެހުނީ ސަރުކާރުން

ރައީސް ސާލިހް އާއި ގާސިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގުރޫޕަށް ދިމާވި މާލީ ދަތިތަކާއި އެހެނިހެން ގޮންޖެހުންތަކުން ސަލާމަތް ކުރީ މި ސަރުކާރުންކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ކޯލިޝަނެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތު ގަބޫލު ނުކުރައްވައި ގާސިމް ނިންމެވީ ވަކިން ނިކުމެ އެ ޕާޓީން އިންތިހާބުގައި ވާދަ ކުރުމަށެވެ. އަދި އެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްބާރުލުން ގާސިމަށް ދަނީ ލިބެމުންނެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ގާސިމް ނިންމުމާއި ގުޅިގެން، އެކަމަށް ސަރުކާރުގެ މެމްބަރުންގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އަދި ޕާޓީގެ ސްލޮޓުތަކުގައި މަގާމުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދިނުމަށް ގޮވާލުމުން ގާސިމް އެކަމަށް ދެކޮޅު ހެއްދެވި އެވެ.

ފަހަކަށް އައިސް މަޖިލީހަށް ހުށަހަޅާ އެކި ބިލުތަކުގެ ބަހުސް މަރުހަލާގައި ގާސިމް ސަރުކާރަށް ފާޑުވިދާޅުވެ އެވެ. އެގޮތުން މިއަދު މަޖިލީހަށް ހުށަހެޅި މަސްވެރިންގެ ސިޔާސަތު ތަންފީރު ކުރުމަށް ގޮވާލި ބިލުގެ ބަހުސްގައި، ގާސިމްގެ ވާހަކަތަކަށް ރައްދު ދެއްވައި އަނދުން ހުސެއިން ވިދާޅުވީ ފެލިވަރު ކޮމްޕްލެކްސްގެ ޖެޓީއަށް ދުވާލެއްގެ މައްޗަށް 750 ޓަނުގެ މަސް ގަނެވޭއިރު އެކިއެކި އުޅަނދުފަހަރަށް ދުވާލެއްގެ މައްޗަށް 1،130 ޓަނުގެ މަސް ގަނެވޭ ކަމަށެވެ. އަދި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ބަލާއިރު 200 މެޓްރިކް ޓަނު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 1500 މެޓްރިކް ޓަނުގެ މަސް ގަނެވޭކަމަށް ވިދާޅުވި އެވެ.

މަސްވެރިންނަށް ވީ ވައުދު ނުފުއްދޭކަމަށް ވިދާޅުވެ، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުންގެ ޓީމު އޮތީ ގާސިމްގެ އަރިހުގައިކަމަށާއި މަސްވެރިންނަށް ގާސިމް ކުރެއްވި އެއްވެސް ހިދުމަތެއް އޮންނާނެތޯ އޭނާ ސުވާލު އުފެއްދި އެވެ.

އަންދުން ހުސެއިން ވިދާޅުވީ ކޮވިޑުގެ ދުވަސްވަރު މަޖިލީހަށް ވަޑައިނުގެން ގާސިމް ހުންނެވީ ދޫނިތައް ބެލެހެއްޓުމުގައިކަމަށެވެ.

އެއަށް ފަހު އަނދުން ހުސެއިން ވިދާޅުވީ ކޮވިޑުގެ ހާލަތުގައި ގާސިމްގެ އެތައް ސަތޭކަ މުވައްޒަފުންނެއް ތިއްބައި މުސާރައަށް ދިނީ އެންމެ 1000 ރުފިޔާ ކަމަށެވެ. އަދި ގާސިމްގެ ވިޔަފާރި ސަލާމަތް ކުރުމަށް ސަރުކާރުން ފައިސާ ދޭން ޖެހުނުކަމަށް ވިދާޅުވި އެވެ.

އަނދުން ހުސެއިން ވަނީ އެމްޑީޕީގެ އަސާސްތަކާއި އަސާސީ ގަވައިދާއި ހިލާފުވެ ބައެއް ބޭފުޅުން ގާސިމަށް ވެރިކަން ހޯދައިދޭން ކުރާ މަސައްކަތަކީ އެއީ ހަޑި ހުތުރު މަސައްކަތެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި ވިދާޅުވީ އެބޭފުޅުން ދެން އެންމެ ރަނގަޅު ވާނީ އެމްޕީން ވަކިވެ ޖޭޕީއާއި އެކު މަސައްކަތް ކުރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: