ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް ކޯލިޝަން؛ ސިޔާސީ މަސައްކަތާއި ދެމެދު އިން ވަކި ނުކުރެވިފައި

ޗާގޮސް މައްސަލާގައި އެކުގައި މަސައްކަތްކުރަމުން އަންނަ އިދިކޮޅު ސިޔާސީ ޕާޓީތަކުުގެ މެމްބަރުން މަޖިލީހުގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ މައްސަލައެއް ހިފައިގެން، ޔުނައިޓެޑް އޮޕޮޒިޝަނެއް މި އަހަރުގެ ރިޔާސީ އިންތިހާބާއި ގާތްވެފައި ވަނިކޮށް އުފެދުނީ މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ފުށު އަރާ ސަރަހައްދުގެ އިން ވަކި ކުރުން ނިމިގެން ދިޔަ ގޮތާއި މެދު ހިތްހަމަނުޖެހިގެންނެވެ. ފޯޅަވަހީގެ މިލްކުވެރިކަން އޮތީ މޮރިޝަސްގެ އަތްމަތީކަމަށް ބައިނަލްއަގުވާމީ ކަނޑުތަކާއި ބެހޭ އެންމެ މަތީ ކޯޓުން ނިންމައި ބޯޑަރު ވަކި ކުރިގޮތަކީ ޚާރިޖީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށް ސަރުކާރުގެ އެންމެ ދަށް މަގާމުތަކުން ފެށިގެން އެންމެ މައްޗާއި ހަމައަސް މަރުހަބާ ކިޔާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެހެންނަމަވެސް، އޭގެ ފަހަތުގައި އަދި އިތުރު ކަންތަކެއް ހިނގާފައިވާކަމަށް ގަބޫލުކޮށް ބަހުސް ކުރާ ބަޔަކު ވެސް އެބަތިއްބެވެ. އެއީ ކުރީގެ ބަންޑާރަ ނައިބުންނާއި، ސިޔާސީ އެކި ޕާޓީތަކެވެ.

މިއީ ގާނޫނީ އެތައް ނުކުތާއަކާއި ގުޅުން ހުރި، “ޓެކްނިކަލް” އަދި އަޅުގަނޑަށް ފަސޭހައިން ފަހުމު ވެސް ނުވެދާނެ ވާހަކައަކަށް ވާތީ ކަނޑުގެ އިން ވަކި ކުރީ ގޯސްކޮށް ތޯ ރަނގަޅަށް ތޯ ލިއުމަކުން ދޫކޮށްލުމުގެ ބަދަލުގައި ފޯޅަވަހި އިއްތިހާދުގެ މިސްރާބަށް ޖެހިލާނަމެވެ.

މިހާތަނަށް އެ އިއްތިހާދުން ބޭއްވި ދެ ނޫސްވެރިންގެ ބައްދަލުވުމުން ވެސް އޮޅުންނުފިލީ އެ ގުޅުމުގައި މިން އަޅާނެ ގޮތާއި، ސިޔާސީ މަސައްކަތާއި އެ ވިދާޅުވާ ގައުމީ މަސައްކަތާއި ދެމެދު ރޮނގު ދަމަންވީ ހިސާބެވެ. ސަބަބަކީ ނޫސްވެރިންނަށް ހާއްސަކޮށްފައި ހުންނަ ގޮނޑިތަކުގައި އިށީނުމާއި އެކު އަތުރާފައި ހުރި މައިކުތަކުގެ އެއްކޮޅުން އަނެއްކޮޅަށް ފެންނަނީ 2023 ގެ ރިޔާސީ އިންތިހާބުގެ ވާދަވެރިންނަށް ވީތީ އެވެ.

އެއްކޮޅުގައި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނެކަމަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ދެން އިދިކޮޅު ކޮންގްރެސް ކޯލިޝަނެވެ. ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދިނުން އެއީ ލާޒިމްކަމެއްކަމަށް ދެކިގެން އެބޭފުޅުން ކުރާ މަސައްކަތުގައި އިން ވަކި ކުރުމުގެ މައްސަލައަކީ ފަސޭހަ ކެމްޕެއިނަށް އިތުރުވި ބޮޅެކެވެ.

އެއަށް ފަހު ދެން ސަރުކާރުގެ ފަހަތުގައި އޮވެ، މި މަސައްކަތުގައި އުޅޭ ޖުމްހޫރީ ޕާޓީ އާއި، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަދި ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ މޫވްމަންޓް ފިކުރެއްގެ ދިރުމެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ނިކުތުމުގެ ފަހުގެ މަސައްކަތް ފެށި، ރައީސް ނަޝީދުގެ ޓީމަށް ވެސް މިއީ ރިޔާސީ އިންތިހާބަށް އޮތް ފަސޭހަ މަގެކެވެ.

އެހެންކަމުން އިއްތިހާދެއްގައި ދެ އަމިއްލަ ކެނޑިޑޭޓުންނާއި، އިންތިހާބުގައި ވާދަކުރާ ހަތަރު ސިޔާސީ ޕާޓީއާއި އެކު ޖުމްލަ ހަ ރިޔާސީ ކެނޑިޑޭޓުންގެ ގައުމީ މަސައްކަތް މަސްހުނިވެ އަމިއްލަ މަންފާއަށް ފިޔަވަޅު އަޅާނެކަން ޔަގީނެވެ.

ކޮންމެއަކަސް މި ކޯލިޝަންގެ ވާހަކަ ފެށި ނިމެނީ ވެސް އެއް ލަވައަކުންނެވެ. އެއީ “ދިވެހިރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލާފައިވާކަމަށާއި، އެ އަނބުރާ ހޯދަން ޖެހޭ” ކަމަށެވެ. ސިޔާސީ ވިސްނުމާއި ހިޔާލާއި މަސައްކަތް ކިތަންމެ ތަފާތަސް އެބޭފުޅުން ވިދާޅުވި ގޮތުގައި އެ މޭޒު ދޮށުގައި ތިބި އެންމެން ވެސް ގަބޫލު ކުރަނީ ރާއްޖޭގެ ކަނޑުން ބައެއް ސަރުކާރުން “ވިއްކާލި” ކަމަށެވެ.

އިދިކޮޅުގައި މިވަގުތު އޮތް ހުރިހާ ސިޔާސީ ޕާޓީއެއް، އެއް މާލަމަކަށް އެއްވެ ދެއްކި އެ ވާހަކައަކީ ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރީ ފަހަރެކޭ އެއްގޮތަށް އުފެދުނު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން 2.0 ނުވަތަ، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ވެދާނެ އެވެ. އެކަމަކު، އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.

އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް މިގޮތަށް ޕާޓީތަކުން އެއް މޭޒެއްގައި އެއް ރާގަކަށް ކަނޑު ވިއްކާލުމާއި ދެކޮޅުކަމަށް ބުނުމަކީ އެއީ ރިޔާސީ އިންތިހާބަށް ކޯލިޝަނެއް އުފެދުމެއް ނޫނެވެ. ނުވަތަ އެ މީހުންތައް އެއްބަސް ކިޔައި، ބައެއް ކެނޑިޑޭޓުން ފަހަތަށް ޖެހިލައި އެއް ކަނޑިޑޭޓަކު ނެރުމަށް އެއްބަސްވާނެ ސަބަބެއް ވެސް ނޫނެވެ.

މި ހުރިހާ ޕާޓީއެއް ގުޅެނީ، “ސަރަހައްދުން ބައެއް ގެއްލުނު” ކަމަށް ބުނާ ހިސާބުންނެވެ. އެ ނޫން ހުރިހާ ކަމެއްގައި ހިޔާލުތަފާތެވެ. އެހެންވީމަ، އެ ގުޅުން ރިޔާސީ އިންތިހާބަށް އޮވެދާނެކަމާއި މެދު ޝައްކެވެ. އެއީ މަސައްކަތްތައް މަސްހުނިވުމާއި އެކު، ސިޔާސީ ގޮތުން ކުރާނީ ވަކިވަކި މަސައްކަތްތަކަށްވެފައި ކޮންމެ ބަޔަކު ވެސް މިކަމުގެ ތެރެއިން އަމިއްލަ މަންފާއަށް ވިސްނާނެތީ އެވެ. ވަކިވަކިން ލިބޭނެ ފައިދާތައް ވެސް އެބަހުއްޓެވެ.

ސަރުކާރުގެ މިވީ ހަޔަރު އަހަރާއި ބައިގެ ތެރޭގައި އިދިކޮޅުގައި އޮތީ ހަމައެކަނި ޕްރޮގްރެސިވް ކޯލިޝަނެވެ. ވެރިކަން ބަދަލުވިތާ އަހަރު ނުވަނީސް ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވި ހުކުމާއި އެކު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި އެބޭފުޅުންގެ ވިސްނުން ހުރީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލުމަށެވެ. އެ މަސައްކަތް ވަރުގަދަކޮށް ނޭވާ ހޮޅިއަށް އެޅިގެން ދިޔަ ހަމައެކަނި ހިސާބަކީ ރައީސް ޔާމީން ސުޕްރީމް ކޯޓުން މިނިވަންވެ، “އިންޑިއާ އައުޓް” ޖެހި ޓީޝާޓުތަކުގައި ދަތުރުތައް ފެއްޓެވުމެވެ.

މީގެކުރިން މަޖިލީހުގެ ތަޅުމުގެ ތެރެއިންނާއި، ސޯޝަލް މީޑިއާއިން ކުރަމުން ދިޔަ ބަހުސްތަކަށް ސަރުކާރުން މާބޮޑު އަޅައެއްނުލާ ތިބުމަށް ފަހު އިތުރު ގޮތެއް ނެތިގެން ނިކުންނަން ޖެހުނު ހިސާބަކީ އެއީ އެވެ. ބޭރުގެ އެކި މީޑިއާތަކުގެ ލޯތައް ރާއްޖޭގެ ކުރީގެ ރައީސަކު ގައުމެއްގެ ނުފޫޒު އެބައޮތްކަމަށް ބުނެ ކުރި މަސައްކަތަށް ހުއްޓި ބޮޑު ސަމާލުކަމެއް ލިބުނެވެ.

އެ މަސައްކަތް ރައީސްގެ ގަރާރަކުން ހުއްޓުވާފައި އޮތުމުގެ ސަބަބުން، ރައީސް ޔާމީން އަނެއްކާވެސް ޖަލުގެ ގޮޅިއަށް ދާން ޖެހުނީ އިމުގެ މައްސަލަ ފެންމަތިވިތާ މާގިނަ ދުވަހެއް ނުވެ އެވެ. އެހެންކަމުން، ރިޔާސީ ކެމްޕެއިނަށް އިދިކޮޅަށް މިއީ ލިބިގެން ދިޔަ އިތުރު “މައްސަލަ ގަނޑެކެވެ”.

އޭގެ ތެރޭގައި އޮންނާނީ ހަމަ ޔަގީނަށް ވެސް ކުރާނެ ސިޔާސީ މަސައްކަތެވެ.

ޖުމްހޫރީ ޕާޓީ – އަދިވެސް ސޭފްގައި، އަސްލު ސްޓޭންޑު ސާފެއް ނޫން!

ސަރުކާރުގެ ކޯލިޝަނުގައި އޮތް ޖުމްހޫރީ ޕާޓީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާއިރު އޮތް އެންމެ ބޮޑު އެއް ހުރަހަކީ ހަތަރު އަހަރު ދުވަސް ވަންދެން އެކުގައި ހުރުމެވެ. ހާއްސަކޮށް ގޯސްތަކެއް ވާކަމަށް ގަބޫލުކޮށް އެކަމަށް ފާޅުގައި ވާހަކަ ދައްކަން ފެށި ހަމައެކަނި ހިސާބަކީ ކަނޑުގެ މައްސަލަ އެވެ. އެއީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް އިއުލާނު ކުރި ދުވަސްވަރު ފެންމަތިވެގެން އައި ވާހަކަތަކަށްވުމާއި އެކު ޖޭޕީއަށް އެއީ ކެމްޕެއިނަށް ދެމިގަތުމަށް ލިބުނު އެންމެ ބޮޑު އެއް ހަތިޔާރެވެ.

އެކަމަކު އަދިވެސް ކޯލިޝަނުން ނިކުތުމަށް ޖޭޕީން ދެކޮޅު ހެދުމާއި، ސޭފް ސައިޑުގައި އޮތުމަށް ކުރާ މަސައްކަތާއި އެކު ގާސިމްގެ އަސްލު ސްޓޭންޑު އޮޅޭ ގޮތްވެ އެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޖުމްހޫރީ ޕާޓީއާއި ނޫސްވެރިން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި ކުރި ސުވާލަކީ އިން ވަކިކުރުމުގެ މައްސަލައިގައި ވަޒީރުންގެ އިތުބާރު ނެތްކަމަށް ވެއްދީ ގާސިމްގެ ސޮއި ނެތި ކަމަށެވެ. އޭގެ އިތުރުން، ގާސިމްގެ އަޑު މިކަމުގައި ނެތްކަމަށާއި ޕާޓީގެ ބައެއް ބޭފުޅުންގެ ހިޔާލުތަފާތުންކަން ފާހަގަކުރި އެވެ. އަލީ ހުސެއިން ވިދާޅުވީ އެ ސުވާލު ގާސިމާއި ކުރުމަށެވެ.

ނޫސްވެރިޔާ ސުވާލު ކުރީ، އަލީ ހުސެއިން ތަމްސީލު ކުރަނީ ޖުމްހޫރީ ޕާޓީތޯ ނުވަތަ، ޕްރެސްއަށް ވަޑައިގެން ހުންނެވީ އަމިއްލަ ހައިސިއްޔަތުން ތޯ އެވެ.

“ތިޔަ ސުވާލު ކުރައްވަން ޖެހޭނީ ސީދާ ގާސިމް އާއި.. އެއީ ގާސިމްގެ ވިސްނުން.. ގާސިމްގެ ސިކުނޑިން ވިސްނާ ވިސްނުން ކިހިނެއް ތޯ އަޅުގަނޑަށް އެނގޭނީ.. ދެ މެމްބަރުން މިތިބީ ދެއްތޯ.. ޖުމްހޫރީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގައި މިތިބީ ދެ މެމްބަރުން.. ގާސިމް ވިސްނާ ވިސްނުމާއި، އެބޭފުޅާގެ ސިކުނޑީގައި ހުރި އެއްޗެއް އަޅުގަނޑަކަށް ނޭނގޭ.. ދިވެހި ގައުމަށް ހިޔާނާތްތެރިވެއްޖެއްޔާ އަޅުގަނޑު ފަހެއް ނުޖެހޭނަން ސޮއި ކުރާކަށް..”

އެއާއި އެކު ޖޭޕީގެ ފުރިހަމަ ސްޓޭންޑާއި މެދު ސުވާލު އުފެދެ އެވެ. ޕާޓީގެ ނިންމުމާއި އެކު ބައެއް ބޭފުޅުން ސަރުކާރާއި ގުޅުނު ނަމަވެސް އަދި ވެސް ސްލޮޓުތަކުގައި ޖޭޕީގެ މެމްބަރުން ތިބުމާއި އެކު ގާސިމް މަސައްކަތް ކުރައްވަނީ ދެވަނަ ބުރެއްގައި ރައީސް ސޯލިހުގެ ރުހުމާއި އެކު ކުރިޔަށް ދެވޭނެ ފޯމިއުލާއެއް ހޯދުމަށްކަމަށް ބެލެވެ އެވެ.

މޯލްޑިވެސް ނޭޝަނަލް ޕާޓީ؛ އަމާޒެއް ނެތި އޮއްވައި ލިބުނު ވަރުގަދަ ހަތިޔާރު!

ޗާގޮސް ކޯލިޝަނުގައި އެންމެ ބޮޑު ފައިދާއެއް ކުރާނީ އެމްއެންޕީއަށެވެ. ސިޔާސީ ގޮތުން މާބޮޑު ބާރުވެރިކަމެއް، އަޑެއް އަދި އަމާޒެއް ނެތި އޮއްވައި ފްރީ ޕޯޑިއަމާއި، މީޑިއާ ޕަބްލިސިޓީ ލިބިގެން ދިޔައީ މި މައްސަލައާއި އެކު އެވެ.

އިޓްލޮސްގައި މައްސަލަ ނިމުމާއި ހަމައަށް އެމްއެންޕީ، އޮތީ އިން ވަކިކުރުމުގެ މައްސަލައިގައި ހަނު އެވެ. މާބޮޑު ޝައުގެއް ނެތުމާއި އެކު، ސިޔާސީ ގޮތުން އޭރު ކުރަމުން ދިޔަ ބޮޑެތި ބަހުސްތަކަށް ކުރި ސުވާލުގައި އެ ޕާޓީން ބުނީ އެކަންކަން ސްޓަޑީކޮށް ގާތުން ބަލަމުން ގެންދާކަމަށެވެ. އޭގެ ތެރޭގައި އިންޑިއާގެ ނުފޫޒު އޮތްކަމަށް ދެކެވުނު ވާހަކަތައް ހިމެނެ އެވެ.

އެހެންކަމުން، ރިޔާސީ އިންތިހާބަށް ވަކިން ނިކުންނަން އޮތް އެމްއެންޕީގެ ވޯޓު ހޯދުމުގެ އެއް ފޯމިއުލާއަކީ މިއީ އެވެ.

ފިކުރެއްގެ ދިރުން؛ އެހެން ސިޔާސީ ޕާޓީތަކުގެ ރުހުން ހޯދަން ފަސޭހަ ވާނެ

އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތަކާއި އެކު، ޕާޓީން އެންމެ ބޮޑަށް އެކަހެރިވެފައި ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގެ ދުވަސްވަރުން ފެށިގެން މިއަދާއި ހަމައަށް އެހެން ޕާޓީތަކުން ވެސް ސަރުކާރަށް ފާޑުކިއުމުގައި ރައީސް ނަޝީދަށް ހަމްދަރުދީވެ ވާހަކަ ދައްކަ އެވެ. އެމަނިކުފާނާއި މެދު ކަންތައް ވަމުން ދަނީ އެންމެ ރަނގަޅަކަށް ނޫންކަމަށާއި، ރައީސް ނަޝީދަށް އިންސާފާއި ހަމަހަމަކަން ނުދިން ބަޔަކަށް ދެން ރައްޔިތުންނަށް ހޯދައިދެވޭނެ ފާގަތިކަމެއް ނެތްކަމަށް އެބޭފުޅުން ގަބޫލު ކުރެ އެވެ.

ކޮންމެއަކަސް މީގެ ކުރިން އިދިކޮޅުން ފާޑުކިޔަމުން އައި މިންވަރާއި ގާތަށް ވެސް މިހާރު ރައީސް ނަޝީދަށް ފާޑުކިޔާ މަންޒަރު ނުފެނެ އެވެ. މަޖިލީހުގެ ރިޔާސަތުގައި ހުންނަވައި ރައީސް ނަޝީދު ސަރުކާރުގެ މެމްބަރުންނަށް ފުރުސަތު ދިނުމުގައި އަމަލު ކުރައްވާ ގޮތުންނާއި، ދައްކަވާ ވާހަކަތަކަށް އަމާޒުވާ ފާޑުކިއުންތަކުގެ ދިފާއުގައި އެމަނިކުފާނާއި އަރިސް މެމްބަރުންނާއި އެކު ބައެއް ފަހަރު ތެދުވަނީ ޕީޕިއެމް/ޕީއެންސީގެ މެމްބަރުންނެވެ.

ރައީސް ނަޝީދު ވެސް އެބޭފުޅުންނާއި މެދު، ގާތްކަމެއް ބަހައްޓަވާކަން ފާހަގަކުރެވޭއިރު އިދިކޮޅުގެ މެމްބަރުންގެ ވާހަކައަށް ހުރަސް އެޅުމަށް ނަގާ ނިޒާމީ ނުކުތާތައް ބަލައިގަތުމުގައި ވެސް ބައެއް ފަހަރު ދެކޮޅު ހައްދަވަ އެވެ.

ފިކުރެއްގެ ދިރުންގެ މެމްބަރުންނާއި އެކުގައި އެއް މޭޒުތަކުން ޕީޕީއެމްގެ މެމްބަރުން ފެނިގެން ދިޔައީ އިމުގެ މައްސަލައިގަ އެވެ. ބައްދަލުވުންތައް ރަސްމީ ސިފައެއްގައި ވެސް ކުރިޔަށް ގެންދިޔަ އެވެ. އެބޭފުޅުންގެ ހިތް އެކަކު އަނެކަކަށް ސާފެވެ. ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރާނެކަމަށް ބެލެވިފައިވާ ހާލަތަށް އެބޭފުޅުންގެ ތާއީދު އެބައޮތެވެ. އަދި ފިކުރެއްގެ ދިރުންނަށް މިއަދު ރައީސް ޔާމީންގެ ސަރުކާރު ރަނގަޅެވެ.

އެހެންވީމަ، ރައީސް ނަޝީދުގެ މެމްބަރުން އެމްޑީޕީން ވަކިވީ އިދިކޮޅު އެހެން ޕާޓީތަކާއި އެކުގައި ހީ ސަމާސާ ކުރެވޭނެހާ ވަރަށް ގުޅުން ބަދަހިވެގެންނެވެ. އެކަމުގައި އިސްރޯލު އަދާކުރީ އިމުގެ މައްސަލަ އެވެ.

ދެން ތިއްބެވީ އަމިއްލަ ދެ ކެނޑިޑޭޓުންކަމަށް ވާ މުނައްވަރާއި އުމަރެވެ. އެބޭފުޅުން އިންތިހާބުގައި ވާދަކުރުމަށް ނިންމި ނިންމުމަށް އަދި ބަދަލެއް ނުގެނައި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ސިޓީއާއި އެކު މުނައްވަރުގެ ފުރަތަމަ ފެނިލުމަށް އެންމެނަށް ޔަގީންވީ އެއީ ސިޔާސީ މައިދާނަށް އެނބުރި ވަޑައިގަތުން ކަމަށެވެ. އެމްޑީޕީއަށް ގިނަ ހިދުމަތްތަކާއި، މަސައްކަތް ކުރެއްވި މުނައްވަރަކީ އިމުގެ މައްސަލައިގައި އެންމެ ގިނަ އިލްމީ މައުލޫމާތު އެނގިވަޑައިގަންނަވާނެ ބޭފުޅާ އެވެ.

މިއީ މިވަގުތު އޮތް، ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުގެ މަސައްކަތް ފެންނަން އޮތް ގޮތެވެ. ސިޔާސީ ގޮތުން އެބޭފުޅުންނަށް ލިބެން އޮތީ ވަރަށް ބޮޑެތި އަމިއްލަ ފައިދާތަކެވެ. ރިޔާސީ އިންތިހާބުގެ ބޮޑު ދަބަހާއި އެކު، އެއް ޕާޓީން ދެމިގަންނާނެ ވަގުތެއް ހަމަ ނޭނގޭނެ އެވެ.

މިގުޅުން ދެމިގެން ގޮސްފާނެ އިތުރު އެއް ގޮތެއް އެބައޮތެވެ. އެއީ އެންމެން ވެސް ސަރުކާރާއި ދެކޮޅުވުމެވެ. އެހެންވުމާއި އެކު، ސަރުކާރާއި ދެކޮޅަށް ވަރުގަދަ ފޯމިއުލާއެއް ނެރުން އޮތީ އެބޭފުޅުންގެ އަތްމަތީގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: