ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރެވޭނެ ގޮތްތައް އެބަހުރި؛ އެކަމަކު ތަފްސީލެއް ނުދިން

ކަނޑު ވިއްކުމާ ދެކޮޅަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ބަންޑާރަ ނައިބް ޑރ. މުހައްމަދު މުނައްވަރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސް އާއި ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކި ކުރުމާއި މެދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމާފައިވާ ނިންމަކީ އެންމެ ފަހުގެ ނިންމުންކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ ނަމަވެސް ބައިނަލްއަޣުވާމީ ގާނޫނާއި އިތުރު މުއާހަދާތައް ވެސް ހުންނާނެކަމަށާއި އެކަމަކު އެ މައުލޫމާތު ދެވެން ނެތްކަމަށް ޗާގޮސް ކޯލިޝަނުން ބުނެފި އެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް އާއި، ރާއްޖޭގެ އިން ވަކިކުރިގޮތުން ކަނޑުގެ ބޮޑު ސަރަހައްދެއް ގެއްލިފައިވާކަމަށް ފާހަގަކޮށް އިދިކޮޅުން ކުރަމުން ދާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް ގެންދާ ޖޮއިންޓް ޕާޓީ ބައްދަލުވުންތައް ވަރުގަދަކޮށްފި އެވެ.

ރާއްޖެއިން އިންޓަނޭޝަނަލް ޓަރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ވަކާލާތު ކުރީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ގާނޫނާއި ހިލާފަށްކަމަށް ގިނަ ބަޔަކު ބުނެ އެވެ. ހާއްސަކޮށް ބަންޑާރަ ނައިބުކަން ކުރެއްވި ޑރ. މުހައްމަދު މުނައްވަރާއި އާޒިމާ ޝަކޫރު ވިދާޅުވެފައި ވަނީ ޗާގޮސްގެ މައްސަލައިގައި ކަނޑިގެ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލަ މުހިންމުވާ އެތައް ހާލަތެއް ހުރި ނަމަވެސް އޭގެތެރެއިން އެއްވެސް އިގްތިސާދީ އަދި އިޖްތިމާއީ ހާލަތެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން، ޖުމްހޫރީ ޕާޓީ، އެމްއާރުއެމް، އުމަރު ނަސީރުގެ ޓީމު ދަނީ އެކުގައި މަސައްކަތް ކުރަމުންނެވެ. އަދި ރޭ ކުރީގެ ބަންދާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި، ޑރ. މުހައްމަދު މުނައްވަރު ހިމެނޭހެން ކޯލިޝަނުގެ ދެވަނަ ޕްރެސް ވަނީ ބާއްވާފަ އެވެ.

މިވަގުތު ސާފު ނުވެ އޮތީ، މި މައްސަލަ އިސްތިއުނާފު ކުރެވޭނެ ގޮތަކާއި ގުޅޭގޮތުންނެވެ. ދާދިފަހުން ރާއްޖޭގެ މީޑިއާއަކުން ރިފްއަތުއާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އިޓްލޮސްގެ ނިންމުމަކީ ނިހާއީ ހުކުމަކަށްވުމާއި އެކު އެ ނިންމުމަށް ބަދަލު ގެނެވޭނެ އެއްވެސް ގޮތެއް ނުވަތަ އިސްތިއުނާފު ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ.

އެކަމަކު، އޭގެ ރައްދުގައި އާޒިމާ ވިދާޅުވެފައި ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދުގެ މައްސަލަ އިޓްލޮސްގައި ނިންމާލެއްވިއިރު އެ ޓްރައިބިއުނަލްގައި އިޖުރާއީ އުސޫލުތަކާއި ހުކުމްތައް ރިފްއަތަށް ރަނގަޅަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެގޮތުން ޓްރައިބިއުނަލްގެ އިޖުރާއީ އުސޫލުތައް ހިއްސާ ކުރެއްވިއިރު އުސޫލުގެ 126 ވަނަ މާއްދާ ވަނީ އިޓްލޮސްގެ ނިންމުމެއް އެ ދާއިރާ ނުވަތަ މާނައާއި މެދު ހުސޫމަތެއް އުފެދޭ ހާލަތެއްގައި އެ މައްސަލައިގެ ނިންމުން ތަފްސީރު ކުރުމަށް ހުށަހެޅޭނެ ކަމަށެވެ.

ދެން އާޒިމާ ހިއްސާ ކުރެއްވި 127 ވަނަ މާއްދާގައި ވަނީ ހުކުމް ކުރި މަރުހަލާގައި އިޓްލޮސްއަށް އަދި މައްސަލައިގެ ހަސްމުންނަށް އޭގެ ތަބީއަތުގައި އެނގިފައި ނެތް ވާގިއާއެއް އެނގިއްޖެ ހާލަތެއްގައި އިޓްލޮސްގެ ނިންމުން މުރާޖައާ ކުރެވިދާނެ ކަމަށެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ވަނީ އެ ދެ މާއްދާގައި ބަޔާން ކުރާ އެހެން ބައެއް ވާހަކަތައް ފާހަގަކޮށްފަ އެވެ. އެގޮތުން މައްސަލަ ހުށަހެޅޭނީ ދައުލަތެއްގެ ފަރާތުންކަމަށް ބުނެފައި ވެއެވެ. އެހެންކަމުން، އިސްތިއުނާފު ބިނާ ކުރާނީ ކޮން ވާގިއާއެއްގެ މައްޗަށް ތޯ ކުރި ސުވާލަށް އާޒިމާ ވިދާޅުވީ ގާނޫނީ ބައެއް ބަސްތަކުގެ މާނަ އެއަށް ވުރެ މާ ފުޅާ ވާނެ ކަމަށެވެ. އެހެންކަމުން، ދެ މީހަކު ތިބެ ދައްކާ ވާހަކައެއް ދޭހަ ނުވުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރި އެވެ.

އެ ސުވާލުގެ ޖަވާބުގައި މުނައްވަރު ވަރަށް ކުރުކޮށް ވިދާޅުވީ، ބައިނަލްއަޣުވާމީ ގާނޫނުތަކަކީ ހަމައެކަނި އެންމެ މާއްދާއަކަށް ބިނާވާ ގާނޫނުތަކެއް ނޫން ކަމަށެވެ. އަމަލު ކުރަން ޖެހޭ ނުވަތަ، އަމަލު ކުރެވިދާނެ އެތައް ބައިނަލްއަޣުވާމީ މާއްދާތައް ހިމެނޭކަމަށާއި، އަދި އެއާއި އެއްވަރަށް މުއާހަދާތަކާއި ޕްރެކްޓިސްތައް ހުންނާނެކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އޭގެ ތަފްސީލަށް ދާން މާ އަވަސްކަމަށް ވިދާޅުވެ، ތަފްސީލުތައް ދޭން މުނައްވަރު ދެކޮޅު ހެއްދެވި އެވެ. ނޫސްވެރިޔާ ވެސް ތަކުރާރުކޮށް، ބުނީ އެކަމުގެ ކޮންމެވެސް މައުލޫމާތެއް ދިނުމަށެވެ. އަދި އެކަން ރައްޔިތުންނަށް ސާފުވުން މުހިންމުކަމަށް ވެސް ފާހަގަކުރި އެވެ.

ދެން މުނައްވަރު ވިދާޅުވީ، ބައެއް ވާހަކަތައް ހިއްސާ ކުރުމުން އޭގެ ޒާތުގައި މަސައްކަތަށް އޭގެ ބޫރޫ އަރާފާނެ ކަމަށެވެ. އެހެންކަމުން ކޯލިޝަނުގެ މަސައްކަތުގެ ސްޓްރެޓެޖީ ހިއްސާ ކުރެވެން ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން މައްސަލަ ހުށަހަޅާފައި ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދާއި، ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑްރީ ކަނޑައަޅައިދިނުމަށެވެ.

މައްސަލައިގައި ގޮތެއް ނިންމުމަށް ކުރިޔަށް ދިޔަ ހުކުމް މަޖިލީހުގައި އިޓްލޮސްއިން ނިންމާފައިވާ ފުށު އަރާބައި އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ. ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ. ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ.

މައްސަލަ ހުށަހަޅައި މޮރިޝަސް ބުނީ، ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބެލެންހެމް ރީފްއިން ފެށިގެން ކަމަށެވެ. އެކަމަކު އެއަށް ދެކޮޅު ހަދައި ރާއްޖެއިން ބުނީ ބައިނަލްއަޣުވާމީ ހަމަތަކުފެ ދަށުން ތިލަ ދިޔަވަރުގައި ފެންނަން އޮތް ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށެވެ. ރާއްޖޭގެ އެ ނުކުތާއަށް ހުކުމުގައި ތާއީދުކޮށްފައި ވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ހާރިޖީ ސިޔާސަތުތަކުގެ ކާމިޔާބީއެއްކަމަށް، ވަޒީރުން ވަނީ އެންމެ ފަހުން ބޭއްވި ޕްރެސްގައި ފާހަގަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: