އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި ދަ ޑިމޮކްރެޓްސް އިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް ކުރި ތުހުމަތުތައް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކުށްވެރިކުރައްވައިފިއެވެ.
ސަރުކާރުން ނޫސްތަކަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް އިދިކޮޅު އަދި ދަ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވީ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އާއި ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.
މި ތުހުމަތުތައް ކުރެއްވީ ދަ ޑިމޮކްރެޓްސްއިން އިންޑިއާ އައުޓް ކެމްޕެއިން އަށް ތާއީދުކުރަންތޯ އަދި މި ހަރަކާތާއި ގުޅިގެން ޑިމޮކްރެޓްސްގެ ސްޓޭންޑަކީ ކޮބައިތޯ ނޫސްވެރިއަކު ތަކުރާރުކޮށް ސުވާލުކުރުމުންނެވެ. މި ސުވާލަށް ސީދާ ޖަވާބެއް ދެއްވުމަށް ދެކޮޅު ހައްދަވާ އަމްރު ވިދާޅުވީ ނޫސްވެރިން ސުވާލުކުރަނީ ރައީސް އޮފީހުން އަންގަފައިވާ ވަކި ހެޑްލައިން އެއް ޖެއްސެވޭނެ ގޮތެއް ހޯދުމަށްކަމަށެވެ.
ރައިސުލްޖުމްހުރިއްޔާ އޮފީހުން މިވެނި ގޮތަކަށް ހެޑްލައިން ޖަހާށޭ، އަންގާފައި އޮތީތީ އެ ހެޑްލައިން ޖެހޭނެ ގޮތެއް ހޯދުމަށްޓަކައި މި ތަނަށް އައިސް ތި ވާހަކަ ދެއްކެވުމުގެ ބޭނުމެއް ނެތް.
ނޫސްވެރިޔާއަށް އަމާޒުކޮށް އަމްރު ވިދާޅުވިއެވެ.
ކުންފުނިތަކުން މީޑިއާތަކަށް ފައިސާ ދޭކަމަށް ވިދާޅުވެ އަމްރު ވަނީ ނޫސްވެރިންނަށް އަމާޒުކޮށް ފާޑު ވިދާޅުވެފައެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ނެތްކަމަށާއި، ސަރުކާރާއި ދެކޮޅަށް އެއްވެސް މީޑިއާއެއްގައި އެއްވެސް ވާހަކައެއް ނުލިޔެވޭކަމަށް އަމްރު ވިދާޅުވިއެވެ. އަދި ނޫސްވެރިން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާކަމަށްވެސް އަމްރު ތުހުމަތުކުރެއްވިއެވެ.
ޝުޖާއުވެސް ވަނީ ނޫސްވެރިންނަށް އަމާޒުކޮށް ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. ނޫސްވެރިން މަސައްކަތްކުރަނީ ފައިސާއަށްކަމަށް ތަކުރާރުކޮށް ޝުޖާއު ވިދާޅުވުމުން ނޫސްވެރިއަކު ވަނީ އެކަން ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް އެބައޮތްތޯ ސުވާލުކޮށްފައެވެ. ނަމަވެސް މި ސުވާލަށް ސީދާ ޖަވާބެއް ޝުޖާއުއަށް ދެވިފައިނުވާއިރު، ނޫސްވެރިންގެ ބައްދަލުވުން ވަރަށް ހޫނުވެގެންދިޔައެވެ.
މިކަމާއި ގުޅިގެން އަލީ ޒާހިރު ވިދާޅުވީ ނޫސްވެރިންނާއިމެދު އިހާނެތި ބަސް ރައްދުކުރުމަކީ ޑިމޮކްރެޓިކް އަދި ޕްރޮގްރެސިވް ސޮސައިޓީއެއްގައި ވަރަށް ބީރައްޓެހި އަދި ހުތުރު އަމަލެއްކަމަށެވެ. ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ރައްދުވާ ގޮތަށް ދެއްކެވި ވާހަކަތަކާއި ކުރެއްވި ތުހުމަތުތަށް ވަރަށް ބޮޑަށް ކުށްވެރިކުރާކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

