ރާއްޖެއިން ކެމްބޯޑިއާއަށް ދަތުރުކުރާ މީހުންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފިއެވެ.
އޮންއެރައިވަލް ވިސާ ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެގައުމުގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކާ ހުން ސެން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށް ފަހުގައި ދެގައުމުގެ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުންނެވެ.
ކެމްބޯޑިއާއަށް ދާ ދިވެހިންނަށް ދޫކުރާ ވިސާ އަކީ ޓުއަރިސްޓް ވިސާއެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅުގައި ރާއްޖެއާއި ދެމެދު ވެވުނު އެއްބަސްވުން ތަކުގެ ދަށުން އެގައުމުން ރާއްޖެއަށް ހަނޑުލާއި ޒުވާރި އާއި މިރުހާއި ދަނޑިއަލުވި އަދި ކެޝޫނަޓް ފަދަ ބާވަތްތައް އެތެރެކުރުމުގެ އިތުރުން ލަކުޑިއާއި ފޭރާމުގެ ބާވަތްތައް އެތެރެ ކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގައި ބަންދުކުރާ ދަޅު މަހާއި ކަނޑުމަހުގެ ބާވަތްތައް ކެމްބޯޑިއާ އަށް އެކްސްޕޯޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކެމްބޯޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

