ވަކި މިންވަރަކަށް އާމްދަނީ ނުލިބޭ އާއިލާތަކަށް މާލީ އެހީތެރިކަން ދޭނެކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
”އުޖާލާ ޒަމާން މެނިފެސްޓޯ“ ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޕީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވައުދުވާ ކަންތައްތައް ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ނާޒިމްގެ މެނިފެސްޓޯގައި މައިގަނޑު 9 ދާއިރާއަކަށް ބިނާކޮށް ވައުދުތައް ވެފައިވެއެވެ. އެއީ އިސްލާމީ ވަހުދަތާއި، ބާއްޖަވެރި އާއިލާ، ފަންނީ ޖީލު، ބަދަހި އިގްތިސާދު، ސަލާމަތްތެރިކަން ކަށަވަރު. އިގްތިސާދު، އުފާވެރި ޒުވާނާ، ނަޒާހަތްތެރިކަން އަދި އަދުލު އިންސާފެވެ.
ބާއްޖަވެރި އާއިލާއަކަށް ހެދުމަށް ޑޮމެސްޓިކް ކަރަންޓް މީޓަރުތަކުން ކޮންމެ މަހަކު ފުރަތަމަ 100 ޔުނިޓް ހިލޭކޮށް ޑޮމެސްޓިކް ފެން ބިލުން ފުރަތަމަ 100 ޔުނިޓް ހިލޭކޮށް ޑޮމެސްޓިކް ފެންބިލުން 3000 ލީޓަރު ފެން ހިލޭ ދިުމަށް ވަނީ ނިންމާފައެވެ، އަދި ރަށްރަށުގެ ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ތެޔޮ މަދުކޮށް އިއާދަކުރުވަނިވި ހަކަތަ ތައާރަފްކޮށް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.
އަލަށް އުފަންވާ ކޮންމެ ކުއްޖެއްގެ ބޭނުމަށް ދައުލަތުން 5000 ރުފިޔާގެ އިނާޔަތެއް ދިނުމަށް މެނިފެސްޓޯގައި ހިމެނިފައިވެއެވެ. އަދި އެކަނިވެރި މައިންނަށްދޭ އިނާޔަތް 4،000 ރުފިޔާ އަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.
ނާޒިމްގެ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ކަންކަމުގެ ތެރޭގައި
- މެޑިކަލް އިންޝިއުރެންސް ކާޑެއް ތައާރަފް ކުރުން
- ގޭބިސީތަކުގެ ކުނި ހިލޭ އުކާލަ ދިނުން
- ކޮތަޅުން ނަގާ 2 ރުފިޔާ ކަނޑާލުން
- މޮރިޝަސް އަށް ފޮނުވި ރައީސްގެ ސިއްރުސިޓީ ހާމަކުރުން
- ތިން އާބަން ސެންޓަރު އުފެއްދުން
- މަސްކަނޑުން ގެއްލުނު ބައި ހޯދުން
- ދިވެހިންނަށް ހިލޭ ބަސްދަތުރު
- ޕެޑް ހިލޭ ލިބޭގޮތް ހެދުން
- 18 އަހަރު ވެފައިވާ ކޮންމެ މީހަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ފެށުން
- އިސްލާމީ ފަތުވާދޭ އެންމެ މަތީމަޖިލިސް އަލުން އެކުލަވާލުން
ނާޒިމްގެ މެނިފެސްޓޯގައި ވެރިކަމާއި ހަވާލްގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރަން ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.
ދައުލަތުގެ އިސް މަގާމުތަކާއި ކުންފުނިތަކުގެ އިސް މަގާމުތަކުން 30 އިންސައްތަ އަންހެނުނަށް ރިޒާވް ކުރުމާއި މަޖިލިސް އިންތިހާބުގައި މަދުވެގެން 30 އިންސައްތަ އަންހެނުން ތަމްސީލު ކުރެވޭނެ ގޮތެއް ހެދުން ނާޒިމްގެ މެނިފެސްޓޯގައި ހިމެނެއެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރުން ހުއްޓާލުމަކީ ވެސް ނާޒިމްގެ ވައުދެކެވެ.

