ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާރިޖީ ގުޅުން ބޭއްވުމުގެ އަގަކީ އަމިއްލަ ޕާޓީއިންވެސް އިދކޮޅަށް ބަޔަކު ނުކުތުން؟

ންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ، އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރު ހަމަވުމާއި ގާތްވެއްޖެއެވެ. އެންމެ ގިނައިން މި ސަރުކާރުން ޝަރަފާރާއިއެކު ދައްކާ އެއް ވާހަކައަކީ ހާރިޖީ ގުޅުމުގެ ވާހަކައެވެ. އެހެންނަމަވެސް ގުޅުން ބަދަހި ވާހަކައާއި ގުޅުން ބަދަހިކުރަމުންދާ ވާހަކަތައްވެސް އިންތިހާއަށް އިވިގެންދާއިރު، އެ ގުޅުންތަކުގެ ސަބަބުން ރާއްޖެއަށް ލިބިގެންދާ މާ ބޮޑު ފައިދާތަކެއް ނުފެނެއެވެ. ލިބިގެންދާ ގެއްލުންތަކާއި ފެންމަތިވަމުންދާ މައްސަލަތަކުގެ ގިނަ ކަމުގެ ސަބަބުން، އެ އަލިކަން ފަނޑުވެދަނީކަމަށްވުންވެސް އެކަށީގެންވެއެވެ.

މި ވެރިކަމުގައި އިދިކޮޅުން އެންމެ ގިނައިން “ގަޅި އުކާ” އެއް ފަރާތަކަށް ނަންވެފައިވަނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ. އެހެންނަމަވެސް އެމަނިކުފާނަކީ ސަރުކާރުގެ އެންމެ ވަރުގަދަ އެއް އެސެޓުކަން ކަށަވަރެވެ. ފޮރިން މިނިސްޓަރުކަން ކުރައްވަމުން ޝާހިދުވަނީ އދގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައެވެ. މައްސަލަތައް އުފެދިގެންވެސް އަންނަނީ މި ސަބަބާއި ގުޅިގެންނެވެ. އިދިކޮޅުން ގަބޫލުކުރާ ގޮތުން ރާއްޖޭގެ މަސްލަހަތަށް މަސައްކަތްކުރެއްވުމުގެ ބަދަލުގައި މިނިސްޓަރު ޝާހިދު އަދި ޖުމުލަގޮތެއްގައި ސަރުކާރުން މަސައްކަތްކޮށްފައިވަނީ ކޮންމެވެސް އެހެން ބައެއްގެ ނުވަތަ އަމިއްލަ މަންފާއަަކަށެވެ.

މި ސަރުކާރުން ފެށުނީއްސުރެ އަވައްޓެރި އިންޑިއާ އާއި އިންތިހާއަށް ބަދަހިކަމަށް ފެނިގެންދާ ގުޅުމެއް ބާއްވަމުންދާއިރު، ސަރުކާރުން ދިޔައީ ހާރިޖީ ގުޅުންތަކާއި އެކަމުގެ ސަބަބުން ރާއްޖެ ބާރުވެރިވެފައިވާކަމުގެ ވާހަކަތައް ދައްކަމުންނެވެ. ކޮންމެ ކެމްޕެއިނެއްގައިވެސް އެންމެ ގިނައިން ދައްކަމުންދަނީ ރާއްޖޭގެ ކޮވިޑްގެ ހާލަތު މެނޭޖު ކުރުމުގައި އަވައްޓެރި ގައުމުތަކުން ދީފައިވާ އެހީތަކާއި އެ ހާލަތުން އަރައިގަތުމުގައި ރާއްޖޭގެ އުކުޅުތައްމޮޅުކަމުގެ ސަބަބުން ރައީސް ސާލިހަށް މިނިސްޓަރު ޝާހިދުގެ ގާތުގައި ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ތައުރީފުކުރެއްވި ވާހަކައެވެ. ކޮވިޑް މެނޭޖު ކުރުމަށް ގެންގުޅުނު ފޯމިއުލާ ހޯދުމަށް މިނިސްޓަރުގެ ގާތުގައި އެހެނިހެން ގައުމުތަކުގެ އިސްވެރިންވެސް އެދިވަޑައިގެންފައިވާ ވާހަކައަކީ މިފަދަ ކަމެއްގެ މިސާލެކެވެ.

ސަރުކާރާއި ތާއީދު ކުރާ ފަރާތްތަކުން ހާރިޖީ ގުޅުމުގެ ކާމިޔާބީ ފާހަގަކުރަމުންދިޔައިރު، އިދިކޮޅުން ދައްކަމުންދިޔައީ މުޅިން އެހެން ވާހަކައެކެވެ. އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ ހާލަތު ގޯސްވަމުންދާ ވާހަކައެކެވެ. އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ހާޒިރުވެ ތިބިކަމަށާއި އެ ގައުމުގެ ބާރުގެެ ދަށަށް ރާއްޖެ ގޮސްދާނެކަމުގެ ވާހަކަތައް ދެއްކިއިރު، ނަގަމުންދާ ލޯނުތަކުގެ ސަބަބުން ރާއްޖެ މާލީ އަޅުވެތިކަމުގެ ދަށުވެދާނެކަމާއި ހިންގަމުންދާ ޕްރޮޖެކްޓުތަކުގެ ތެރެއިން ފާހަގަކުރެވޭ މައްސަލަތަކުގެ ވާހަކަތައްވެސް އިދިކޮޅުން ދިޔައީ ދައްކަމުންނެވެ.

އެހެންނަމަވެސް އިތުރު ދައުރެއް ކާމިޔާބު ކުރުމަށް މަސައްކަތްކުރަމުންދާ ސަރުކާރަށް އެ ވާހަކަތަކުގެ ސަބަބުން ރައްޔިތުންްގެ ތެރޭގައި އުފެދިފައިވާ ކަންބޮޑުވުންތައް ފިލުވާނުލެވުނެވެ. އިހުތިޔާރެއްވެސް ނެތްފަދައެވެ. އެ އިހުތިޔާރު އޮތީ އުފެދެމުންދާ މައްސަލައިގެ ސަބަބުން ޒައްރެއްގެވެސް އަސަރެއް ނުކުރާނެ ފަރާތެއްގެ އަތުގައިފަދައެވެ. ރާއްޖޭގައި އެހެން ގައުމަކުން ވެރިކަމުގެ ބާރުތައް ނަގާފައިވާކަމަށް ބުނެ ދެކެވެމުންދިޔަ ވާހަކައިގެ އަޑުތަކާއި ސަރުކާރުން މާލީ ޖަރީމާތަކެއް ހިންގަމުންދާ ވާހަކަތަކުގެ އަޑުތައް ގަދަވި ގަދަވީނުންގޮސް އަމިއްލަ ޕާޓީގެ ގިނަ އަދަދެއްގެ މީހުންނަށް ލަދުން ކެއްނުވާ ހިސާބަށްވެސް، އެންމެ ފަހުން ދިޔައީއެވެ.

ސަރުކާރަށް ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތައް ކުރުމަށްފަހު ވެރިކަން ކުރާ މައި ޕާޓީގެ ގިނަ އަދަދެއްގެ އިސް މެމްބަރުންވެސް މިއަދު ތިބީ ސަރުކާރާއި ސީދާ ދެކޮޅަށެވެ. ފަހަރަކު މައްސަލައަކާއިމެދު އަޑު އުފުލަމުންގޮސް ޕާޓީއިން ވަކިވެ މިއަދު އަމިއްލަ ޕާޓީއެއް ހަދައި ރައީސް ސާލިހަށް ދެވަނަ ދައުރެއް ނުލިބޭނެކަން ކަށަވަރު ކުރުމަށް ނުކުތުމަށް ދަނީ ތައްޔާރުވަމުންނެވެ. ޕާޓީއެއްގެ ތެރޭގައި މައްސަލަތަކާއި ހިޔާލުތަފާތުވުންތައް އޮންނާނެނަމަވެސް، ވެރިކަން ކުރަމުންދާ ޕާޓީއަކުން ގިނަ އަދަދެއްގެ މީހުން ވަކިވެގެންދާނީ އެކަމުގެ ފަހަތުގައި ގިނަ ސިއްރުތަކެއްވެސް ހިމެނޭތީއެވެ. ޕާޓީއާއިއެކު ފެށުނީއްސުރެ ތިބި ބަޔަކު ނުކުމެގެންދާނީ ވަރަށްވެސް ހިތަށް ކެއް ނުވާތީއެވެ.

ޕާޓީގެ ގިނަ އަދަދެއްގެ އިސް މެމްބަރުންތަކެއް ވަކިވީވެސް ރައީސް ސާލިހު ގެންގުޅުއްވާ ހާރިޖީ ގުޅުމުގެ ތެރެއިން ކުރަމުންދިޔަ މަސައްކަތްތަކަކާއި ގުޅިގެންނެވެ. އެ މަސައްކަތްތަަކުގެ ނަތީޖާ އެއް ގޮތަކަށްވެސް އެ ފަރާތްތަކަށް ބަލައިނުގަނެވުމުންނެވެ. މި ވެރިކަމުގެ ދައުރުގައި މިހާތަނަށް ފެންމަތިވި އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖެ އާއި މޮރިޝަަސްގެ އިމުގެ މައްސަލައެވެ. މި މައްސަލައިގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި ފަހަކާއި ޖެހެންދެން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ފިކުރެއްގެ ދިރުމުގެ މެމްބަރުން ތިއްބެވީ އެއް ގަލެއްގައެވެ.

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެ މަނިކުފާނުގެ ފެކްޝަނުގެ މެމްބަރުން ސިފަކުރަމުންދަނީ ރާއްޖެއަށް ހިޔާނާތްތެރިވެފައިވާ ބައެއްގެ ގޮތުގައެވެ. ފިކުރެއްގެ ދިރުމުން ބުނަމުންދަނީ ރައީސް ސާލިހު ރާއްޖޭގެ މަސްކަނޑުން ބައެއް ވިއްކާލާފައިވާކަމަށެވެ. ތުހުމަތުތައް ކުރެވިފައިވާ ގޮތުން މޮރިޝަސްއިން އިންވަކި ކުރުމަށް ހުށައަޅާފައިވާ މައްސަލައިގައި ރައީސް ސާލިހުގެ ސަރުކާރުން ރާއްޖެއިން ޒަމާނުއްސުރެ ދަމަހައްޓާފައިވާ ސްޓޭންޑު ބަދަލުކޮށްފައިވަނީ ގިނަ އަދަދެއްގެ ފައިސާ ހިމެނޭ މުއާމަލާތަކަށްފަހުއެވެ. މި ތުހުތުތައްވެސް ކޮށްފައިވަނީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވަޑައިގެންތިއްބެވި މެމްބަރުންނެވެ.

މިއަދު ރައީސް ސާލިހަށް އެ މަނިކުފާނު އެންމެ އިސްކަމެއް ދެއްވައިގެން ދަމަހައްޓަވާ ހާރިޖީ ގުޅުމުގެ އަގު ބޮޑުވާނެއެވެ. އެމްޑީޕީ ބައިބައިވެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން އެމަނިކުފާނަށް ވޯޓު ނުދޭނެކަމަށް ބުނެ ސޯޝަލްމީޑިއާގައި އެމަނިކުފާނު ޓެގުވެސް ކުރެއެވެ. އެމްޑީޕީއިން މަޖިލީހުގައި ގެންގުޅުނު ސުޕަރ މެޖޯރިޓީގައި ހިމެނޭ އެންމެ އަޑުގަދަ މެމްބަރުން މާދަމާ ފެނިގެންދާނީ ސަރުކާރާއި ސީދާ ދެކޮޅަށެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލައިގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ގައުމުގެ އަމާންކަން ގެއްލިދިއުމުގެ ފުރުސަތު އޮވެއެވެ. އެހެންނަމަވެސް ރައީސް އަށް މިއިން ކަމަކަށް އެއްވެސް ހައްލެއް ގެންނެވެން ނެތްފަދައެވެ. ހާލަތާއި ބައްދަލުގޮތަކަށް “ރިއެކްޓު” ކުރައްވާ މަންޒަރެއް ނުފެނެއެވެ.

ދާދި ފަހުން ރިޔާސީ ކެނޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީ އިންތިހާބުގެ ތެރެއިންވެސް ދެ ފެކްޝަނުގެ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރެވިގެންދިޔަ މަންޒަރުތައް ފެނިގެންދިޔައިރު، ވޯޓު ފޮށިތައް ހުރި ސަރަހައްދަށް ގޮސް ހިޔާލުތަފާތުވުންތަކުގެ ސަބަބުން މާރާ މާރީތައްވެސް ހިނގާފައިވާކަން ފާހަގަކުރެވެއެވެ.

ރައީސް ސާލިހަށް ހާރިޖީ ގުޅުމުގެ އަގު އުފެދިފައިވާ މައްސަލަތަކާއި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އިތުރުން ޕާޓީ ރޫޅިދިއުމާއި އެއް ހަމަތޯ ސުވާލު އުފެދެއެވެ. އަވައްޓެރި ގައުމުތަކާއި ގުޅުން ބޭއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންނާއި ދެމެދު އޮތް ގުޅުމަށް ބުރޫ އެރުމުގެ ފުރުސަތު ފަހިވެގެންދިޔައިރު، އެމަނިކުފާނުގެ އަމިއްލަ ޕާޓީގެ ތެރޭގައިވެސް މައްސަލަތައް އުފެދިގެންދިޔައީ އަދި ރިޔާސީ އިންތިހާބަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔައީ ހަމަ އެ ވިދާޅުވާ ހާރިޖީ ގުޅުމުގެ ސަބަބުންނެވެ. މިއީ އެ ދަންނަވާ ފަދަ “ހަމަ އަގު” ތޯ މިއަދު ސުވާލު އުފެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: