މެލޭޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ބަދްލީ ހިޝާމް ބިން އާދަމަށް، ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.
މި ރަސްމިއްޔާތު ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މެލޭޝިއާގެ އާ ސަފީރު މަގާމާއި ހަވާލުވެވަޑައިގަތުމުން ރައީސް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އަދި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި މެލޭޝިޔާގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާކަމުގައި ރައީސް ވިދާޅުވިއެވެ.
ބައްދަލުވުމުގައި ރައީސްގެ ވާހަކަފުޅުގައި ވަނީ، މި އަހަރަކީ ދިވެހިރާއްޖެއާ މެލޭޝިޔާގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފަ އެވެ.
ދެ ގައުމުގެ މެދުގައި އިގްތިސާދީ ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުން ސޮއި ކުރުމަށް ތައްޔާރުވަމުން ދާ ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރީމެންޓް ރައީސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ދެ ގައުމު މެދުގައި ނިމިފައިވާ، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ބަލައިގަތުމާއި ގުޅޭ އެއްބަސްވުމުގެ ސަބަބުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނަށް ދަތުރުފަތުރު ކުރުމުގައި ވަރަށްބޮޑު ލުއިފަސޭހައެއް ލިބޭނެކަމަށެވެ. އަދި ރާއްޖޭގެ އިދާރީ ހިންގުމުގައި ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް، މެލޭޝިޔާ ޓެކްނިކަލް ކޯޕަރޭޝަންގެ ތެރެއިން، އެ ގައުމުގެ ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
ރައީސް ވިދާޅުވީ، މެލޭޝިޔާއިން ރާއްޖެއަށް އިތުރު ފަތުރުވެރިން އައުމަށް ރާއްޖެއިން މަރުޙަބާކިޔުމުގެ ޝައުޤުވެރިކަން އޮތްކަމަށާއި، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ފްލައިޓް ދަތުރުތައް އިތުރުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
ރައީސް ސޯލިހާއި މެލޭޝިޔާގެ އާ ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމާލާފައި ވަނީ ކުރިޔަށް އޮތްތަނުގައި ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން މުސްތަގުބަލުގައި ވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އަރުވަމުންނެވެ.
ދިވެހިރާއްޖެއިން މެލޭޝިޔާ އާއިއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1968 ގަ އެވެ.
މީގެއިތުރުން ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އިސްޓްވާން ސްޒާބޯ ވެސް ސަފީރުކަމުގެ ފަތްކޮޅު އަރުވާފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ މި ހަފްތާގައި ރާއްޖެއާއި ހަންގޭރީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 48 އަހަރު ފުރޭކަން ފާާހަގަކުރައްވައި، ހާއްސަކޮށް ފާއިތުވި ދެ އަހަރު ދެ ގައުމުގެ މަތީ ފަންތީގެ ބޭފުޅުންގެ ޒިޔާރަތްތަކުން ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ.
ޗެކް ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑރ. އެލިސްކާ ޒިގޯވާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއިން ފޮރިން އިންވެސްޓްމެންޓްތަކަށް އެކި ދާއިރާތަކުން ފުރުސަތުތައް ހުޅުވާލާފައިވާކަމަށާއި، ޗެކްރިޕަބްލިކްގެ އިންވެސްޓަރުންނަށް ވެސް ރާއްޖޭގައި އިންވެސްޓް ކުރުމަށް ފުރުސަތު އެބައޮތް ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމާއި، ޞިއްޙީ ދާއިރާ އަދި ތިމާވެއްޓާއި، މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.
މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޗެކްރިޕަބްލިކް އާ ސަފީރު މަޤާމާއި ޙަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އެކަމަނާއަށް މަރުޙަބާ ވިދާޅުވެ، މިއަހަރަކީ، ޗެކް ރިޕަބްލިކްއާ ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 30 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި ދެޤައުމުގެ މެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުންވެސް ވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

