ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާވެރިން ގަބޫލު ނުކުރިޔަސް، މޭޑޭ މުޒާހަރާ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި: އިމްރާން

މޭޑޭ މުޒާހަރާގައި އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ: ފޮޓޯ/އަލީ ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ ތާރީހުގައި ބޮޑެތި ހަމަނުޖެހުން ހިނގައި، ސީރިއަސް ބޮޑެތި ތުހުމަތުތަކެއް އެކި މީހުންނަށް ކުރި މޭޑޭ މުޒާހަރާ ރާއްޖޭގެ ތާރީހު ބަދަލުކޮށްލިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މީގެ އަށް އަހަރު ކުރިން މޭއި 01، 2015 ގައި އޭރުގެ އިދިކޮޅުން ބޭއްވި މޭޑޭ މުޒާހަރާގައި އެންމެ އިސްކޮށް ހުރި އެކަކީ އިމްރާނެވެ. އެ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންތަކެއްގެ ގައިގައި ވެހިކަލަކުން ޖެއްސި މައްސަލައަކާއި، ފުލުހެއް މަގުމައްޗަށް ވައްޓައި އަނިޔާ ކުރި މައްސަލަ ހިމެނެ އެވެ.

ޓުވީޓެއް ކުރައްވައި އިމްރާން ވިދާޅުވީ، އަނިޔާވެރިންނާއި އަނިޔާއަށް ތާއީދު ކުރާ ބަޔަކަށް ގަބޫލު ނުކުރެވުނު ނަމަވެސް މޭޑޭ މުޒާހަރާ ރާއްޖޭގެ ތާރިހު ބަދަލުކޮށްލި ކަމަށެވެ.

މޭޑޭ މުޒާހަރާއަށް މިއަދަށް އަށް އަހަރު ފުރުނުއިރު، އެ ދުވަހުގެ އެއްވުންތަކުގައި އިމްރާން ދެއްކި ގިނަ ވާހަކަތަކަށް މިހާރު އެއްވެސް ފުރިހަމަ ޖަވާބެއް ނުދެއްވަ އެވެ. އެގޮތުން އެއްވުމުގައި އިމްރާން ވަނީ ޑރ. އަފްރާޝިމްގެ މަރުގެ ފަހަތުގައިވާ ސިއްރުތަކެއް އެނގޭކަމަށް ބުނެ އާއި އެ އަމަލު ހިންގީ ކޮންބައެއްކަން އެނގޭކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އަފްރާޝިމްގެ މަރާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގުޅުވައި ވެސް ވާހަކަ ދެއްކެވި އެވެ.

މީގެއިތުރުން އިމްރާން ވަނީ ނޫސްވެރިޔާ ރިޟްވާން އަބްދުﷲ ރަޝީދު ގެއްލުވާލި މައްސަލައިގައި ސިއްރު ލިޔުންތަކާއި އެކަމުގެ ހެކިތަކާއި ލިޔުންތައް އޭނާގެ އަތުގައި ހުރިކަމަށް ވެސް ވިދާޅުވެފަ އެވެ.

އެކަމަކު މި ސަރުކާރުގެ މިނިސްޓަރުކަމަށް އައިފަހުން ނޫސްވެރިންނާއި، އަދި މަޖިލީހުގެ ތަޅުމުގައި އެކަމާއި ގުޅޭގޮތުން ކުރި ސުވާލުތަކުގެ ޖަވާބުގައި ފުރަތަމަ އިމްރާން ވިދާޅުވީ އޭރުގެ ސަރުކާރުން އޭނާ ބަންދު ކުރުމަށް ފަހު އެ ކަރުދާސްތައް އަތުލީ ކަމަށެވެ. އެހެންކަމުން އެ ހެކިތައް ވާނީ އޭނާ ހައްޔަރު ކުރި ފުލުސް އޮފިސަރުންގެ އަތުގައިކަމަށް އިމްރާން ވިދާޅުވި އެވެ.

އެ ލިޔުންތައް ދެން ހޯދޭނެ މަގެއް ނެތްކަމަށް ދޭހަވާ މޭރުމަކުން އިމްރާން ވިދާޅުވެފައި ވަނީ އެކަން ހޯދަން ޖެހޭނީ، އަނެއްކާ އިތުރު ތަހުގީގެއް ހިންގަން ކަމަށެވެ.

އެހެން ނަމަވެސް، އޭގެ ފަހުން އަނެއްކާވެސް ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އިމްރާން ވިދާޅުވެފައި ވަނީ އޭނާގެ އަތުގައި އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި އެއީ ސިޔާސީ ވާހަކަތަކެއްކަމަށާއި، އަތުގައި ހުރި ލިޔެކިއުންތަކަކީ އޭރު ހިންގަމުން އައި ހަވީރު މީޑިއާގެ ހަބަރުތަކެއްގެ ސްކްރީންޝޮޓުތަކެއްކަމަށް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވެފައި ވަނީ މޭޑޭގައި އޭނާ ދެއްކެވި ވާހަކަތައް ގިނަ ރައްޔިތުން މިހާރު ހަނދާން ނެތް ކަމަށެވެ. އަދި އެ ދުވަހު އެއްވެސް މީހަކަށް ތުހުމަތުކޮށް ވާހަކަ ދައްކާފައި ނުވާނެކަމަށް ވިދާޅުވިއެވެ. އެދުވަހު ހަމަ އެކަނި ވިދާޅުވީ ރިލްވާން އަދި އަފްރަޝީމްގެ މައްސަލައަށް ވީގޮތް އޭރުގެ ވެރިންނަށް އެނގޭނެ ކަމަށް ކަމަށާއި އެދުވަހު ދެއްކި ހުރިހާ ވާހަކައެއް މިއަދުވެސް ހަނދާނުގައި އެބަހުރި ކަމަށް އިމްރާން ވިދާޅުވިއެވެ.

އެ މައްސަލައިގައި ގިނަ ބަޔަކު އިމްރާނަށް ވަރަށް ބޮޑަށް ފާޑުކިޔަ އެވެ. އަދި އެ ދުވަހު އިމްރާން އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ދެއްކީ ސިޔާސީ މަންފާއެއް ހަސިލުކޮށް އަމިއްލަ މަންފާއަށްކަމަށް ތުހުމަތު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: