ރައީސް ސާލިހުގެ ކޯލިޝަން ދައުވަތަށް އެމްއާރްއެމްއިން އިންކާރުކުރުމުން ލިބިގެންދިޔަ ގެއްލުމެއް ނެތްކަމަށާއި ލިބިގެންދިޔައީ ފައިދާއެއްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްއާރްއެމްއިން ރައީސް ސާލިހުގެ ކޯލިޝަން ދައުވަތު އިންކާރުކޮށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ޕާޓީގެ ރައީސް ފާރިސް މައުމޫން ފޯމު ހުށައެޅުމާއިއެކު ޝަރީފްވަނީ އެ ކަމުގެ ސަބަބުން އެމްޑީޕީއަށް ގެއްލުންތަކެއް ލިބުމުގެ ފުރުސަތެއް ނެތްކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ އެމްއާރްއެމްއަކީ އެމްޑީޕީ ޖެހިލުންވެގެން ހާސްވާވަރުގެ ބޮޑު ސިޔާސީ ޕާޓީއެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ކޯލިޝަންގެ ތެރޭގައި އޮތްއިރުވެސް އެމްއާރްއެމްއިންވަނީ ސަރުކާރަށް ޖެއްސުންކުރަމުން އައިސްފައިކަމަށެވެ. އޭނާ ވިދާޅުވީ، އެ ޕާޓީއަކީ 3000 މެމްބަރުން ހަމަނުވާ ޕާޓީއެއްކަމަށެވެ. އެހެންކަމުން ސަރުކާރުގެ ކޯލިޝަންގައި އެ ޕާޓީ ހިމެނުމަށްވުރެ ނުހިމެނިދިއުމަކީ ހާސްތަނުން ރަނގަޅު ކަމެއްކަމަށް ވިދާޅުވިއެވެ.
MRM akee @MDPSecretariat jehilun vegen haas vaa varuge bodu siyaasee party eh noon. Coalition ge therey ove sarukaarah jessun kuramun ai 3k memberun hama nuvaa party eh coalition therey othumah vuren nethun haas thanun ragalhu
— Ibrahim Shareef (@AdduShareef) July 27, 2023
އެމްއާރްއެމް ކޯލިޝަން ދައުވަތު ބަލައިނުގަތުމުން ޝަރީފް ފާޑުވިދާޅުވިއިރު، އެ ޕާޓީއިންވަނީ ދައުވަތު އިންކާރުކުރި ސަބަބުތައް ބަޔާންކޮށްފައެވެ. އެގޮތުން އެ ޕާޓީއިން ދައުވަތު ގަބޫލުކޮށްފައިނުވަނީ އެމްޑީޕީގެ ސިޔާސަތުތަކަށް އެއްބަސްނުވެވޭތީކަމަށް ބުނެފައިވެއެވެ. އަދި އެމްއާރްއެމްއިން އެ ޕާޓީގެ ޕްރައިމަރީއަށް ތައްޔާރުވެފައިވާއިރު، ޑިމޮކްރެޓްސް އަދި ޖޭޕީ އާއި އެމްއެންޕީ އާއިއެކުވެސް ސިޔާސީ މަޝްވަރާތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

