ޗާގޮސްގެ މައްސަލައިގައި އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު، މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމަށް ފުރުސަތުދިނުމަށް އެދިވަޑައިގެންފިއެވެ.
މަޖިލީހަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީ ވުމަށް ރިފްއަތު ނިންމާފައިވަނީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހަށް ލިޔުމުން ޖަވާބުދާރިވެފައިވާތީ އެ މައްސަލަ ކުރިއަށް ގެންދިއުމުގެ ކުރިން ސުޕްރީމް ކޯޓްގެ އިސްތިޝާރީ ލަފައަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމާއި ގުޅިގެންނެވެ.
އިއްޔެ މަޖިލީހުގައި ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް އެ މައްސަލައިގައި ރިފްއަތު ލިޔުމުން ޖަވާބުދާރީވެފައިވާތީ އިދިކޮޅުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އިދިކޮޅުން ބުނި ގޮތުގައި ބަންޑާރަ ނައިބުގެ އިތުބާރުނެތް ކަމަށް ހުށަހެޅިފައިވާ މައްސަލަތަކާއި ރިފްއަތުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީ ވާންޖެހޭނީ މަޖިލީހަށް ހާޒިރުވެ މަޖިލީހުގެ ތަޅުމުގައި ކަމަށްވެސް އިދިކޮޅު މެމްބަރުން ވަނީ ބުނެފައެވެ. އަދި ރިފްއަތުގެ އެ އަމަލަކީ ފިނޑި އަމަލެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރިއެވެ.
އިދިކޮޅުގެ ވާހަކަތަަކަށް ރައްދުދީ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ކުރާ މެމްބަރުން ބުނެފައިވަނީ ގާނޫނު އަސާސީގައި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އަމަލުކުރެވޭނެ ދެ ގޮތެއް ކަނޑައަޅާފައި އޮންނަ ކަމަށެވެ. އެގޮތުން ލިޔުމުންނާއި އަނގަ ބަހުން ޖަވާބު ދާރީ ވެވިދާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި އެހެންކަމުން އެދެގޮތުން ކުރެ ކޮންމެވެސް އެއް ގޮތަކަށް އަމަލު ކުރެވިދާނެ ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.
މީގެ އިތުރުން ސަރުކާރު ބައެއް މެމްބަރުންގެ ވާހަކައިގައި މީގެ ކުރިންވެސް އިތުބާރު ނެތްކަމުގެ މައްސަލައިގައި ވަޒީރުން މަޖިލީހަށް ހާޒިރުވެ ޖަވާބު ދާރީވެފައިވާ ކަމަށާއި ނަމަވެސް އެ ވަޒީރުންނަށް ލިޔުމުން ޖަވާބުދާރީވާން އޭރުގައި ނުޖެހޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އޭރު ނުކުރި މަޖުބޫރެއް މިހާރު ކުރަން ނުޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.
ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގާންވާނެ ކަމަށެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވާ ކަމަށެވެ.
ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެޖެންޑާކޮށް ރިފްއަތު ލިޔުމުން ފޮނުވި ޖަވާބު މަޖިލީހުގެ ތަޅުމުގައި އިއްވަން ތައްޔާރުވި ވަގުތު މެންބަރުން ހިޔާލުތަފާތުވުމާ ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދު ވަނީ އެ މައްސަލައިގައި އިޖުރާއީ ސުވާލުތަކެއް އުފައްދަވާ މަޖިލީހުގައި އެމައްސަލަ ކުރިއަށް ގެންދިއުން ހުއްޓުވާފަ އެވެ. އަދި އެ މައްސަލައިގައި ސުޕްރީމް ކޯޓގެ އިސްތިޝާރީ ލަފައެއް ހޯއްދަވާނެ ކަމަށް އެމަނިކުފާނު އިއުލާންކުރެއްވިއެވެ.
އެކަމާއި ގުޅިގެން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ ރައީސް ނަޝީދު ބަންޑާރަ ނައިބުގެ މައްސަލައިގައި ވޯޓް ނެގުން ލަސްކުރަނީ ބިރުންކަމަށް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ރިފްއަތު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވެވަޑައިގަތީ އެ މައްސަލާގައި ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަމުންދާތީ ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް ކަމުގެ ހަގީގަތް ހާމަކޮށްދެވޭނީ ލިޔުމުން ޖަވާބުދާރީވެވަޑައިގަންނަވާތީ ކަމަށް ފެނިވަޑައިގަތުމުން ކަމަށެވެ. ނަމަވެސް އިއްޔެގެ ޖަލްސާ ނިމިގެން ދިޔައީ ލިޔުމުން ޖަވާބުދާރީވުމުގެ ހައްގުވެސް ލިބިވަޑައިނުގެންކަން ފާހަގަކުރައްވާފައިވެ އެވެ. އެހެންކަމުން މަޖިލީހުގައި ދެން މިމައްސަލަ ކުރިއަށް ގެންދާ ދުވަހަކުން އަނގަބަހުން ޖަވާބުދާރިވެވަޑައިގަތުމަށް ފުރުސަތު ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
ބަންޑާރައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓީސް ފޮނުވާފައި ވަނީ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ ދަށުންނެވެ.
ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅުއްވާފައިވަނީ ދިވެހި ދައުލަތުގެ މަސްލަހަތު އިސް ކުރުމުގެ ބަދަލުގައި އެހެން ގައުމެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރެއްވިކަމަށް ބުނެއެވެ.
އަދި ސިއްރު ޑީލެއްގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮރިޝަސްއަށް ވިއްކާލިކަމުގެ ތުހުމަތުގައެވެ.

