ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ އެމްޑީޕީގެ ވެރިކަމުގެ ހާލަތެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވައުދުވީ އުންމީދީ ފަސް އަހަރު ގެނެސްދެއްވުމަށެވެ. އެއީ ޖަޒީރާ ރާއްޖެއެއް ތަރައްގީކޮށް، ރައްޔިތުންގެ ފުދުންތެރިކަމާއި އަދި ދިރިއުޅުމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށެވެ. އޭގެ ފަސް އަހަރު ފަހުން އަނެއްކާވެސް އެ ވައުދުތައް ފުއްދުމުގެ ބަދަލުގައި ބޮޑަށް އޮންނާނީ ކެމްޕެއިނެވެ. އަނެއްކާވެސް ސިޔާސަތުތަކާއި ގުޅުން ހުރި ވައުދުތައް ވެ، އިތުރު ދައުރެއް ދިނުމަށް ރައްޔިތުންގެ ކައިރީގައި ކުރާ އާދޭހެވެ.

އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ގޮނޑި ކާމިޔާބު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތް ކުރި އެވެ. ދައުލަތެއް ހިންގުމަށް ފަސޭހަ ވާނީ ރައީސުލްޖުމްހޫރިއްޔާއާއި އެކު ކުރިޔަށް ދާނެ، އަދި ވެރިކަން ކުރާ ޕާޓީގެ މެމްބަރެއްކަމަށް ބުންޏެވެ. މިހާރު ވެސް މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ އަޣުލަބިއްޔަތެއް އޮވެމެ، ބޭނުން ވާ ނަތީޖާ ނުނެރެވެ އެވެ.

ވައުދުތައް ފުއްދުމަށް މިއަހަރު ކުރަން ޖެހޭ މަސައްކަތްތަކަށް ވުރެ ބޮޑަށް، އޮންނާނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނެވެ. ރަށްތަކަށް ދަތުރު ކުރުމާއި، އަނެއްކާވެސް ސިޔާސަތުތަކާއި ގުޅުން ހުރި ވައުދުތަކާއި އިތުރު ދައުރެއް ކޮންމެހެން ދޭން ޖެހޭކަމަށް ދެކޭ ސަބަބެވެ. އިހަށް ދުވަހު ވެސް އޮތް ބައި އިލެކްޝަނުގައި އެ ގޮނޑި ލިބިގެން ނޫން ގޮތަކަށް ސަރުކާރަށް ރައްޔިތުންނަށް ވީ ވައުދު ނުފުއްދޭނެހެން ހީވި އެވެ. އެކަމަކު މަޖިލީހުގައި ބޮޑު އަޣުލަބިއްޔަތެއް މިހާރު ވެސް އޮވެމެ، ހާސިލު ނުކުރެވުނުކަމެއް ދެން ކުރެވޭނެ ގޮތަކާއި މެދު ސުވާލު އުފެދެ އެވެ.

ރާއްޖޭގެ އިގްތިސާދާއި ގުޅުން ހުރި ސުވާލުތަކެއް މިއަދު އަނެއްކާވެސް އުފައްދާއިރު މިއީ އެއްވެސް ގޮތެއްގައި ކޮވިޑު ނުވަތަ ރަޝިޔާ ޔުކްރެއިން ހަނގުރާމަ ބަހަނާއެއްގެ ގޮތުގައި ދައްކައި ނިންމާލެވޭނެ ވަރުގެ ވާހަކަތަކެއް ނޫނެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކާއި، އަދި އެހެނިހެން ރީސާޗް ރިޕޯޓުތައް ދައްކާ ގޮތުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށް ވާން ފެށީ 2019 ގަ އެވެ. ކޮވިޑުގެ ސަބަބުން ދަތިތަކެއް ދިމާވެ، އާމްދަނީ ވަންނަ ހުރިހާ ދޮރެއް ބަންދުވުމާއި އެކު ސަރުކާރުން އެކަމުގެ ހައްލެއްގެ ގޮތުގައި ދެކުނީ ފައިސާ ޖެހުމެވެ.

އިދާރާތްތަކުގެ އިންޒާރުތަކާއި، ކަންބޮޑުވުންތަކަށް މިއަދު ވެސް ބެލުމެއް ނެތި ސަރުކާރުން ޗާޕު ކުރި ފައިސާގެ އަދަދު 04 ބިލިއަނަށް އަރަ އެވެ. ފައިސާ ޗާޕް ކުރުމުން އިންފްލޭޝަނަށް އަސަރުތަކެއް ކުރާނެކަމަށް އެތައް ބަޔަކު ފާހަގަކުރަމުން ދަނިކޮށް އަނެއްކާވެސް ނިންމީ ފައިސާ ޗާޕު ކުރުމުގެ ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށެެވެ.

އެންމެ ފަހުން ފިނޭންސް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތަކުގައި ވަނީ މި އަހަރުގެ ފުރަތަމަ ތިން މަސް ނިމުމުގެ ކުރިން ސަރުކާރުން މުޅި އަހަރަށް ކަނޑައެޅި އާސަންދަ އަދި ސަބްސިޑީ ބަޖެޓުގެ ބޮޑު ބައެއް ހުސްވެފައިވާ ކަމަށެވެ. ކޮންމެ ހަފްތާއަކު ވެސް ފިނޭންސް މިނިސްޓްރީން އާއްމު ކުރާ ތަފާސްހިސާބުތަކުގައި ވާގޮތުން، މި ހިނގާ އޭޕްރިލް މަހުގެ 13 ވަނަ ދުވަހާއި ހަމައަށް އާސަންދައަށް ކުރި ހޭދަ ވަނީ 783.1 މިލިއަން ރުފިޔާއަށް އަރާފަ އެވެ.

2023 ގައި އާސަންދައަށް ހޭދަވާނެކަމަށް ލަފާކޮށް، ބަޖެޓުގައި ހިމަނާފައި ވަނީ 1 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން، ތަފާސްހިސާބުތަކުގައި މިހާރު ހުރި އަދަދުތަކާއި އަޅާކިއުމުން މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަސްތެރޭގައި އާސަންދައިގެ ބަޖެޓުގެ 70 ވުރެ ބޮޑު އިންސައްތައެއް ވަނީ ހުސްވެފަ އެވެ.

މީގެއިތުރުން ސަބްސިޑީ ދިނުމަށްޓަކައި ބަޖެޓުގައި ކަނޑައެޅި 2.2 ބިލިއަން ރުފިޔާގެ ތެރެއިން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އޭޕްރިލް 13 ގައި ނިޔަލަށް ހަރަދު ކުރިކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެއީ ބަޖެޓުގައި ކަނޑައެޅި އަދަދުގެ 50 އިންސައްތައިގެ ހޭދައެކެވެ.

މިގޮތަށް މައްސަލަ ދިމާވި އެންމެ ބޮޑު ސަބަބަކީ، އަންދާޒާ ކުރި މިންވަރަށް ވުރެ އެތައް ގުނައެއް ހަރަދު އިތުރުވުމެވެ. އަދި ފަހުން ނިންމި ގޮތަށް ހަރަދުތައް ކުޑަ ކުރެވިފައި ނުވުމަކީ ވެސް މައްސަލައެކެވެ.

އަނބުރާ ދައްކަން ޖެހޭ ދަރަނިތައް އިތުރު ނަމަވެސް، ސަރުކާރުން ލޯނުތައް ނެގުމުގައި އެއްވެސް އުސޫލެއް ގެންގުޅެފައި ނުވާތީ އެ އަދަދު ވަނީ 100 ބިލިއަނުން މައްޗަށް އަރާފަ އެވެ. ދަރަނިތައް ނަގަނީ މަޝްރޫއުތައް އަވަސް ކުރުމުގެ ނަމުގައިކަމަށް ވާއިރު އިގްތިސާދަށް ކުރިއެރުންތަކެއް ލިބޭނެ ފެންވަރުގެ މަޝްރޫއެއް އަދި ފަށާފައި ނުވެ އެވެ. ތިލަމާލެ ބްރިޖަކީ، ރާއްޖޭގެ އިގްތިސާދަށް ވަރަ ބޮޑު ބައެއް ހިއްސާ ކުރާނެ މަޝްރޫއެއް ނަމަވެސް ހަތަރު އަހަރުގެ ތެރޭގައި ސާވޭގެ މަސައްކަތް ފިޔަވައި ކުރެވުނު މާބޮޑު ކަމެއް ނެތެވެ. އަދި ފެނުން މައްޗަށް އެރި ރަނގަޅު ތަނބެއް ވެސް ފެންނާން ނެތެވެ.

މަސައްކަތް ނިމޭވަރަކުން ފޭސްތަކަށް ބަހާލައިގެން ހުޅުވާނެކަމަށް ބުނާ، ތިލަމާލެ ބްރިޖުގެ މަސައްކަތް މި އަހަރު އެއްކޮށް ނިންމާލެވޭނެކަމަށް ނުބެލެވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުން ވެސް އެކަން ދޭހަވެއެވެ.

އިޖްތިމާއީ ގޮތުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ނަމަވެސް، އަދި މިހާތަނަށް މާލޭގެ ސަރަހައްދަށް ހާއްސަކޮށް ފެށި މަޝްރޫއުއެއް ނެތެވެ. ރިޔާސީ ދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ގެދޮރުގެ އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑައި، ގޯތީގެ ފަތް ދިނުމަށްފަހުކަމަށް ރައީސް ވިދާޅުވި އެވެ. ނެތީ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ޕްލޭނެކެވެ.

މިދިޔަ ވެރިކަމުގައި ޖުޑިޝަރީ ދާއިރާ އޮތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގޮށްމުށުގެ ތެރޭގައިކަމަށް ވިދާޅުވި ބޭފުޅުން މިއަދު ފަނޑިޔާރުންނަށް ހަދިޔާއެއްގެ ގޮތުގައި ދެނީ މަތީ ކޯޓުގެ ގާޒީކަމެވެ.

ސަރުކާރުގެ ނުރަނގަޅު ސިޔާސަތުތަކަށް އާނ ބަސް ބުނެ، ސަނާ ކިއުމުގައި އަވަދިނެތި އުޅުނު މެމްބަރުން “ޑިމޮކްރެޓިކް” އެމްޑީޕީން ސިފަ ކުރަމުން އައީ ހަޑިކަމެއްގެ ގޮތުގަ އެވެ. ކިތަންމެ ވަރަކަށް ދޮވެ ސާފު ކުރުމަށް މަސައްކަތް ކުރިޔަސް، ގޯސް ސަރުކާރެއް ހުދު ނުވާނެކަމަށް އެމްޑީޕީން ގަބޫލު ކުރި އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން އައިސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދުވަސްވަރު ވެސް އެމްޑީޕީ އެންމެ ފަކުރު ގަތް އެއް ސިފައަކީ އެއްވެސް ހައްދެއް ނެތް މިންވަރަށް ވެރިންގެ އުނގުގެ ތެރޭގައި އޮށޯވެތިބުމެވެ.

ހަގީގަތުގައި އެއީ ރަނގަޅު ވާހަކައެކެވެ. ވެރިއަކަށް ހުންނަ މީހާ އަނިޔާވެރިވުމުން ނުވަތަ ބޭއިންސާފުވުމުން ނުވަތަ ރައްޔިތުންނަށް ދުއްތުރާ ވާގޮތަށް ނިންމުމެއް ނިންމުމުން އެކަމުގެ ދިފާއުގައި ހަރުއަޑުން އެއްކަލަ “ސަރުކާރު” މެމްބަރު އަދި ނިކުންނާކަށް ނުޖެހެ އެވެ.

އޭރު އެމްޑީޕީން ގަބޫލު ކުރި އެއްވެސް ސިޔާސަތެއް، ސިފައެއް ކުލައެއް އެ ޕާޓީގައި މިއަދު ނެތެވެ. އެބުނާ ތިލަފަތެއްގެ ބޭނުމެއް ވެސް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގައި ދެއިރުދެދަޅައަށް މަޖިލީހުގެ މެމްބަރުން ސަރުކާރު ދިފާއު ކުރާތީ އެއްއިރެއްގައި އެކަމާ ބޮލުގަ ރިއްސާތީ އުޅުނު މެމްބަރުން މަހު މުސާރައަށް ސަރުކާރުގެ ވަކީލުކަން ކުރާ ހިސާބަށް ކަންކަން ގޮސްފައި އޮންނާނީ ލައްކަ ވަރުވީމަ އެވެ. ނިންމާ ކޮންމެ ޖުމްލައެއްގެ ފަހަރަތަށް، “ޝުކުރިއްޔާ ރައީސް ޔާމީން” އަދި ނިދީގައި ވެސް ”ޝުކުރިއްޔާ ރައީސް ޔާމީން“ ބުނެވޭތީ ތި ނޫންކަމެއް ކުރާން ނޭނގޭހޭ ބުނެ ވާހަކަ ދެއްކި މެމްބަރުންނަކީ މިއަދު އަމިއްލަ މީހާ ފޯނުގައި ވެސް ”ޝުކުރިއްޔާ އިބޫ“ ޖަހައިގެން އުޅޭ މެމްބަރުންނެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ތަޅުން މިހާރު ފެންނަނީ ކޯޓެއްގެ ސިފައިގަ އެވެ. ރައްޔިތުން ތިބީ، އަނގާ އަތާ ދިމާނުވެފައިކަމަށާއި އިންތިހާއަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ތަޅުމުގައި ކޮންމެވެސް އެއް މެމްބަރަކު ބުނުމާއި އެކު އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި، މީދޫ ދާއިރާގެ ރޮޒެއިނާ އާދަމް އެއްފަހަރާ ނިޒާމީ ނުކުތާއަކަށް އެދެނީ ވާދައަށް ހެން ވެސް ހީވެ އެވެ. އޭގެ ފަހަތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވެސް ރޭހަށް ނިކުމެ އެވެ. ފަހު ތަޅާލުންގަނޑަށް ނިކުންނާނީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ފަދަ ބޭފުޅުންނެވެ. ނޫނީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމެވެ.

މިއީ އެމްޑީޕީގެ ވެރިކަމުގެ ހާލަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: