ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ރޭހުގައި އާޒިމާގެ ތާއީދު ނާޒިމަށް؛ ”ބޭނުން ވަނީ ވެރިންގެ އައު ޖީލެއް“

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ނާޒިމާއި އެކު، ކުރީގެ ބަންޑާރަ ނައިބު އާޒިމާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ ދިވެހިރާއްޖޭގައި ވެރިންގެ އައު ޖީލެއް އުފެދި، އައު ވިސްނުންތަކަކަށް ފުރުސަތު ލިބެންވީ ވަގުތުކަމަށް ގަބޫލު ކުރެވޭތީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓު ކާނަލް މުހައްމަދު ނާޒިމްގެ ކެމްޕެއިނާއި ރަސްމީކޮށް ގުޅުމަށް ނިންމާފައިވާކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ، ނާޒިމަށް ތާއީދު ކުރުމަށް ނިންމެވިކަން ހާމަކޮށް އާޒިމާ މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އެމްއެއެންޕީގެ ކެނޑިޑޭޓުގެ ކެމްޕެއިން ހަރަކާތްތަކުގައި ރަސްމީކޮށް ބައިވެރިވާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސިޔާސީ މަސައްކަތްތައް ކުރައްވައި، އެމަނިކުފާނު ސަރުކާރުގެ ބަންޑާރަ ނައިބުކަން ވެސް ކުރެއްވި އާޒިމާ ސިޔާސީ މަސައްކަތްތަކާއި ދުރުގައި ހުންނަވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. މި ސަރުކާރު އުފެދުނު ފަހުން އާޒިމާ ކުރިޔަށް ގެންދެވީ، އޭނާ ހިންގަވާ ލޯފާމް ރެހެންދި ޗެމްބާރސްގެ މަސައްކަތްތަކެވެ.

2023 ގެ ރިޔާސީ އިންތިހާބަކީ މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން 2013 ގެ އިންތިހާބަށް ފަހު އަނެއްކާވެސް ދެ ކެނޑިޑޭޓުންނަށް ވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރާނެ އިންތިހާބަށް ވާނެ އެވެ. އަދި ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތައް އައިސް، ވާދަވެރިކަން އުފެދިފައި އޮތް މާހައުލެއްގައި ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ނާޒިމަށް ތާއީދު ކުރުމަށް ނިންމި ސަބަބެއްކަމަށް އާޒިމާ ވިދާޅުވީ މިއަދު ރާއްޖޭގެ ހާލަތު އޮތް ހިސާބެވެ. ހާއްސަކޮށް ގާނޫނުއަސާސީގެ ހުކޫމަތު ގެއްލިފައިވުމާއި އަދި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަށް އެކަށީގެންވާ މަސައްކަތްތައް ކުރެވޭކަމަށް ގަބޫލު ނުކުރެވޭއިރު، މިހާރުގެ ހާލަތަކީ އާޒިމާ ވިދާޅުވި ގޮތުގައި އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ދިވެހިން ގެނައި ޑިމޮކްރަސީގެ އަސާސްތައް ފުނޑުފުނޑުވެފައި ވުމެވެ.

އާޒިމާ ވިދާޅުވީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމުވެ، ދައުލަތުގެ މުއައްސަސާތައް އޮތީ ސަރުކާރުގެ ބާރުވެރިކަމުގެ ދަށުގައި ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ގައުމުގެ ރައްކާތެރިކަން ގަބޫލު ނުކުރެވޭ މިންވަރަށް ބަލިކަށިވެފައިވާކަން ފާހަގަކޮށް އާޒިމާ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ސަރުކާރު ބަދަލުވާން ޖެހޭ ކަމަށެވެ.

އާޒިމާ ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި ވެރިންގެ އައު ޖީލެއް އުފެދި، އައު ވިސްނުންތަކަކަށް ފުރުސަތު ލިބެންވީ ވަގުތު ކަމަށެވެ. ހާއްސަކޮށް ރާއްޖޭގައި ގައުމީ ވިސްނުންތަކާއި އެކު، ބައިނަލްއަޤުވާމީ މައިދާނުގައި ބަސް ބުނެވޭނެ ދަރިން އެބަތިބިކަމަށް އޭނާ ގަބޫލު ކުރާކަމަށާއި ދިވެހި ގައުމަކީ ބޭރު ދުނިޔޭގެ ގައުމުތަކުގެ އިހުތިރާމާއި ގަދަރު ލިބިގަނެ، ދުނިޔޭގެ މަސްރަހުގައި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ގައުމެއްކަމަށް އާޒިމާ ވިދާޅުވި އެވެ. އެހެންކަމުން އަމިއްލަ ދައުލަތެއް ބިނާކުރުމަށްޓަކައި، މިހާރުގެ ސިޔާސީ ވިސްނުންތަކުގެ މައްޗަށް ތައުލީމީ އީޖާދީ އަދި ޒަމާނީ ވިސްނުންތަކަކަށް ފުރުސަތު ލިބެންޖެހޭކަމަށް އާޒިމާ ވިދާޅުވި އެވެ.

ނާޒިމްގެ ސިޔާސީ ބައެއް މަސައްކަތްތަކާއި، އަދި މަގާމުތައް ފުރުއްވި ދުވަސްވަރު އަދާކުރެއްވި ބައެއް ޒިންމާތައް ފާހަގަކޮށް އާޒިމާ ވިދާޅުވީ އެ ލީޑާޝިޕް ކޮލިޓީ އެންމެ ރަނގަޅަށް ފެނިގެން ދިޔައީ ސުނާމީ ކާރިސާއަށް ފަހު ގައުމަށް ޖެހުނު ހާލަތުގައި ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ސިޔާސީ ހަމަޖެހުން ގާއިމު ކުރުމަށް ގޮވާލުމާއި، އަދި ޖީއެމްއާރު އަތުން މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހޯދުން ފާހަގަކުރި އެވެ.

ނާޒިމްއަކީ ދައުލަތަށް ދިމާވި ވަރަށް ހައްސާސް ކަންކަމުގައި އަޅުގަނޑު ވަރަށް ގާތުން އެކުގައި މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި ސުނާމީ ކާރިސާގެ ދުވަސްތަކުގައި ކުރެވުނު މަސައްކަތްތަކާއި 2012 އަދި 2013 ގައި ގައުމުގެ ހަމަޖެހުމާއި މަސްލަހަތު ގާއިމުކޮށް އިންތިހާބަކަށް ޖާގަދީ، ސަރުކާރު ބަދަލުވުމުގެ މަރުހަލާ އަމާންކަމާއި އެކު ކުރިޔަށް ގެންދިއުމުގެ މަސައްކަތްތަކާއި ޖީއެމްއާރުގެ އަތުން އެއާޕޯޓު އަތުލުންފަދަ މަސައްކަތްތައް ހިމެނޭއިރު މިވަގުތު ގައުމު އޮތް ހާލަތުން، ގައުމު ނަގައި ކޮޅަށް ޖަހައި ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށް ގައުމުގެ ކަންކަން ހަމަ މަގަށ އެޅުވޭނެ ގާބިލުކަން އޭނާގައި ހުރިކަމުގެ ޔަގީންކަން އަޅުގަނޑަށް އޮތުން

އާޒިމާގެ ބަޔާނުގައި ވަނީ، ބައިބައިވެފައިވާ މުޖްތަމައުއެއްގެ ތެރެއިން މިއަދު ބޭނުން ވަނީ ޒުވާނުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ހިޔާލު ތަފާތުވާ މީހުންގެ އަޑުއަހަން ކެރޭ ފަސް ބައި ސާފު ވެރިއެއް ކަމަށެވެ. އަދި ނާޒިމަކީ ފަސްބައި ސާފު ލީޑަރެއްކަމަށާއި، އޭނާގެ ތަޖުރިބާ އާއި މަސައްކަތްތަކަށް ބަލައި އެގޮތުގައި ކުރިޔަށް ދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އާޒިމާ ވިދާޅުވި އެވެ.

މީގެއިތުރުން އާޒިމާ ވިދާޅުވީ، ނާޒިމަކީ އޭނާ ކުރިން މަސައްކަތް ކުރި ސިޔާސީ ޕާޓީގައި މާބޮޑު ކުރިއެރުމެއް ނެތްކަމަށ ގަބޫލު ކުރެވުނު ހިސާބުން ފެށިގެން އޭނާގެ އަމިއްލަ ސިޔާސީ ވިސްނުން ބިނާ ކުރުމުގެ މަސައްކަތް ވަގުތުން ފެއްޓެވި ބޭފުޅެއް ކަމަށެވެ. އަދި މިއަދާއި ހަމައަށް މުރާލިކަމާއި ކެތްތެރިކަމާއި އެކު ނާޒިމް ކުރަމުން އައި މަސައްކަތްތަކުގެ ފަހަތުގައި ވަނީ ވަރުގަދަ އަޒުމެއްކަމަށް ވިދާޅުވި އެވެ.

ގައުމު ވެއްޓެމުން މިދާ އަނދަވަޅުން ސަލާމަތްކޮށް ގައުމު އާރާސްތު ކުރަން ޖެހޭއިރު، އާޒިމާ ވިދާޅުވި ގޮތުގައި އޭނާގެ ފުރިހަމަ ޔަގީންކަން ނާޒިމަށް އެބައޮތެވެ. އަދި ވެރިކަން ލިބިވަޑައިގެންފި ނަމަ ސާބިތުކަމާއި އެކު އެ މަގުން ކުރިޔަށް ދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވެސް ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ބާކީ އޮތީ 85 ދުވަހެވެ. ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ އެތެރޭގައި އުފެދުނު މައްސަލަތަކާއި އެކު ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެމްބަރުން ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއްގެ މަސައްކަތް ފެށިއިރު އިދިކޮޅު ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނީ އެމަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ހުކުމް ކޯޓުން ބާތިލު ކުރުމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: