ދިވެހިރާއްޖޭގެ ސަރަހައްދީ އިމުން ބައެއް ގެއްލިފައިވާކަމަަށާއި އެެހެންކަމުން އޭނާއަށް ވެރިކަމާއި ހިސާބަށް ވާސިލުވެވިއްޖެ ހާލަތެއްގައި އެ މައްސަލަ އދއަށް ހުށައަޅުއްވާނެކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
”އާސްކް ނާޒިމް“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްކަމަށެވެ. އޭނާ ވިދާޅުވީ، އޭނާގެ އިސްނަގައިގެން ކުރިއަށް އޮތްތާނުގައި އެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އޭނާ ވިދާޅުވީ، ޕާޓީގެ ފަރާތުން އިސް ނަގައިގެން އެ މައްސަލަ ޝަރުއީ މަރުހަލާއާއި ހިސާބަށް ގެންދިއުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ.
ނާޒިމް ވިދާޅުވީ، ރައްޔިތުންނަށް ކަނޑުން ބައެއް ގެއްލިފައިވާކަމަށެވެ. އެހެންކަމުން އެ ސަރަހައްދު ހޯދައިދިނުމަށް ބައިނަލްއަގުވާމީ މައިދާނުގައިވެސް މަސައްކަތްކުރައްވާނެކަމަށެވެ. އޭނާ ހަމައެހެންމެ އދ އަށް ހުށައަޅައިގެން ނަމަވެސް އެމްއެންޕީގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ކަމެއްގެ ގޮތުގައި އެ މަސައްކަތްތައް ކޮށްދެއްވާނެކަމަށެވެ.
ދިވެހިރާއްޖޭގައި މުދަލުގެ އަގު އުފުލިފައިވާކަމާއިމެދުވެސް ނާޒިމް ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ދިރިއުޅުމުގެ ހަރަދުތައް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާކަމަށެވެ، އަދި ހަގީގަތުގައި ރާއްޖޭގެ އިގްތިސާދުވެސް އޮތީ ނާޒުކު ފައްތަރެއްގައިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކާބޯތަކެތީގެ އަގުތައް މައްޗަށް ގޮސްފައިވަނީ ޑޮލަރުގެ އަގަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެންކަން ފާހަގަކުރެވިގެންދާނެކަމަށެވެ. ނާޒިމް ވިދާޅުވީ، 15.42 ރުފިޔާއަށް ވިއްކަމުންދިޔަ ޑޮލަރުގެ އަގު 17.75 އަށް އަރައިގެން ދިއުމުން ތަކެތީ އަގު ކުޑަ ނުވާނެކަމަށެވެ.
އެހެންކަމުން އެކަން ހައްލު ކުރެއްވުމަށް ދިވެހިރާއްޖޭގެ އިންފްލޭޝަން ދަށަށް ގެނައުމަށް ވިސްނާވަޑައިގެންފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ފުއްދުންތެރިކަން މަތިކުރެއްވުމަށްވެސް ވިސްނާވަޑައިގެންފައިވާކަމަށާއި އެމްއެންޕީގެ ސަރުކާރެއްގައި ކާބޯތަކެތީގެ އަގުތައް އަތް ފޯރާ ފަށަށް ތިރިކުރާނެކަމަށްވެސް ވިދާޅުވިއެވެ.

