ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ޑެޑްލޮކެއްގައި އޮތަސް ކޯޓަށް ދިއުމުގެ ވިސްނުން އެމްޑީޕީ ޕީޖީގެ ނެތް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލިސް ޖަލްސާތައް ކުރިޔަށް ނުގެންދެވި، އެޅުވިފައިވާ ޑެޑްލޮކުން ސަލާމަތްވުމަށް ސުޕްރީމް ކޯޓަށް ދިއުމަކީ އެންމެ ފަހު ފިޔަވަޅުކަމަށާއި، އެ ހާލަތަށް ދާން އަދި ބޭނުން ނުވާކަމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިވަގުތު ހުށަހަޅާފައިވާ ރައީސް މުހައްމަދު ނަޝީދާއި، ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ މަގެއް ނެތި ޖަލްސާތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ހުރަސްއެޅުމާއި، އިތުބާރު ނެތްކަމުގެ މައްސަލަތައް ގޮވާލުމުގެ އަޑުތަކާއި އެކު ތަޅުން ހޫނުވެ ނިޒާމު ގެއްލިފައިވާކަމަށް ނިންމައި އެ ދުވަހެއްގެ ޖަލްސާތައް ނިންމާލާތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

މިކަމުގައި އިދިކޮޅާއި، ސަރުކާރުގެ މެމްބަރުން ވެސް ޒިންމާވާން ޖެހޭކަމަށް ގިނަ ބަޔަކު ބުނާއިރު އޮތް އެންމެ ބޮޑު އެއް ފާޑުކިއުމަކީ އެމްޑީޕީގެ މެމްބަރުން ނުވަތަ ޕާޓީގެ ޕާލިމަންޓް ގުރޫޕުން ޖަލްސާތައް ކުރިޔަށް ގެންގޮސް، ޑެޑްލޮކަކުން ނެއްޓުމަށް ކުރާ މަސައްކަތެއް ނެތް ކަމަށެވެ.

އެފަދަ ކަންތައްތަކެއް ހިނގަނީތޯ އާއި، އެމްޑީޕީގެ ޕީޖީއަށް އެޅެން ހުރި ފިޔަވަޅުތައް ނާޅަނީ ކީއްވެގެން ތޯ ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ މަޖިލީހަކީ ދައުލަތުގެ ބާރަށް ވާތީ، މަޖިލީހުގެ ތެރެއިން ހުރިހާކަމެއް ހަމައަކަށް އެޅުވޭތޯ ބަލާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާއެއް ހޯދުމުގެ މަގަކީ އެންމެ ފަހު ފިޔަވަޅުކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ކަންކަން ހައްލު ނުވެގެން، ކޯޓާއި ހިސާބަށް ދާން ޖެހުން އެއީ ތަންކޮޅެއް ދެރަވަރުކަމެއް.. އެހެންވީމާ އެކަން ނުކޮށް ވޭތޯ ބަލަން އެބަ.. އެކަމަކު އެހާ ހިސާބަށް ދާން ޖެހިއްޖެއްޔާ އެހިސާބަށް ވެސް ދާނަން

ރައްޔިތުންގެ މަޖިލީހަކީ، ދައުލަތުގެ އެއް ބާރުކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ އޭނާ ގަބޫލު ކުރާގޮތުގައި ތިން ބާރަކަށް ދައުލަތް ބެހިގެންދާއިރު އަދި ދައުލަތުގެ އެންމެ މަތީވެރިއަކީ ރައީސުލްޖުމްހޫރިއްޔާކަމުގައި ވީނަމަވެސް މަޖިލީހަކީ ވަރަށް ބާރުވެރިކޮށް އޮތް ތަނެއް ކަމަށެވެ. އަދި ގާނޫނުއަސާސީން އެ ބާރުވެރިކަން ކަށަވަރުކޮށްދޭކަމަށް އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ އިދާރާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދުވެސް އަސްލަމް ތަކުރާރުކޮށް ވިދާޅުވީ މަސައްކަތް ހުއްޓި މަރުތަޅު އެޅުވިފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނީ ރައީސް ނަޝީދަށް ކަމަށެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ އެ ވިސްނުން ހުރިކަމަށް ގަބޫލު ނުކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ވަކި މައްސަލައެއް އަނބުރާ ގެންދިއުމަށް ރައީސް ނަޝީދު ގޮވާލުމަކީ ވަރަށް ހުތުރު މަންޒަރެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިމެން ބާކީ އޮތީ ދެ ހަފްތާއެއްހާ ދުވަހެވެ.

މިވަގުތަށް ބަލާއިރު އީވާގެ މައްސަލަ ކުރިޔަށް ގެންދެވެން ނެތުމުން އެކަން އެމްޑީޕީގެ ޕީޖީން ސިފަ ކުރަނީ މަޖިލީހުގައި މަރުތަޅު އެޅުވުމަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ. އަދި ގަވާއިދު އެފަދަ ކަމަކަކަށް ތަން ނުދޭކަމަށް އެމްޑީޕީއިން ފާހަގަކުރެއެވެ. އެކަމަކު ރައްދުގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް މެންބަރުން ބުނެފައި ވަނީ މަޖިލީހުގައި މަރުތަޅު އެޅުވީ ސަރުކާރުން ކަމަށެވެ. އަދި މިއީ ސަރުކާރުން ބާރުތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ސިފަ ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: