ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކް ސްޓޭޓްމަންޓްތައް ތަހުގީގަށް ހޯދީ ގާނޫނާ ހިލާފަށް، ހައްގުތަކެއް ވަނީ ގެއްލިފައި: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނާތުގެ ރަށްތަކުގެ ތެރޭގައި ހިމެނޭކަމަށް ބުނާ ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކާއި ގުޅިގެން ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ބޭންކިން ސްޓޭޓްމަންޓު ހޯދާފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ކަނޑައަޅައިދޭން އެމަނިކުފާނުގެ ފަރާތުން ހުށަހަޅައިފި އެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ގެންގޮސްފައި ވަނީ، ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތައް ބަލައިގަތުމަށް އިއުތިރާޒުކޮށް ދައުވާ ރައްދުވާ ރައީސް ޔާމީނާއި ކްރިކް ރިޒާގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެ މައްސަލައިގައި ވަނީ ބޭންކް ސްޓޭޓްމެންޓުތައް ހޯދާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ.

ދިފާއީ ވަކީލުންގެ ވާހަކަތަކަށް ފަހު ފުރުސަތަކަށް އެދިވަޑައިގެން ރައީސް ޔާމީން ވިދާޅުވީ ވޮޑަމުލާގެ މައްސަލައިގެ ތަހުގީގުގައި ވެސް ފުލުހުން އެމަނިކުފާނަށް ދެއްކި ލިޔެކިއުންތަކުގައި 2010 އަދި 2011 ވެސް ހިމެނުނު ކަމަށެވެ. މިއީ 2015 ގެ ތަހުގީގަކަށްވާއިރު، އެކަމާއި ގުޅޭ ސުވާލު ކުރީ ކޮން ސަބަބަކާއި ހުރެ ތޯ ދައުލަތުން ސާފުކޮށްދޭން އެދޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެތަކެތި ހޯދާފައި ވަނީ ކޯޓު އަމުރެއް ނެތިކަމަށް ވިދާޅުވި އެވެ.

އިންސާފުވެރި ޝަރީއަތަކާއި އެކު، އެ މީހަކަށް އަދުލުވެރި އިންސާފުވެރި ތަހުގީގެއް ލިބެން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެއާއި އެކު ކޮންމެ މީހެއްގެ ވެސް ބޭންކިން މައުލޫމާތުތައް ސިއްރު ކުރަން ޖެހޭނެކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެ ހައްގު ނިގުޅައިގަނެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެ މައުލޫމާތު ހޯދޭނީ އެކަމަށް އެދި ހުށަހަޅާ ކޯޓު އަމުރެއްގެ ދަށުންކަމަށް ގާނޫނުގައި ބަޔާން ކުރަނީ ސަބަބުތަކެއް އެކުލެވޭތީކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު ދައުލަތުން އެ މައުލޫމާތުތައް ލިއުމުން އެދިގެން ހޯދޭނެކަމަށް ދެކޭނަމަ، ގާނޫނުގައި ބަޔާން ކުރާ މާއްދާތައް މާނަ ކުރި ގޮތަކީ ކޮބައިތޯ ސުވާލު އުފައްދައި ރައީސް ޔާމީން ވިދާޅުވީ އޭގެ ނަތީޖާ ގޯސްވާނެ ކަމަށެވެ.

ބޭންކިންގެ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަންޖެހޭއިރު، ރައީސް ޔާމީން ވިދާޅުވި ގޮތުގައި މީ މުޅި ބޭންކިން ނިޒާމަށް ވެސް ދެވޭ ގެއްލުމެކެވެ.

ރައީސް ޔާމީންގެ ވާހަކައިގެ ރައްދުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ބޭންކުން ހެކި ހޯދުމަށް ތިން ހާލަތެއް އޮންނަކަމަށާއި އެއީ ކޯޓު އަމުރެއްގެ ދަށުން ނުވަތަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ލިއުމުން އެދިގެން އެހެން ނޫނީ ތަހުގީގީ އިދާރާއަކުން ލިޔުމުން އެދިގެން ކަމަށެވެ.

ހެނދުނުގެ 09:30 ގައި ފެށި ޝަރީއަތް މެންދުރުގެ 01 ޖެހުމާއި ގާތަށް ކުރިޔަށް ގެންދިޔަ އެވެ. އެކަމަކު ޝަރީއަތް ދިގުލައިގެން ދާތީ، އެކަން ފާހަގަކޮށް ރައީސް ޔާމީން އެދިވަޑައިގަތީ އެމަނިކުފާނުގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް އަޑުއެހުން ކުރުކޮށްދިނުމަށެވެ. އަދި އެމަނިކުފާނުގެ ފަރާތުން ސިއްހީ ލިޔެކިއުންތަކާއި ޑޮކްޓަރުންގެ އިރުޝާދުތައް ވެސް ހުށަހަޅާފައިވާނެކަމަށް ވިދާޅުވި އެވެ.

އަޑުއެހުން އިތުރަށް ކުރިޔަށް ގެންދިއުމަށް ބޭނުންވާތީ، މައްސަލަ ބައްލަވާ ގާޒީ ނަދީމް ސުވާލު ކުރެއްވީ 15 މިނެޓު އެންމެ ރަނގަޅުތޯ އެވެ. އެކަމަކު، ރައީސް ޔާމީން ވިދާޅުވީ ޝަރީއަތަށް ގެންނަ ކޮޓަރިން އެމަނިކުފާނުގެ ކޮޓަރިއަށް ގެންދިއުމަށް ވެސް އެހާ ވަރަށް ވަގުތު ދާނެކަމަށެވެ. އަދި ބްރޭކެއް ދިނުމަކީ އެއީ ކުޑަވަގުތުކޮޅެއް ދިނުން ނޫންކަމަށާއި ގައިދީއަކާއި މިނިވަންކަމާއި އެކު ތިބޭ ބަޔަކާއި ވަރަށް ތަފާތުވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެހެންވެ ދައުލަތުގެ އެއްވެސް އިއުތިރާޒެއް ނެތްނަމަ، ޝަރީއަތް މިއަދަށް ނިންމާލުމަށް ރައީސް ޔާމީން އެދުނެވެ. އެހެންވެ، އެމަނިކުފާނު ހުށަހެޅުއްވި ގޮތަށް ގާޒީ ޝަރީއަތް ނިންމަވާލެއްވީ 1:10 އެއްހާއިރު އެވެ.

މީގެއިތުރުން މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވީ މައްސަލައިގައި ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު އެކަށީގެންވާ ގޮތަށް ލިބިފައި ނުވާ ކަމަށެވެ. ހާއްސަކޮށް ރަމްޟާނަ މަހުގެ ތެރޭގައި އެއްވެސް ގޮތަކަސް އެ ފުރުސަތު ލިބިފައި ނުވާ ކަމަށާއި އަދި ކެރެކްޝަންސްއިން ވަކީލުންނާއި ބައްދަލު ކުރުމަސް ދެނީ ކޮންމެ ހަފްތާއަކު ދެ ގަޑިއިރު ކަމަށާއި އެއީ މައްސަލައަސް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ފުއްގިރި މައްސަލައިގެ ޝަރީޢަތްތައް ލައިވް ކޮށްދިނުމަސް އެދޭ ކަމަށާއި މައްސަލައަކީ އެތައް ބައެއްގެ ހައްގުތަކާއި ގުޅިފައިވާ މައްސަލައެއް ކަމުން ހެކިބަސް ނެގުމުން ފެށިގެން ޝަރީޢަތް ލައިވްކޮށް ދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ. އެކަމަކު އަދި މިހާތަނަށް އެކަމާއި ގުޅޭ ނިންމުމެއް މައްސަލަ ބައްލަވާ ގާޒީ ނުނިންމަވަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 75%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: