ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ ބައި އިލެކްޝަނުން އެނގުނީ އިދިކޮޅާއި ފިކުރެއްގެ ދިރުން ގުޅިގެން ކުރާ މަސައްކަތް ނާކާމިޔާބުވެއްޖެކަން: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން އެނގިގެންދިޔައީ އިދިކޮޅު ކޮންގްރެސް ކޯލިޝަންއާއި ”ފިކުރެއްގެ ދިރުން“ ގުޅިގެން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެކަންކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އިއްޔަ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހީމް ޝާޒުއެވެ. އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޝާޒް އިންތިހާބު ކާމިޔާބުކޮށްފައިވަނީ، 120 ވޯޓުގެ ތަފާތަކުންނެވެ. މި އިންތިހާބުގައި ވާދަކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓު ހުސެއިން ރިޟާ އާދަމް އަށް ލިބިވަޑައިގެންފައިވަނީ 1226 ވޯޓެވެ.

މި ނަތީޖާއާއިއެކު އެމްޑީޕީއަށް ތާއީދުކުރާ މެންބަރުން ބުނަމުންދަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް ކާމިޔާބުކުރާނީ އެމްޑީޕީއިންކަމަށެވެ.

ޝަރީފްގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއިން ދެއްކީ ދެކަމެއްކަމަށެވެ.

އެގޮތުން އެއްކަމެއްގެ ގޮތުގައި ޝަރީފް ވިދާޅުވެފައިވަނީ އިދިކޮޅު ކޮންގްރެސް ކޯލިޝަންއަށް ތާއީދުކުރި ދާއިރާތައްވެސް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ދިމާލަށް އެނބުރެމުންދާން ފަށުމެވެ. އަދި ދެވަނަ ކަމެއްގެ ގޮތުގައި ވިދާޅުވެފައިވަނީ އިދިކޮޅުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީއާއި ދެކޮޅަށް ކުރިއަށްގެންދަވާ ”ފިކުރެއްގެ ދިރުން“ ހަރަކާތާއި ގުޅިގެން އެމްޑީޕީ ފެއިލްކޮށްލަން ކުރާ މަސައްކަތް ކަމިޔާބުނުވާނެކަމެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހާއި ވާދަކުރެއްވުމަށްފަހު ލިބިވަޑައިގަތް ނާކާމިޔާބީ ގަބޫލުނުކުރައްވައި، ރައީސް ނަޝީދު ކުރިއަށް ގެންދަވާ ”ފިކުރެއްގެ ދިރުން“ ހަރަކާތުން އަންނަނީ އިދިކޮޅާއި ގުޅިގެން މަސައްކަތްތަކެއްކުރަމުންކަމަށް އެމްޑީޕީގައިި ތިބި ރައީސް ސާލިހަށް ތާއީދުކުރައްވާ މެންބަރުން ތުހުމަތުކުރެއެވެ. އެގޮތުން މަޖިޅިހުގެ ތަޅުމުގައި އިދިކޮޅުން ސަރުކާރާއި ދެކޮޅަށް ދައްކަމުންދާ ވާހަކަތަކަކީ ރައީސް ނަޝީދު އަންގައިގެން ދައްކަމުންދާ ވާހަކަތަކެއްކަމަށް ތުހުމަތުކުރެއެވެ. އަދި ހަމައެފަދައިން އިދިކޮޅުން މަޖިލީހުގެ ތަޅުމަށް ހުށައަޅާ ކުއްލި މައްސަލަތަކާއި، ގަރާރުތަކަކީވެސް ރައީސް ނަޝީދުގެ ލަފާގެ މަތިން ހުށައަޅާ ގަރާރުތަކެއްކަމަށް ތުހުމަތުކުރެއެވެ.

މީގެ ކުރިން ޝަރީފް ވަނީ ރައީސް ނަޝީދު މިފަދައިން އެމްޑީޕީ ހަލާކުކޮށް، ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބުނުވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ޝަރީފް ވިދާޅުވެފައި ވަނީ ރައީސް ނަޝީދަކީ އެމަނިކުފާނަކީ ޑިމޮކްރަސީގެ ޗެމްޕިއަނެއްގެ ގޮތުގައި ގަބޫލު ކުރަމުން އައި ބޭފުޅެއްކަމަށާއި، އަދި އަމިއްލައަށް އެ ލަގަބު ދީ، މަސައްކަތް ކުރަމުން އައުމަށް ފަހު އެމްޑީޕީއަށް މިފަދަ ހާލެއް ޖެހޭނީ އެމަނިކުފާނުގެ ސަބަބުންކަމަށް ވެސް ގަބޫލު ކުރެވިފައި ނުވާކަމަށެވެ.

ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު އައީ ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީ ކޮންޓްރޯލް ކުރައްވަމުން ކަމަށެވެ. އަދި އެމަނިކުފާނު ސިޔާސީ ގޮތުން ކުރިޔަށް ދިއުމަށް ބޭނުން ކުރި ހަތިޔާރަކީ އެމްޑީޕީކަމަށާއި، ނަމަވެސް، ރައީސް ސާލިހު ވެރިކަމަށް އައުމާއި އެކު ރައީސް ނަޝީދު އެކަމާއިމެދު ހިތްހަަމަ ނުޖެހުނީކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ޖުމްހޫރީ ޕާޓީ އާއި ގުޅިގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާތީވެސް ޝަރީފް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ޝަރީފްވަނީ ފިކުރެއްގެ ދިރުންގެ ނިންމުންތަކުން އެ ފެކްޝަންގެ ބާރު ނެތިގޮސްފައިވާކަން ހާމަވެގެންދާކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، އެ ފެކްޝަން މިވަގުތު އޮތީ މެކުހަށް ޖަހާފައި، ނަމަވެސް އަމިއްލައަށް ވެރިކަމަށް ކުރިމަތިލުމުގެ ހިތްވަރެއް އެ ފެކްޝަންގައި ނެތްކަމަށެވެ. މިހާރު ފެނިގެންދަނީ އެ ފެކްޝަނުން އެމްއާރްއެމް ފަދަ ކުޑަ ޕާޓީއެއް ހަދައިގެން މަސައްކަތްކުރާ މަންޒަރުކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އެ މަގަށް ފިކުރެއްގެ ދިރުން އެޅުމުގެ އަލާމަތްތައް ފެންނަމުންދާކަމަށާއި، ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތައް ތިއްބެވީ އެމްޑީޕީ ދޫކުރެއްވުމަށް ތައްޔާރަށްކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް އޭނާގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާއިރު، އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްވެސް ވަނީ ރައީސް ނަޝީދުގެ އަމަލުތަކާއިމެދު ކަންބޮޑުވުންތައް ހުރިކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން މިހާރު ހިންގަމުންދާ ހަރަކާތްތައް ޕާޓީގެ އަސާސީ ގަވައިދާއި ހިލާފުވާކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ. އެހެންނަމަވެސް ފިކުރެއްގެ ދިރުން ފަރާތުން ވާހަކަދައްކަވަމުން ކުރީގެ ޗެއަރޕާސަން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވަނީ ގަވައިދާއި ހިލާފުވެވޭކަމަށް ގަބޫލު ނުކުރެއްވޭކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ އަސާސީ ގަވާދުގައިވާ ގޮތުން ޕާޓީގެ އަސާސީ ގަވާއިދާއި، ސިޔާސަތުތަކާއި އުސޫލުތަކާއި، ކަނޑައެޅުންތަކާއި، އަދި އެހެނިހެން ގަވާއިދުތަކާއި އެއްގޮތަށް ސުލޫކު ބަހައްޓާ އެ ގަވާއިދުގައި ބުނެފައިވާ ކަންކަން ގަބޫލުރަންޖެހޭނެއެވެ.

އޭގެ ތެރޭގައި ޕާޓީގެ މަސްލަހަތުތަކަށް ބުރޫނާރާނެ ގޮތަށް އެ މެންބަރެއްގެ އުޅުން ބެހެއްޓުމާއި، ހާއްސަކޮށް ޕާޓީގެ އަހްލާގީ މިންގަނޑަށް ހުރުމަތްތެރިކޮށް ހިތުން ހިމެނެއެވެ. އަދި ގައުމީ މަޖިލީހުން ކަނޑައަޅާ އިޝްތިރާކު މެދުނުކެނޑިދެއްކުމާއި، ޕާޓިގެ އަމާޒުތަކާއި މަގުސަދުތަކައި، އުސޫލުތަކައި، ސިޔާސަތުތަކައި، ޕާޓީއަށް މުހިންމު ކަންކަން ކުރިއެރުރުވުމަށް މަސައްކަތްކޮށް އަދި އެކަންތައްތައް ދިފާއުކުރުމަށްފަހު އަސާސީ ގަވާއިދުން ޕާޓިގެ މެންބަރުންނަށް މަޖުބޫރުކޮށްފައިވެއެވެ. ޕާޓީގެ އަސާސީ ގަވާއިދުން ޕާޓީގެ ކެނޑިޑޭޓުންނަށް ތާއިދުކުރުމާއި، ވޯޓު ހޯދާދިނުމަށް މަސައްކަތްކުރުމާއި އަދި ވޯޓު ދިނުން ލާޒިމްކުރާއިރު، ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން މަސައްކަތްކުރަމުން އަންނަނީ މިއާއި ހިލާފަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: