ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފަހުން ރައީސް ނަޝީދު ޖެހޭނީ އެމްޑީޕީ އާއިއެކު “ކުރިއަށް” ވަޑައިގަންނަވަން!

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދާއި، ރައީސް ސޯލިހު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، މިއަދު ދިވެހިރާއްޖެއިން ފެނިގެންދަނީ ޑިމޮކްރެސީގެ އިންތިހާއަށް ތަފާތު މަންޒަރެކެވެ. ފެންނަ ފެނުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އޮތީ ރޫޅިފައެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަދި ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެއް ގަލަކަށް އަރުއްވާނެކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އަދި ރައީސް ނަޝީދުވެސް ބޭނުންވެވަޑައިގަންނަވަނީ އެމްޑީޕީ ފުނޑާލުމަށްފަހު އެހެން ޕާޓީއެއް ހެއްދެވުމަށްކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެހެންނަމަވެސް ރައީސް ނަޝީދުގެ އަމަލުތައް ބައްޓަންވެފައި ހުންނެވި ގޮތަށް ރަނގަޅަށް ނަޒަރު ހިންގާލުމުން އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްތަކުގެ ވަށައިގެންވާ ކިލަނބުކަން ގެއްލި ސާފު މަންޒަރެއް ފެންނަން ފަށައެވެ. އެމަނިކުފާނަކީ ސިޔާސީ ގޮތުން ރާއްޖޭގައި ހުންނެވި އެންމެ ބާރުގަދަ އެއް ފަރާތަށްވާއިރު، އެމަނިކުފާނަކީ އެންމެ ތާއީދު ބޮޑުވެސް އެއް ފަރާތެވެ. ގައިމުވެސް 3000 ވޯޓު ނުލިބިއެއް ނުދާނެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް ބެލުމުންވެސް އެމަނިކުފާނު ބޭނުންވެވަޑައިގެންނެވި ނަމަ، 10،000 މެމްބަރުން ހަމަވާ  ޕާޓީއެއް އުފެއްދިދާނެކަން ވަރަށްވެސް ސާފެވެ. އެހެންނަމަވެސް އެކަމެއް ނުކުރައްވައެވެ. ކުރައްވަމުންދަނީ ފިކުރެއްގެ ދިރުން ނަމުގައި ގޮތްޕެއް އުފައްދައިގެން އެމްޑީޕީގެ ތެރެއިން ރައީސް ސާލިހު ބަލިކަށިކޮށްލެއްވުމުގެ މަސައްކަތެވެ.

މިހާރު ރައީސް ނަޝީދު އަދި އެމަނިކުފާނާއި އެކު ތިއްބަވާ އެމްޑީޕީގެ މެމްބަރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއިއެކު ގިނަ ބައްދަލުވުންތަކެއް އަދި މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާއިރު، ދެ ފަރާތުންވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތްކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު އެމަނިކުފާނު އަދި ގާސިމްއަށް މަރުހަބާގެ ބަސްތައް ރައްދުކުރެއްވިއެވެ.

އެހެންނަމަވެސް ގިނަ ފާޑުކިޔުންތައްވެސް އަމާޒުވެގެންދިޔައެވެ. ސަބަބަކަށްވެގެންދިޔައީ ދެ ބޭފުޅުންގެ ދެމެދު އޮތް ތާރީހީ ގުޅުމެވެ. ގާސިމްއަކީ ރައީސް ނަޝީދާއި ދެކޮޅަށް ސީދާ ފާޅުގައި މަސައްކަތްކުރެއްވި ބޭފުޅެއްކަމަށްވާއިރު، ސިޔާސީ މަސްރަހަށް ނަޒަރު ހިންގާ ގިނަ ބަޔަކު މި ދެ ބޭފުޅުން ސިފަކުރައްވަނީ ތެލާއި ފެނުގެ ކޯލިޝަނެއްގެ ގޮތުގައިއެވެ. އެހާވެސް ބީރައްޓެހި އަދި ނުގުޅޭ ދެ ބާވަތެއްގެ ގޮތުގައެވެ.

މިޒާޖުގެ ގޮތުންވެސް ރައީސް ނަޝީދަކީ ހަލަބޮލި ބޭފުޅެއްގެ ގޮތުގައި ފެނިގެންދާއިރު، ގާސިމް ފެނިގެންދަނީ ވިސްނާވަޑައިގެން އަމަލުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މަޑުމައިތިރި އެހެންނަމަވެސް ރުންކުރު ބޭފުޅެއްގެ ގޮތުގައެވެ. އަދި ރައީސް ނަޝީދަކީ ރާއްޖޭގައި ހުންނެވި އެންމެ ފާޑުކިޔުންތައް ހަޖަމުކުރެއްވުމަށް ކުޅަދާނަ އެއް ބޭފުޅެއްކަމަށްވާއިރު، ގާސިމް ފެނިގެންދަނީ ފާޑުކިޔުންތައް ތަހަައްމަލު ކުރުމުގައި ދަތިވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ. އެހެންކަމުން ދެ ބޭފުޅުންގެ ދެމެދު އަދި އެއްބަސްވުންތަކެއް ގާއިމު ކުރެވުނު ނަމަވެސް އެ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރެއްވޭނެކަމާއިމެދު ޝައްކެވެ. މީގެ ކުރިންވެސް ވެގެންދިޔަ ގޮތަށް ބެލުމުން މި ގުޅުމުގެ ކުރިމަގާއިމެދު ގިނަ ސުވާލުތައް އުފެދިގެންދެއެވެ.

އެގޮތުން އުފެދިގެންދާ އެއް ސުވާލަކީ މިހާރު ރައީސް ނަޝީދުގެ އަމަލުތަކުގެ އިހުލާސްތެރިކަމާއިމެދުއެެވެ. ވަކިން ޕާޓީއެއް ހައްދަވައިގެން މަސައްކަތްކުރެއްވުމުގެ ގާބިލުކަން ޔަގީނުންވެސް ހުންނެވިއިރު، އެކަން ނުކުރައްވާ ރަސްމީ އެއްވެސް ހައިސިއްޔަތެއް ނެތި އެމްޑީޕީގެ ފަރާތުން ޖޭޕީ އާއިއެކު ކުރައްވަމުންދާ މުއާމަލާތްތަކުގެ ފަހަތުގައި އެމަނިކުފާނުގެ މުޅިން އެހެން މަގުސަދެއް އޮތްކަމަށް ފާހަގަކުރެވެއެވެ.

އެމަނިކުފާނުވަނީ މި ދައުރުގެ ތެރޭގައި އެކި ފުރުސަތުތަކުގައި ރައީސް ސާލިހަށް އެކި ހުށައެޅުންތައް ހުށައަޅުއްވާފައެވެ. އެހެންނަމަވެސް ރައީސް ސާލިހު އެމަނިކުފާނުގެ އެއްވެސް ހުށައެޅުއްވުމެއް ބަލައިނުގަންނަވައެވެ. އެމްޑީޕީގެ ކޮންގްރެސް ދުވަސްވަރު ޖެހިގެންދިޔަ ބަރުލަމާނީ ގަރާރުގެ މައްސަލައަކީ މިފަދަ އެއް ކަމެއްގެ މިސާލެކެވެ. އެހެންކަމުން ރައީސް ނަޝީދު ބޭނުންވެވަޑައިގަންނަވާ ކަންކަމަށް ރައީސް ސާލިހު އެއްބަސްކުރެއްވޭނެ ބާރެއް މިއަދު އެމަނިކުފާނުގެ ކިބައިގައި ނެތްކަން ސާފެވެ.

މިއަދު ރައީސް ނަޝީދު ގާސިމް އާއިއެކު ކުރައްވަމުންދާ މަސައްކަތްތަކަކީ އެފަދަ ބާރެއް ހޯއްދެވުމުގެ ގޮތުން ކުރައްވަމުންދާ މަސައްކަތެއް ކަމަށް ފެނިގެންދެއެވެ. ޕާޓީ އާއި ވަކިވަޑައިނުގްނަނަވަނީ އެމަނިކުފާނު އެކަން ކުރައްވަން ގަސްދުނުކުރައްވާތީއެވެ. ފެންނަ ފެނުމަށް އެމަނިކުފާނު ގާސިމް އާއިއެކު ހުންނެވިނަމަވެސް ހަގީގަތުގައި ބޭނުންކުރައްވަމުންދަނީ ރައީސް ސާލިހަށް ރިޔާސީ އިންތިހާބު ގެއްލުމުގެ ބިރު ދެއްކުމަށްޓަކައި ބޭނުންކުރައްވާ ކާޑެއްގެ ގޮތުގައެވެ. ރައީސް ނަޝީދު ޖޭޕީ އާއިއެކު ކުރައްވަމުންދާ މަސައްކަތުގެ މަގުސަދަކީ ރައީސް ސާލިހުގެ މައްޗަށް ބާރު ފޯރުވޭ ހާލަތެއް މެދުވެރިކޮށް އެމަނިކުފާނު އެ ބޭނުންވެވަޑައިގަންނަވާ ކަންކަމަށް އެމްޑީޕީ އެއްބަސްކުރުން ކަމަށް ވުމީވެސް އެކަށީގެންވާ ކަމެކެވެ. ނޫންނަމަ އެމްޑީޕީ ދޫނުކުރައްވާ ހުންނެވުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

އެހެންކަމުން މިއަދުވެސް ރައީސް ނަޝީދު ބޭނުންވެވަޑައިގަންނަވަނީ ހަގީގަތުގައި އެމްޑީޕީ އާއިއެކު “ކުރިއަށް” ދިއުމަށްކަން ޔަގީނެވެ. ނޫން ނަމަ އަމިއްލަ ޕާޓީއެއް އުފައްދަވައިގެން ރަސްމީ ހައިސިއްޔަތަކުން ގާސިމްއާއި މުއާމަލާތްކުރައްވާނެއެވެ. އަދި އެމަނިކުފާނު ގާސިމްއަށް ހުށައަޅުއްވާފައިވާ އެންމެހާ ކަންކަން ގާސިމްވެސް ބަލައިނުގަންނަވާނެކަމަށްވުމުން ފަހު ވަގުތުގައި ޖުމްހޫރީ ޕާޓީ ދޫކުރެއްވުމަށްފަހު، ބުޅަލެއް ނަމަވެސް ހޮއްވެވުމަށް އެމްޑީޕީއާއިއެކު “ކުރިއަށް” ވަޑައިގަތުމަކީ ހަމަވަރަށްވެސް ފުޅާ ފުރުސަތެކެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް ޕާޓީގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާތީވެސް ސުވާލުތަކެއް އުފެދެވެ. އެމްޑީޕީގެ ރައީސް އެ ޕާޓީގެ ކެނޑިޑޭޓާއި ދެކޮޅަށް ކަނޑައެޅިގެން މަސައްކަތްކުރައްވަމުންދާއިރު، ހުއްޓުވާފައިނުވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު އުފެދެއެވެ. ޕާޓީއަކީ ސިޔާސީ ގޮތުން ރާއްޖޭގެ އެންމެ ފުންނާބު އެއް ޕާޓީކަމަށްވާއިރު، ޕާޓީ ރޫޅި މައްސަލަ ޖެހިފައިވާކަމަށް ދައްކައި އެހެން ޕާޓީތައްވެސް މިއަދު އެ ޕާޓީގެ ސިޔާސީ ކުޅިގަނޑުގައި ޖައްސައިފިއެވެ.

އެހެން ޕާޓީތަކުން މިއަދު ރިޔާސީ އިންތިހާބާއިގެން އުޅުމުގެ ބަދަލުގައި އުޅެމުންދަނީ އެމްޑީޕީގެ މައްސަލަތަކުގެ ތެރޭގައިކަމަށްވާއިރު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ތައްޔާރީތަކެއް ފުރިހަމައަށް ވަމުންދާ މަންޒަރު ފެނިގެންދަނީ އެމްޑީޕީ އިން އެކަންޏެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ކެނޑިޑޭޓެއް ނެތް އިރު، ދެވަނަ އަށް އެންމެ ވަރުގަދަ ޕާޓީގެ ގޮތުގައި އޮތް ޖޭޕީއިންވެސް އަމިއްލަ މަސައްްކަތުގެ ބަދަލުގައި އުޅެމުންދަނީ އެމްޑީޕީގެ މައްސަލަ ގަނޑުގައެވެ. އެހެންކަމުން މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީއިން ފަށާފައިވާ ކުޅިވަރެއްނަމަ، މިއީ ވަރަށްވެސް މޮޅު ސިޔާސީ އުކުޅެކެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 71%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 0%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: