ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި ދިނީ ރައީސް ސޯލިހުގެ ހެޔޮފުޅުކަމުން، ވާރުތަ މުދަލަކުން ނޫން: ސައިފް

ގަލޮޅު އުތުރު ދާއިރަގެ ކައުންސިލަރ ސައިފް ފާތިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭނެކަމަށް ލިސްޓުގައި ނަން ހިމަނާފައިވާއިރު، އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މުދަލުން ލިބޭ ބައެއް ނޫންކަމަށް މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ފާތިހު ވިދާޅުވެއްޖެ އެވެ.

ސަރުކާރާއި ދެކޮޅުވެ، ރައީސް ސޯލިހަށް އެންމެ ބޮޑަށް ފާޑުކިޔާ މެމްބަރުންނަށް ވެސް ގޯތި ލިބިފައިވުމަކީ ބޯހިޔާވަހިކަމުގެ ސިޔާސަތު ގެންގުޅުވުމުގައި އެއްވެސް ބަޔަކު އިސްތިސްނާ ނުކުރުންކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ބުނެފަ އެވެ.

ލިސްޓު އާއްމު ކުރުމާއި އެކު ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ ސަރުކާރުގެ ބައެއް މެމްބަރުންނާއި، ސިޔާސީ އެކި ބޭފުޅުންގެ އާއިލާތަކަށް ފްލެޓު ލިބިފައިވާތީ އެވެ. އަދި އެކަމަށް ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް ރައީސް ސޯލިހުގެ އަނބިކަބަލުން ފަޒްނާ އަހުމަދުގެ ކޮއްކޮ ނަޒީ އަހުމަދު ވަނީ ސަރުކާރާއި ދެކޮޅު މެމްބަރުންނަށް ފްލެޓު ލިބުމުން އެ މެމްބަރުންނަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ކުރި ޓުވީޓުގައި ވަނީ ސަރުކާރާއި ދެކޮޅު ބައެއް މެމްބަރުން ސަރުކާރުން ރައްޔިތުންނަށް ގޯތި ނުދޭނެކަމަށް ބުނަމުން ދިޔަ ކަމަށެވެ. އަދި އޭގެ ސަބަބުން ޝަރުތު ހަމަވާ އެތައް ބަޔަކު ފޯމުލާފައި ނުވާކަމަށް ވިދާޅުވި އެވެ. އެކަމަކު ސަރުކާރާއި ދެކޮޅުވެ އެމްޑީޕީން ވަކިވެގެން ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރާ ބައެއް މަޖިލިސް މެބަރުންނަށް ގޯތި ލިބިފައިވާކަމަށް ފާހަގަކުރި އެވެ.

އޭގެ ތެރޭގައި މާލެ ސިޓީ ކައުންސިލްގެ މެމްބަރު ސައިފް ވެސް ހިމެނޭއިރު، ރައްދުގައި ސައިފް ވިދާޅުވީ ފޯމު ނުލުމަށް އެއްވެސް އިރެއްގައި ގޮވާލާފައި ނުވާނެ ކަމަށެވެ. ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ބިންތަކަކީ ރައީސް ސޯލިހާއި، ފަޒްނާގެ ތަރިކަ މުދަލެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. ނުވަތަ ހެޔޮފުޅު ވެގެން ދޭ ގޯއްޗެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.

ސައިފް ވިދާޅުވީ ބައެއްގެ އުފާފާޅު ކުރުމުގެ މި ހަރަކާތަކީ ވެސް މައިންބަފައިން ނެތް ދުވަހަކުން، ތަރިކަ މުދަލުން ބަހައިގެން ލިބޭ 300 އަކަފޫޓު ދޫކޮށްލުމުން ގޯތި ދޭނެކަމަށް ބުނެ ލިސްޓެއްގައި ނަންތަކެއް ޖަހައިގެން ހިނގާ ކަންތައް ކަމަށެވެ.

ސައިފް ވަނީ ނަޒީގެ އާއިލާއަކީ ބިންވެރި އާއިލާއެއްކަމަށް އިޝާރާތްކޮށް، އެބޭފުޅުންކަކީ މާލޭގައި އެތައް ހާސް ހަކަފޫޓެއްގެ ބިން ހުރި ބޮޑެތި މިލިއަނަރުންކަމަށް ސިފަކޮށްފަ އެވެ. އެކަމަކު ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކޮންމެ މަހަކު ބައިލައްކަ ރުފިޔާއިން މުސާރަ ނަންގަވައި އެފަދަ ވާހަކަތައް ދެއްކުން ލަދުވެތިކަމަށް އޭނާ ވިދާޅުވި އެވެ.

ގޯތި ދޫކުރުމާއި ގުޅޭގޮތުން ރައީސް އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި، ސްކީމްގެ ދަށުން 15،164 ފޯމު ވަނީ ލިބިފަ އެވެ. އަދި ސިންގަލް އެޕްލިކަންޓާއި އެކި މީހުން ގުޅިގެން ޖުމްލަ 23،801 މީހުން ހިމެނޭ ގޮތަށް ފޯމު ހުށަހަޅާފައިވާކަމަށެވެ. އެގެ ތެރެއިން ޝަރުތު ހަމަވަނީ 12،794 ފޯމުކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުންކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންކަމުން އިއްޔެ ގެޒެޓު ކުރާ ލިސްޓުގައި ހިމެނެނީ 10،314 މީހަކަށް ލިބޭ ގޯއްޗެވެ.

މިއީ މާލޭގެ ރައްޔިތުންނަށް އުފާވެރި ދުވަހެއްކަމަށް އަސްލަމް ވިދާޅުވި އެވެ. ރާއްޖޭގެ ބޯހިޔާވަހިކަމުގެ ފުރިހަމަ ސިޔާސަތެއް އެބައޮތްކަމަށާއި، މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކައް ދިމާވެފައިވާއިރު ސަރުކާރުން އެކަމުގެ ހައްލު ގެނެސްދޭނެކަމަށް އަސްލަމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: