މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިސް މެމްބަރުންތަކެއް އެ ޕާޓީން ވަކިވާން ނިންމައިފިއެވެ.
އެމްއާރުއެމް އިން ވަކިވާން ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ ގޮތުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
”ސަންގަށް“ މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއާރުއެމް އިން ގާތްގަނޑަކަށް އިސް ސަފުގައި ބައިވެރިވާ 12 ވަރަކަށް ބޭފުޅުން ވަކިވުމަށް ނިންމާފައިވެއެވެ.
އެބޭފުޅުންގެ ތެރޭގައި :
- ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން އިސްމާއީލް ނާއިލް ރަޝީދު
- ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ފަސީލް
- ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ފަރުހާދު އިބްރާހީމް
- ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓް އަހްމަދު ސޮފްވާން
- އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު
- އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު
- މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމު
- މުހައްމަދު ނަދީމް (މިނިސްޓަރު ޔުމްނާގެ ފިރިކަލުން)
- އެޗްޑީސީގެ ބޯޑު މެންބަރު އިބްރާހީމް އަފްރާތު
- އަބްދުލްޙަމީދު އަހުމަދު ހިމެނިވަޑައިގަންނަވައެވެ.
އެމްއާރުއެމްގެ ލީޑަރޝިޕުން ގިނަ ބަޔަކު ޕާޓީ ދޫކޮށް ދިއުމަށް ނިންމާފައިވާއިރު އެ ޕާޓީގެ ފަރާތުން ދާދިފަހުން ވަނީ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ކޯލިޝަނާއި އެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައެވެ. އެބައްދަލުވުމުގައި އެމްއާރުއެމް އިން އެމްޑީޕީ އަށް ހުށަހެޅި ކަންކަމުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަދި އިސްތިޤުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށްޓަކައި މަޢުލޫމާތަށް ވަނީ އެދިފައެެވެ. އަދި ދިވެހި ރައްޔިތުންގެ މަސްލަޙަތާއި އެމް.އާރް.އެމްގެ އުޞޫލުތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރު ކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.
ކޯލިޝަން އެއްބަސްވުމަށް އިޙްތިރާމުކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން ވެސް ޢަމަލު ކުރާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ގޮތެއް ހޯދުމާއި ބެހޭ ގޮތުން އެމްޑީޕީ ކޯލިޝަންގެ މެމްބަރުންނާއި މަޝްވަރާ ކުރެވިފައިވާ ކަމަށް އެމްއާރު އެމް އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތަކާއި ޤައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމް ކުރާނެ ގޮތްތަކާއި އެކަމުގެ ހައްލުތަކާއި ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަޤީންކަން ދެމެހެއްޓުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވިފައިވެއެވެ.
އެމްއާރުއެމް އިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހް އާއި ކޯލިޝަން ހެދުމާއި ގުޅޭގޮތުން ގޮތެއް އަދި މިހާތަނަށް ނިންމާފައިނުވާއިރު، އެޕާޓީން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އާއި އެކުގައިވެސް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. ބައްދަލުވުމަށްފަހު އެމްއާރުއެމްގެ ރައީސް ފާރިޝް މައުމޫން ވިދާޅުވެފައިވަނީ ސިޔާސީ ގޮތުން ވާދަކުރުމާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އަދި އަވަސް ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން އެމްއާރުއެމްގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން މީޑިއާ އަށް ފާހަގަވެފައެއް ނުވެއެވެ. ނަމަވެސް އެމްއާރު އެމްގެ ފަރާތުން ސަރުކާރުގެ މަގާމްތަކުގައި ތިބި ގިނަ މެމްބަރުން ވަނީ ރައީސް ސާލިހަށް ތާއީދު ކުރުމަށް ނިންމާފައެވެ.

