ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮރިޝަސްއަށް ފޮނުވި ސިޓީގައި އަސްކަރީ އެއްވެސް ވާހަކައެއް ނޯންނާނެ. ދައުރުވަމުން ދަނީ ސައްހަ ސިޓީ އެއް ނޫން: ރައީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރާއެކުގައި--
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރިޝަސްއަށް ޗާގޮސްގެ ސިޔާދަތީ ބާރުލިބިގެންވާ ކަމަށް ދިވެހިރާއްޖެއިން ގަބޫލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގައި އަސްކަރީ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށާއި މީސްމީޑިއާގައި ދައުރުވަމުން ދަނީ ސައްހަ ސިޓީއެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާލުވެއްޖެއެވެ.

ރައީސް ފޮނުއްވި ސިޓީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން އދގެ އާންމު މަޖިލީހުން ޗާގޮސްގެ މައްސަލައިގައި މޮރިޝަސްގެ ކޮޅަށް ނިންމާފައިވާ ނިންމުމަށް ތާއީދުކުރާކަމަށް ނިންމާފައިވާ ކަމަށެވެ. އަދި މޮރިޝަސްއިން އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަނބުރާ ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދޭކަމަށާއި، ރާއްޖެ އެ ގައުމާއިއެކުގައި ވާކަމަށްވެސް ބުނެފައިވެއެވެ.

ސިޓީގައި ބުނެފައިވާގޮތުން ރާއްޖެއަކީ ސަރަހައްދީ ހަމަޖެހުމާއި މިނިވަންކަމުގެ މުހިންމުކަން ދަންނަ ގައުމެކެވެ. އެހެންކަމުން މޮރިޝަސްގެ ސަރަހައްދު ހޯދުމަށް ކުރާ މަސައްކަތްތައް ބަލައިގަންނަކަމަށާއި އެގޮތުން ޗާގޮސް އާކިޕެލެގޯގެ މައްޗަށް އެ ގައުމުގެ ހައްގު އޮތްކަމަށާއި އދގެ ނިންމުމަށް ތާއީދުކުރާކަމަށްވެސް ބުނެފައިވެއެވެ.

މޮރިޝަސްއިން އިޓްލޮސްއަށް ރާއްޖެއާއި ދެކޮޅަށް ހުށަހެޅި މައްސަލަ ރާއްޖެއާއި އެއްކޮޅަށް ނިމުމާއި ގުޅިގެން ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ނޫސްވެރިން ވަނީ ކޮށްފައެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބް ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓިއެއް ކަމަށް ބުނެ ދައުރު ކުރަމުންދާ ސިޓީ އަކީ ސައްހަ ސިޓީއެއް ނޫން ކަމަށާއި އެ ސިޓީގައި އަސްކަރީ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގައިވާ ހުރިހައި ވާހަކަތަކެއްހެން އިޓްލޮސްއިން ކުރި ހުކުމުގައި ބަޔާންކޮށްފައިވާ ކަމަށާއި އެ ނޫން އެހެން އެއްވެސް ވާހަކައެއް ސިޓީގައި ބަޔާންކޮށްފައި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޗާގޮސްގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުވަން ޖެހުނު ސަބަބު ވެސް ރައީސް ވަނީ ވިދާޅުވެ ދެއްވާފައެވެ. އެގޮތުން  ރައީސް ވިދާޅުވީ އެ ސިޓީފުޅު ފޮނުއްވުމުގެ މައިގަނޑު ބޭނުމަކީ ޗާގޮސް އަކީ އިނގިރޭސިންގެ ތަނެއްކަން ރާއްޖެ އިން ދެން ނުބުނާނެ ކަމަށް ވިދާޅުވެ ފޮނުއްވި ސިޓީފުޅެއް ކަމަށެވެ. އަދި އެ ސިޓީ ފޮނުއްވީ، އޭރު މޮރިޝަސްގެ ބާރުގެ ދަށަށް ޗާގޯސް ގޮސްފައި އޮތުމާ ވެސް އެކު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޗާގޯސްގެ މައްސަލާގައި އދ. ގައި ރާއްޖެ އިން ވޯޓު ދިނީ މޮރިޝަސް އާ ދެކޮޅަށް ކަމަށާއި އެއީ ގައުމުތަކުގެ އިސްތިއުމާރު ކުރުމަށް ހިތްވަރު ލިބޭ ނިންމުމެއް ކަމަށް ބުނެ ފާޑު ކިޔުންތައް އޭރު އަމާޒުވި ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު، ރާއްޖެ އަކީ އިސްތިއުމާރު ކުރުމާ އަބަދު ވެސް ދެކޮޅު ގައުމެއް ކަމަށާއި އެގޮތަށް އޭރު ވޯޓު ދިން މައިގަނޑު ސަބަބަކީ، ރާއްޖޭގެ މަސްލަހަތު އޮތް މައްސަލައެއް މޮރިޝަސް އިން ހުށަހަޅާފައިވާތީ އެކަމަށް “ޕްރޮޓެސްޓް ކުރަން” ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޗާގޮސްކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ކަމަށް އދ އިން ކަނޑައެޅުމުގެ މައްޗަށް ބިނާކޮށް މޮރިޝަސް އިން ހުށަހެޅި މައްސަލަ ބެލޭނެ ކަމަށް އިޓްލޮސްއިން ނިންމުމުން، ރާއްޖޭން ކުރި އިހުތިޖާޖުގެ ބޭނުން ކެނޑުނު ކަމަށެވެ. އެހެން ކަމުން ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ރާއްޖެއިން ގަބޫލުކޮށް ސިޓީ ފޮނުވީ އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ދިވެހިރާއްޖެއިން ގަބޫލުކޮށް ސިޓީ ފޮނުވީ ސިއްރު ޑީލްތަކެއް ހަދައިގެން ކަމަށާއި ސިޓީ ސިއްރު ކުރަނީ އެހެން ވެގެން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ވެސް ރައީސް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ސާލިޙް ވިދާޅުވީ  ރާއްޖޭގެ އެއްވެސް ރައީސަކު އަނެއް ރައީސަކަށް ފޮނުވާ ސިޓީއެއް މީގެ ކުރިން ވެސް އާންމުކޮށްފައި ނުވާ ކަމަށާއި އެގޮތަށް އާންމު ކުރަން ވެއްޖެ ނަމަ ހުރިހާ ސިޓީއެއް ހުންނާނީ “ޕަބްލިކް ޑޮމެއިންގައި” ކަމަށެވެ. އެކަމަކު، އެކަހަލަ ސިޓީތަކުގެ މައުލޫމާތު ދީފައި އެބަހުރި ކަމަށާއި އެ ސިޓީގެ މައުލޫމާތުތައް ވެސް ދެއްވަން ޖެހިއްޖެ ނަމަ ދެއްވަން ތައްޔާރު ކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: