ރައްޔިތުންނަށް ހިޔާނާތްތެރި ވުން، ނުވަތަ އެކްސްކްރޯ އެކައުންޓަކަށް ޑޮލަރު ޖަމާ ކުރުން ފަދަ އެއްވެސް އަމަލެއް ނުހިންގާކަމަށް ވިދާޅުވެ ނުސީދާ ބަހުގެ ހަމަލާތައް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އަމާޒު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު އެޖެންޑާ ކުރި ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ 09:00 ގައި ފަށައި ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް އެކަން އެގޮތަށް ގެންދެވޭ ގޮތެއް ނުވި އެވެ. އިދިކޮޅު މެމްބަރުންގެ ނިޒާމީ ނުކުތާތަކާއި އެކު، މައްސަލަ ހުށަހެޅޭ ގޮތް ނުވެ ރިފްއަތު ޖަވާބުދާރީވުމުގެ ބައި ފެށުނީ ބްރޭކަށް ފަހު 11:30 ގަ އެވެ.
ފުރަތަމަ ފަހަރަށް ތުހުމަތުތަކަށް ޖަވާބުދާރީވަމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރިފްއަތު ވިދާޅުވީ މިއަދަކީ އޭނާގެ ހަޔާތުގައި ތާރީހީ ދުވަހެއްކަމަށާއި، އޭގެ ސަބަބަކީ މިވޭތުވެ ދިޔަ 14 އަހަރު އެކި ގޮތްގޮތުން ކުރީގެ ރައީސުންނާއި، އަދި ސިޔާސީ އެކި ބޭފުޅުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ހިލޭ ސާބަހަށްކަމަށް ވާތީ ކަމަށެވެ. އަދި މިއަދު ހާއްސަވާ އަނެއް ސަބަބަކީ ކަނޑުގެ މައްސަލައިގައި އިޓްލޮސްގައި ރާއްޖެއަށް ލިބުނު ކާމިޔާބީއަށް ފަހު އެ ވާހަކަ ތަފްސީލުކޮށް ވާހަކަ ދެއްކުމަށް ފުރުސަތު ލިބޭތީ ކަމަށެވެ.
ރިފްއަތު ވިދާޅުވީ އިޓްލޮސްގައި ލިބުނު ބޮޑު ކާމިޔާބީއަށް ފަހު، މޮރިޝަސްއިން އޭނާއަށް ދިން އެއްވެސް ހަދިޔާއެއް އަދި ލަގަބަކާއި މެޑައްޔެއް ވެސް ނެތް ކަމަށެވެ.
މައްސަލަ ނިމުނުއިރު، މޮރިޝަސް ސަރުކާރުން އަޅުގަނޑަށް ދިން ރަން މެޑައްޔެއް ނެތް.. އަޅުގަނޑަށް ދިން ލަގަބެއް އިއްޒަތެއް ނެތް.. ޑޮލަރު ލާން އަޅުގަނޑު ހުޅުވި އެކްސްރޯ އެކައުންޓެއް ވެސް ނޯންނާނެ.. އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް ފައިސާއެއްގައި ޖެހި ހިޔާނާތް ނުވާކަން ރައްޔިތުންނަށް ޔަގީންކަން ދެން
ރިފްއަތު ވިދާޅުވީ ޒަމާންވެފައިވާ މި މައްސަލައިގައި ދިވެހި ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ގޮތެއް ނިންމަން ކެރުނު އެއްވެސް ސަރުކާރެއް ނެތް ކަމަށެވެ. އަދި ނޭނގި ނަމަވެސް ވީ ގައުމަށް އިހުމާލުކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަ ނައިބުން ވެސް ކަނޑުގެ މައްސަލައިގައި އިހުމާލުވިކަމުގެ ތުހުމަތު ކުރައްވައި ރިފްއަތު ވިދާޅުވެފައި ވަނީ އެ ވާހަކަ ދައްކަން ޖެހެނީ ލަދުވެތިކަމާއި އެކު ކަމަށެވެ. އެކަމަކު ދެކުނުގެ ކަނޑުގެ މައްސަލައިގައި އޭނާ އިސްކުރީ ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ މަތީ މަސްލަހަތުކަމަށަށެވެ.
ރިފްއަތު ފުރަތަމަ ފުރުސަތުގައި ވާހަކަ ދައްކަވަމުން ގެންދެވިއިރު، ބައެއް މެމްބަރުން ނިޒާމީ ނުކުތާތައް ނަންގަވަމުން ގެންދެވި އެވެ. އެގޮތުން އެންމެ ފުރަތަމަ ނިޒާމީ ނުކުތާ ނަންގަވައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މައްސަލަ ހުށަހަޅުއްވައި މަޑުއްވަރީ ދާއިރާގެ މެމްބަރު ގިނަ ސުވާލުތައް ކުރެއްވިކަމަށާއި އެކަމަކު ރިފްއަތު ޖަވާބު ދެއްވަނީ ބަހުގެ ހަމަލާތައް ދޭ މޭރުމަކުން އެކި ބޭފުޅުންނަށް އަމާޒު ކުރާ ތުހުމަތުތަކާއި އެކު ކަމަށެވެ.
އެހެންކަމުން އެ ނޫންގޮތަކަށް ކުރިޔަށް ގެންދެވޭނެކަމަށް ގަބޫލު ނުކުރާކަމަށާއި، ޖަވާބުދޭން ޖެހޭނީ މައްސަލަ ހުށަހެޅި މެމްބަރުންގެ ސުވާލުތަކަށްކަމަށް އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ ތަޅުން އަނެއްކާވެސް ހޫނުވި ހިސާބަކީ އެއީ އެވެ. އިދިކޮޅު މެމްބަރުން ވެސް ވަނީ އާޒިމްގެ ވާހަކައާއި އެކު އޭނާއަށް ތާއީދުކޮށް ތަޅުމުގައި އަޑުގަދަކޮށްފަ އެވެ.
އާޒިމްގެ ނިޒާމީ ނުކުތާ ބަލައިގަނެ، މަޖިލީހުގެ ރިޔާސަތުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު ވެސް އެގޮތަށް ކުރިޔަށް ގެންދިއުމަށް ރިފްއަތަށް އިރުޝާދު ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ހުށަހެޅި މައްސަލައަށް ޖަވާބުދާރީވާން ދަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ވާހަކަ ދައްކަވަމުން ގެންދެވި ވަގުތު، މީދޫ ދާއިރާގެ މެމްބަރު އަޑުގަދަ ކުރައްވާތީ ރިޔާސަތުން ވަނީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ގޮވާލާފަ އެވެ. އެކަމަކު ރޮޒެއިނާ ނޫނަސް އިދިކޮޅު މެމްބަރުން ވެސް އަޑުގަދަ ކުރައްވަމުން ގެންދެވި އެވެ.
ސުވާލާއި ޖަވާބުގެ ފުރުސަތު މިފަދަ މައްސަލައެއްގައި ނޯންނާނެކަމަށް ރިފްއަތު ވެސް ވިދާޅުވި އެވެ. އެކަމަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އިންތިޒާމުތައް ހިންގަވާނީ އެމަނިކުފާނު ކަމަށެވެ. އަދި މަޖިލީހުގެ ގަވައިދާއި އެއްގޮތަށް އަމަލު ކުރުމަށް ވިދާޅުވި އެވެ.

