ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗުގެ އިހުމާލު؛ ފައިވަޅު އިންފެކްޓުވީއިރު، އަތުގެ އިނގިލިތައް ބުރިކޮށްލަން ޖެހި އެންމެފަހުން މަރު!

އާއިލާއިން ސަންގުއާއި ހިއްސާކުރި ފޮޓޯ/ ފޮޓޯ: އާއިލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ އިހުމާލުތަކުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އެ ވާހަކަތައް އާއިލާތަކުން ފުން އަސަރާއި އެކު ކިޔައިދޭއިރު ގައިން ހީބިހި ނަގައިގެން ދެ އެވެ. ރާއްޖެއަށް ނުހަނު ބޭނުން ޖެހިފައިވާ މެޑިކަލް ނެގްލިޖެންސް ގެ ގާނޫނެއް ގެނައުމަށް މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތެއް ފެންނަން ނެތްއިރު، ތަކުރާރުކޮށް ހެލްތް މިނިސްޓްރީއާއި ކުރާ މި ސުވާލަށް ދޭ ޖަވާބަކީ ޑޮކްޓަރުން ނުވަތަ ނަރުހުންގެ އެފަދަ އިހުމާލުތަކުގެ މައްސަލަ ބަލާނީ މެޑިކަލް ބޯޓުން ކަމަށެވެ.

މީގެ ދުވަސްތަކެއް ކުރިން ސޯޝަލް މީޑިއާގައި އާއްމުވި ޕޯސްޓެއްގައި އައިޖީއެމްއެޗުގައި އުމުރުން 85 އަހަރުގެ އަންހެނަކަށް ދިމާވި ވާހަކަތައް ގެނެސްދިނެވެ. އެކަމަކު، އެ ޕޯސްޓަށް ގިނަ ބަޔަކު ދިން ރައްދަކީ އެއީ އިހުމާލެއް ނޫން ކަމަށެވެ. ކަންކަން ދިފާއު ކުރުމުގައި އަވަދިނެތި އުޅެވުމުގެ ސަބަބުން އަސްލު ދިމާވީ ކިހިނެއް ތޯ ބަލަން ވެސް އެކަކު ވެސް ބޭނުން ނުވި ފަދަ އެވެ.

ކޮންމެއަކަސް، މިއީ މިދިޔަ މާޗު މަހުގެ ތެރޭގައި ފެށިގެންއައި ކަމެކެވެ. ދައްތަ ބޭސްފަރުވާ އަކަށް މާލެ ގެނައީ ރަށުގައި ދިރިއުޅެމުން ދަނިކޮށް 25 މާޗު 2023 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވެއްޓި ބޯ ފަޅައިގެން ދިޔުމުން، ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލި ފަހުން އިތުރަށް ހާލަތު ގޯސްވުމުން ދެވަނަ ފަހަރަށް ހޮސްޕިޓަލަށް ގެންގޮސް އައިޖީއެމްއެޗްގެ ނިއުރޮލޮޖިސްޓަކާއި މަޝްވަރާކޮށް ސިކުޑީގެ ސްކޭނެއް ހެދުމަށް އިރުޝާދު ދިނުމުންނެވެ.

އެއީ ރަށު ހޮސްޕިޓަލުން ކުރެވެން ނެތް ސްކޭނަކަށްވާތީއެވެ. ލަފާއާއި އެއްގޮތަށް ކަންތައްކުރުމުގެ ގޮތުން ދައްތަ 26 މާރިޗު 2023 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑްމިޓުކޮށްކޮށް ފަރުވާދޭން ފެށިއެވެ. އެގޮތުން ސީޓީ ސްކޭން ހެދުމަށްފަހު އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރު ބުނި ނަމަވެސް ޔޫރިން އިންފެކްޝަނެއް ހެދިފައިވާތީ އެކަމަށް އިތުރު ޓެސްޓްތަކެއް ހެދިއެވެ.

ދައްތަގެ ބަލި ހާލަތުގެ ގޮތުން ވަރަށް ކައިރިން ބަލަންޖެހޭ ކަމަށް ބުނެ އައިޖީއެމްއެޗްގެ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) އަށް ބަދަލު ކުރީ 27 މާރިޗު 2023 ވަނަ ދުވަހު އެވެ. ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) އަކީ ހޮސްޕިޓަލެއްގެ ތެރޭގައި އާންމުކޮށް އާންމު ހޮސްޕިޓަލް ވޯޑެއްގައި ލިބޭ ފަރުވާއަށްވުރެ މަތީ ފެންވަރެއްގެ ފަރުވާއެއް ފޯރުކޮށްދޭ ނަމަވެސް އިންޓެންސިވް ކެއާ ޔުނިޓެއް (އައިސީޔޫ) ގައި ދޭ ފަރުވާއާ އެއްވަރަށް ފަރުވާދޭ ޔުނިޓެކެވެ. އެޗްޑީޔޫތައް ފަރުމާކޮށްފައިވަނީ ސީރިއަސް ބަލިވެ އުޅޭ، ކޮމްޕްލެކްސް މެޑިކަލް ކޮންޑިޝަންސް ހުންނަ ނުވަތަ ސާޖަރީން ރަނގަޅުވަމުން އަންނަ ބަލިމީހުންނަށް ހާއްސަ މެޑިކަލް ކެއާ އާއި މޮނިޓަރިން ދިނުމަށެވެ.

ފަހަނާއަށް ވެއްޓި އަނިޔާވި ދުވަހު ހޮސްޕިޓަލުން ގެއަށް އައިސް ސައި ބޮއެ، ނިދާލުމަށް ފަހު މެންދުރު ރަނގަޅަށް ކެއިކަން އާއިލާއިން ފާހަގަކުރެ އެވެ. އޭގެ ފަހުން މީހާއަށް ބަދަލުތަކެއް އައިސް ރުޅިގަދަވާން ފެށީ އެވެ. އާއިލާއަށް ވެގެން އުޅޭގޮތެއް ނޭނގުނެވެ. އަދި ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުވުމުން އަނބުރާ ހޮސްޕިޓަލަށް ގެންދިޔައީ އެވެ.

ގާތްގަނޑަކަށް މަހެއް ހާ ދުވަހު އެތަނުގައި ފަރުވާ ދެމުން ދިޔަ ނަމަވެސް ދައްތަގެ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި އިތުރަށް ވީ ގޯސްކަމަށް އާއިލާއިން ބުންޏެވެ. އާއިލާއިން ބުނި ގޮތުގައި ދައްތަ ނިޔާވެގެން ދިއުމުގައި އައިޖީއެމްއެޗުގެ އިހުމާލު ވަރަށް ބޮޑެވެ. ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލު އިންތިހާއަށް ބޮޑުކަން ފާހަގަކޮށް އާއިލާއިން ބުނީ އައިޖީއެމްއެޗުގައި އޮތްއިރު އެތަން ކިހިނެއްތޯ ވާހަކައިގެ ތެރެއިން ސުވާލުކޮށްލުމުން ގޯސްކަމަށް ދައްތަ ބުނި ކަމަށެވެ.

އާއިލާއިން ބުނީ، ދައްތަ އެތަނުގައި ހޭދަކުރި މުއްދަތުގައި ރަނގަޅަށް ސާފުވެސް ނުކުރާކަމަށެވެ. އާއިލާއަށް އެ ފުރުސަތު ދޭން ބުންޏަސް ގިނަ ފަހަރު ދެކޮޅުހަދާއިރު ގިނަ ދުވަސް ދުވަހު ކާން ދީފަ އަންނަފަހުން ވެސް ގުޅާފައި އާއިލާގެ މީހަކު ނާންނަނީތޯ ވެސް ސުވާލު ކުރާ ކަމަށެވެ.

އެޗްޑީޔޫގައި އޮތްއިރު ދައްތަގެ ކަނާއަތުގެ އިނގިލިތަކަށް ބަދަލުތަކެއް އަންނަކަން އާއިލާއަށް ފާހަގަ ކުރެވިގެން ތަކުރާރުކޮށް އެކި ފަހަރުމަތިން އެކަން ސާފުކުރުމަށް ސުވާލު ކުރުމުން އެކަމަށް އަޅައެއްނުލި އެވެ. ފުރަތަމަ އެކަމަށް އަޅާލުމެއް ނުދިނަސް ފަހުން އެ އިނގިލިތަކަށް އެގޮތަށް ދިމާވީ ފުރާނަ ސަލާމަތް ކުރުމަށް ދިން އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާއަށް މައުލޫމާތު ދިނެވެ.

އެ އިންޖެކްޝަނުގެ ސަބަބުން އެފަދަ ކަމެއް ކުރިމަތިވެދާނެ ވާހަކަވެސް އޭގެ ކުރިން އާއިލާއާ ހިއްސާކޮށްފައެއް ނުވެއެވެ. އަދި އިނގިލިތައް މަރުވީ ފާތުމަތު އިބްރާހިމް ދީދީގެ ލޭގެ ޕްރެޝަރ ދައްވަމުންދާތީ އެކަން ކޮންޓްރޯލްކުރަން ތަކުރާރުކޮށް ޖެހި އިންޖެކްޝަން ތަކަކުންކަން ފަރުވާ ދިން ޑޮކްޓަރުން ދެއްވި މައުލޫމާތުން އާއިލާއަށް އެނގެއެވެ.

ދައްތައަށް ދިން އިންޖެކްޝަނުގެ ސަބަބުން އިނގިލިތައް މަރުވުމުގެ އިތުރުން، ހަށިގަނޑަށް ހޮޅިއެއް ގުޅަން ބޭންކުރި ކެނޫލާއެއް ޖެހި ތަނެއް ވެސް އޮތީ ވަރަށް ބޮޑަށް އިންފެކްޓްވެފައެވެ. އަދި އަތަށް ގުޅާފައިވާ ކެނޫލާތަށް ނައްޓާލުމަށްފަހު ސެންޓަރަލް ވީނަސް ކެތެޓަރ (ސީވީސީ) ނުވަތަ ސެންޓަރަލް ލައިނެއް ކަރަށް ގުޅަންޖެހޭ ކަމަށް ބުނެ އެކަންކުރުމަށް “ކޮންސެންޓް” ފޯމުގައި އާއިލާގެ ފަރާތުން ސޮއިކުރުވާފައިވެއެވެ. ނަމަވެސް ސެންޓަރަލް ވީނަސް ކެތެޓަރ ކަރަށް ގުޅާފައެއް ނުވެއެވެ.

އޭގެ ބަދަލުގައި ސެންޓަރަލް ވީނަސް ކެތެޓަރ ގުޅާފައިވަނީ ފައިވަޅަށެވެ. އަދި އެކަންކުރަން ޖެހުނީ ކަރަށް ނުލެއްވިގެންކަންވެސް އާއިލާއަށް އަންގާފައެއް ނުވެއެވެ. އޭގެ ސަބަބުން ފައިވެސް އޮތީ ވަރަށް ބޮޑަށް ދޮސްލައި އިންފެކްޓްވެފައިވެއެވެ. އަދި އެކަން ފާހަގަ ކުރެވުނީ ބަލިމީހާ އައިޖީއެމްއެޗް އިން އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް ބަލިމީހާ ސާފުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. އަދި ފައިގެ ބޮޑު ހިސާބެއް އިންފެކްޓް ވެފައިވާކަން އާއިލާ އަށް އަންގާފައިނުވާއިރު ޑިސްޗާޖު ސަމަރީގައިވެސް އެކަން ފާހަގަކޮށްފައެއް ނުވެއެވެ. އަދި ދައްތަގެ ހާލަތު ގޯސްވަމުން ދިޔައިރުވެސް މާބޮޑު ސަމާލުކަމެއް އަދި އަޅާލުމެއްދީފައި ނުވާ ކަމަށް އާއިލާއިން ގަބޫލު ކުރެ އެވެ.

އެޗްޑީޔޫގައި އޮއްވައި ކޯވިޑް-19 ޕޮޒިޓިވްވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާއިރު، އެވަގުތު އެޗްޑީޔޫ އާއި ޙަވާލުވެ ހުންނެވި ޑޮކްޓަރު ކޯވިޑް ސާމްޕަލް ނަގާ ޓެސްޓް ހެދިކަންވެސް އާއިލާއަށް އަންގާފައެއް ނުވެއެވެ. އަދި ކާންދީ ހެދުމަށް އެވޯޑަށް ވަތް އާއިލާގެ އެކަކުވެސް ޓެސްޓްކޮށް އައިސޮލޭޓްވާން އަންގާފައިނުވާކަން އާއިލާއިން ފާހަގަކުރެ އެވެ.

މީގެ އިތުރުން އެޗްޑީޔޫގައި އޮއްވާ ކޮވިޑަށް ޕޮޒިޓިވްވުމުން އެހާލުގައި އޮތް ބަލި މީހަކު ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރަން ވަނީ މަސައްކަތްކޮށްފައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ކޮވިޑް ބަލި މީހުން އެނދުމަތި ކުރާ ވޯޑަށް ބަދަލު ކުރުމަށް އެދުމުން މެޑިކަލް ޑިޕާޓްމަންޓްގައި ފަރުވާ ދެމުންދާ ބަލި މީހުން ދަރުމަވަންތައަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި އާއިލާގެ ފަރާތުން ދައްތަ ކޮވިޑް ފެސިލިޓީއަށް ގެންދަން ބޭނުން ނުވާ ވާހަކަ ބުނުމުން، މެޑިކަލް ސައިޑުން އިތުރަށް ދެވޭނެ ފަރުވާއެއް ނެތް ކަމަށާއި ސާޖިކަލް ޑިޕާޓްމަންޓުން ބަލި މީހާއާ ހަވާލުވާން ބޭނުންނުވާ ކަމަށާއި އަދި ބަލި މީހާ ގެއަށް ގެންދިޔުމަށް ޑޮކްޓަރު ބުންޏެވެ.

އާއިލާގެ އެންމެ ބޮޑު ޝަކުވާއަކީ، ހަފްތާއަކުން ހަފްތާއަކުން ޑޮކްޓަރު ބަދަލުވުމެވެ. އަދި ޑޮކްޓަރު ބަދަލުވާއިރު ކުރީގެ ހިސްޓްރީ ކޭސްއާއި ހަވާލުވާ ޑޮކްޓަރަށް ނޭނގުމެވެ. ނަރުހުންނާއި ސުވާލު ކުރުމުން ބުނަނީ ކޭސްއާއި ހަވާލުވެ ހުރި ޑޮކްޓަރާއި ސުވާލު ކުރުމަށެވެ. އަތުގައި އިން ކެނިއުލާ ބަދަލުކޮށް އެހެން ކަންކަން ކުރުވީ ޓްރެއިނިން ދަރިވަރުންލައްވަ އެވެ. އެއީ ބައެއް ފަހަރު އަމަލު ކުރާ އުސޫލު ކަމަށް ވިޔަސް ނުވަތަ ނުވިޔަސް އާއިލާގެ ޝަކުވާއަކީ އެހާ ބަލި އަދި އުމުރުން 90 އާއި ގާތްވެފައި ހުރި މީހަކަށް ލިބެން ޖެހޭ ހާއްސަ ފަރުވާ ނުލިބުމެވެ. އަޅާލުމާއި އެހީތެރިކަން ނުދިނުމެވެ.

ސަންގުގެ ސްޓޫޑިއޯގައި ތިބެ އާއިލާއިން މި ވާހަކަ ހިއްސާ ކުރަމުން ދިޔައިރު، އެ މީހުންގެ ގާނޫނީ ވަކީލު ވެސް ހުއްޓެވެ. މެޑިކަލް ކައުންސިލަށް ސިޓީ ފޮނުވައި، މަޖިލީހަށް ވެސް ސިޓީ ފޮނުވަން ދިޔައީ ތައްޔާރުވަމުންނެވެ.

އާއިލާގެ ޝަކުވާތައް ކިތަންމެހާ ވެސް ގިނަ އެވެ. އައިޖީއެމްއެޗުގެ ފަރުވާކުޑަކަމާއި އަޅާނުލުމެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރު އާއިލާއާ ބައްދަލު ކުރަން ބޭނުން ނުވި އެވެ. ސާޖަރީ ޑިޕާޓްމަންޓުން ދައްތައާއި ހަވާލުވާން ބޭނުން ނުވި އެވެ. މިހެން ގޮސް އެތައް ކަމެކެވެ.

މި މައްސަލައިގައި އައިޖީއެމްއެޗުން ބުނީ މިފަދަ މައްސަލައެއް ފާހަގަވެ އެކަން ބަލަމުން އަންކަމަށެވެ. އިތުރު ކުރިއެރުމެއް ނެތެވެ. މިއީ އައު ޖަވާބެއް ނޫނެވެ. މިފަދަ ކޮންމެ މައްސަލައެއް ދިމާވުމުން ދޭ ޖަވާބެވެ. މިކަހަލަ ކިތަންމެ ކަމެއް އައިޖީއެމްއެޗް ތެރޭގައި ހިނގާފައި ހުންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ދަންނަވަން އޮތީ އެންމެ ވާހަކައެކެވެ. ސިއްޙީ މަސައްކަތްތެރިންގެ މުސާރަ ބޮޑުކުރުމަކުން ނިމުނީެއް ނޫނެވެ. ސިއްހީ މަސައްކަތްތެރިންގެ އިހުމާލުން ލިބޭ ގެއްލުން ބަލައި ތަހުގީގް ކޮށް އިންސާފް ލިބޭނެ ގާނޫނީ ނިޒާމެއް ވެސް ގާއިމް ކުރަންވީއެވެ. އެ ނޫން ގޮތަކަށް މިފަދަ މައްސަލަތައް ހައްލެއް ނުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 78%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: