ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެށުނީއްސުރެ ގެންގުޅުނު ސިޔާސަތަކީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެއްކަމަށް: ޝަހީދު

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްގެ މައްސަލައިގައި ރާއްޖޭން ޒަމާނުއްސުރެ ދަމަހައްޓަމުން އައި ސިޔާދަތު ފުރަތަމަ ބަދަލުކުރީ 2010 ގައިކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ދެއްކެވި ވާހަކައިގައި ހަގީގަތެއް ނެތްކަމަށް އޭރުގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ކަނޑުގެ ސަރަހައްދު ވަކި ކުރިގޮތުގެ ސަބަބުން ރާއްޖޭގެ މަސް ކަނޑު ގެއްލިފައިވާކަމަށާއި މިއީ ސަރުކާރުން އިޓްލޮސްގައި ވަކާލާތު ކުރަންޖެހޭ ގޮތާއި ހިލާފަށް ވާހަކަ ދެއްކުމުގެ ސަބަބުން ނިކުތް ނަތީޖާއެއްކަމަށް ބުނެ ގިނަ ބަހުސްތަކެއް ދަނީ ކުރެވެނުންނެވެ. އެކަމަކު ސަރުކާރުން ބުނަމުން ދަނީ، މިއީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއްކަމަށާއި ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް ބަލައިގަނެ އެ ގައުމާއި ރާއްޖެ ދެމެދު އިން ކަނޑައެޅުމުން ދެކުނުގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުން ފަސޭހަވެގެން ދާނެކަމަށެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގެ ހުކުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެއްވެސް ޒަމާނެއްގައި ޗާގޮސްއަކީ ދިވެހިންގެ ސިޔާދަތީ ބާރު ހިނގާތަނެއްކަމަށް ފެންނަން ނެތް ކަމަށެވެ. އަދި ވިދާޅުވީ އެއީ ދިވެހިންގެ ތާރީހެއް އޮތް، އަދި ދިވެހި ރައްތިތުންގެ ތަނެއްކަމަށް ވަކާލާތު ކުރެވޭނީ ތާރީހީ ހެއްކާއި ކިތާބީ ހެކި ކުރެގެން ކަމަށެވެ.

އެރޭގެ ޕްރެސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައިގައި، ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ކަނޑައެޅުމާއި ގުޅޭ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2017 ގައި ކުރިޔަށް ގެންދިޔައިރު ރާއްޖެއަށް ލިބިފައި ވަނީ ވަކާލާތު ކުރުމަށް އެންމެ ފަހު ފުރުސަތުކަމަށެވެ. އެކަމަކު އޭރު ވެސް ރާއްޖެއިން އެގޮތަށް ވަކާލާތު ނުކުރާކަމަށް ވިދާޅުވި އެވެ.

ޝާހިދުގެ ވާހަކައަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވެސް ރައްދު ދެއްވިއިރު، ޝާހިދުގެ ވާހަކަތަކުގައި ހަގީގަތެއް ނެތްކަމަށް ބުނެ ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ ރާއްޖޭގެ ސިޔާދަތު ފުރަތަމަ ބަދަލުކުރީ 2010 ގައި އޭރުގެ ފޮރިން މިނިސްޓަރު ޝަހީދު ކަމަށެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރެވެ.

ޗާގޮސްގެ ހުކުމާއި އެކު ސަރުކާރަށް މަރުހަބާ ވެސް ވިދާޅުވެފައިވާ، ޝަހީދު މިއަދު ކުރެއްވި ޓުވީޓުގައި ވަނީ އާޒިމާ ދެއްކެވި ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި ރާއްޖެ މިނިވަންވީއްސުރެ ސިޔާސަތަކީ މޮރިޝަސްއަށް ޗާގޮސް ލިބުންކަމަށް ޝަހީދު ވިދާޅުވި އެވެ.

ޝަހީދު، އާޒިމާއަށް ރައްދު ދެއްވާފައި ވަނީ މޮރިޝަސްއިން ރާއްޖެއާއި ވާހަކަ ދައްކަން ފުރަތަމަ ހުށަހެޅީ 2001 ގައިކަމަށާއި އެކަމަކު ރައްޖެއިން ވާހަކަ ދައްކަން ދެކޮޅު ހެދީ ޗާގޮސްގެ ސިޔާދަތީ ބާރާއި މެދު މޮރިޝަސްއާއި އިނގިރޭސިވިލާތް ދެމެދު އޮތް މައްސަލަ ނުނިމެނީސް މަޝްވަރާ ނުކުރެވޭނެކަމަށް ވިދާޅުވުމުންނެވެ. އެ ދުވަހުގެ ޕްރެސްގައި އާޒިމާ އިތުރަށް ވިދާޅުވީ ޑިސެމްބަރު 16، 1965 އިން ފެށިގެން ވެސް ރާއްޖޭގެ ސިޔާސަތަކީ ޗާގޮސްއަކީ މޮރިޝަސްއަށް ލިބެންޖެހެ ތަނެއްގެ ގޮތުގައި ބެލުން ކަމަށެވެ.

އެކަމަކު ޝަހީދު ވިދާޅުވީގޮތުގައި، 2010 ގައި ޗާގޮސް އާއި މެދު ރާއްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށްފައި ނުވާނެ އެވެ. އަދި 1965 އިން ފެށިގެން ރާއްޖެއިން ގެންގުޅުނު ސިޔާސަތަކީ ޗާގޮސްއަކީ މޮރިޝަސްއަށް ލިބެން ޖެހޭތަނެއްކަމަށް ވަކާލާތު ކުރުންކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން 1968، 1983، 1997، 2002 އާއި އެ ނޫން ވަގުތުތަކުގައި ވެސް ހާމަކުރީ ހަމަ އެ ސިޔާސަތުކަން ޝަހީދު ފާހަގަކުރެއްވި އެވެ.

2001 އިން ފެށިގެން 2010 އާއި ހަމައަށް ޗާގޮސްގެ ސިޔާދަތީ ބާރަކީ ކޮންޓެސްޓެޑް އެއްޗެއްކަމަށް ނިންމައި އެ ސްޓޭންޑް ނަގައިގެން ތިބި ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ މޮރިޝަސްއިން އިމުގެ މައްސަލައިގައި ކޮންޓިނެންޓަލް ޝެލްފާއިބެހޭ ގޮތުން ޝައުގުވެރިކަން ފާޅުކޮށް އެންމެ ފުރަތަމަ ހުށަހެޅުން ހުށަހަޅާފައިވަނީ 2009 ވަނަ އަހަރު ކަމަށެވެ.

ޗާގޮސްގެ މައްސަލައިގައި އެންމެ ބޮޑު އެއް، ބަހުސެއް އުފެދިފައި ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުވި ސިޓީއަށެވެ. އަދި އެ ސިޓީ ކޮންމެހެން ވެސް ހާމަކުރަން ޖެހޭކަމަށް ގިނަ ބަޔަކު ދެކޭތީ އޭގެ ރައްދުގައި ޝަހީދު ވިދާޅުވީ އިޓްލޮސްގައި އީއީޒެޑާއި ގުޅޭގޮތުން ތަފާތު ނަތީޖާއެއް އައުމަކީ ގާނޫނީ ގޮތުން ހުރި ކަންކަމަށް ބަލާއިރު ވުމަށް ވުރެ ނުވުން ގާތްކަމެއް ކަމަށެވެ. ޝަހީދުގެ ނަޒަރުގައި މިއަށްވުރެ ރަނގަޅު ނަތީޖާއެއް ރާއްޖެއަށް ހޯދިދާނެކަމަށް ނުބެލެވެ އެވެ.

ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން މައްސަލަ ހުށަހަޅާފައި ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދާއި، ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑްރީ ކަނޑައަޅައިދިނުމަށެވެ.

މައްސަލައިގައި ގޮތެއް ނިންމުމަށް ކުރިޔަށް ދިޔަ ހުކުމް މަޖިލީހުގައި އިޓްލޮސްއިން ނިންމާފައިވާ ފުށު އަރާބައި އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ. ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ. ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ.

މައްސަލަ ހުށަހަޅައި މޮރިޝަސް ބުނީ، ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބެލެންހެމް ރީފްއިން ފެށިގެން ކަމަށެވެ. އެކަމަކު އެއަށް ދެކޮޅު ހަދައި ރާއްޖެއިން ބުނީ ބައިނަލްއަޣުވާމީ ހަމަތަކުފެ ދަށުން ތިލަ ދިޔަވަރުގައި ފެންނަން އޮތް ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށެވެ. ރާއްޖޭގެ އެ ނުކުތާއަށް ހުކުމުގައި ތާއީދުކޮށްފައި ވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ހާރިޖީ ސިޔާސަތުތަކުގެ ކާމިޔާބީއެއްކަމަށް، ވަޒީރުން ވަނީ އެންމެ ފަހުން ބޭއްވި ޕްރެސްގައި ފާހަގަކޮށްފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: