މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އެލައިޑް އިންޝިއުރެންސް އާއި ގުޅިގެން މަންސަގެ ނަމުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއިބެހޭ ޝެސަން އެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފުން މަންސަ އާއި ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ސެޝަން އޮންނާނީ މި ޖޫން މަހުގެ 16 ވާ ހުކުރު ދުވަހު ހަވީރު 4:30 ގައި ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކްގައެވެ.
މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ އަލިފާނާއި ގުޅޭ ކަންކަމާއި އަލިފާނުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ މަންސައަކީ ކޮބައި ކަމާއި މިފަހަރުގެ މަންސަ ޕްރޮގްރާމް ބާއްވަނީ ކޮންތާކު ކޮންއިރަކު ކަމާއި އަލިފާނާއި ގުޅުން ހުރި އެހެނިހެން ޕްރޮގްރާމްތަކާއި މަންސަ އާއި ހުރި ތަފާތާއި ބެހޭ ގޮތުން ސެޝަންގެ ބައިވެރިންނަށް މައުލޫމާތު ފޯރުކޮށް ދެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން އަލިފާނުގެ ހާދިސާތައް ބާއްވާއިރު އާއްމުން ހޭލުންތެރިކުރުމަށް މަންސަ ބާއްވާއިރު އެކަމުގައި ކުރިއަށް ރޭވިފައިހުރި ހަރަކާތްތަކަކީ ކޮބައިކަން ވެސް އެމްއެންޑީއެފްގެ މައުލޫމާތު ސެސަންގައި ދޭނެކަމަށް ބުނެފައިވެއެވެ.
އެމްއެންޑީއެފްގައި ފަޔަރ އެންޑް ރެސްކިއު ސާވިސަސް ގެ ޑިވިޒަން އެއް ވަކިން އޮންނަ އިރު މާލެ އާއި މާލެ ސަރަހައްދުގައި ހިނގާ އެކިވަރުގެ ހާދިސާތަކުގައި އެފަރާތުން އަބަދުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އަކީ އަލިފާނުގެ ހާދިސާތަކުން ދިމާވެދާނެ ނުރައްކަލަކަށް އަބަދުވެސް ތައްޔާރަށް ތިބޭ ބައެކެވެ. އަދި އަލިފާނުން ރައްކާތެރިވުމާއި އަލިފާނުގެ ހާދިސާތަކުން ސަލާމަތްވާނެ ގޮތުގެ ތަމްރީނާއި އިރުޝާދު ދިނުމުގެ ވޯކްޝޮޕްތައް އެ އިދާރާއިން އަބަދުވެސް ކުރިއަށް ގެންދެއެވެ.

