ގައުމީ ކާޑު ކުޅެ ރައްޔިތުންނަށް އޮޅުވާލަން ޕީޕީއެމް/ޕީއެންސީން މަސައްކަތް ކުރަމުންދާ ކަމަށް ރައިސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
އަލީ ޒާހިރު އޭނާގެ އެކްސްގައި ވިދާޅުވެފައިވަނީ ގައިގެ ލޭ ހިނގާހިދަކު ގައުމުގެ ފަސްގަނޑުވިޔަސް ކަނޑުން ބަޔެއްވިޔަސް އެއްވެސް އެއްޗެއް ދޫކޮށްނުލާނެ ކަމަށެވެ. އަދި ގައުމަށް ގައްދާރުވި ބަޔަކު ގައުމުގެ ވެރިކަމުގެ ބޭނުމުގައި ފަތުރަނީ ޔޯލަ ވާހަކަތަކެއް ކަމަށެވެ.
އަލީ ޒާހިރުގެ ޓްވީޓްގައި މިގޮތަށް ފާހަގަކޮށްފައިވާއިރު، ފޯޅަވަހި ހިމެނޭ ކަނޑުގެ ސަރަހައްދު، ސަރުކާރުން ވިއްކާލާފައިވާ ކަމަށް އިދިކޮޅުންދަނީ ގިނަ ވާހަކަތައް ދައްކަމުންނެވެ. އަދި އުތުރުތިލަފަޅާއި ގުޅޭގޮތުން އިދިކޮޅުން ދައްކާ ވާހަކަތަކަކީވެސް ހަމަ އެފަދަ ވާހަކަތަކެވެ. މި ކަމަށް ސަރުކާރުން ދަނީ ފާޅުގަ ނޫނެކޭ ބުނަމުންނެވެ. ނަމަވެސް އިދިކޮޅުން ދައްކާ ވާހަކަތަކާއި ގުޅޭގޮތުން ފުރިހަމަ ޖަވާބެއް ސަރުކާރުން ދީފައި ނުވެއެވެ.
ޒާހިރު ވިދާޅުވީ އެފަދަ ވާހަކަތަކަކީ ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތައް ތަންފީޒު ކުރަމުންދާތީ އެކަމަށް ބަޔަކު ހަޖަމްނުވެގެން ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ.

