ކުރިއަށް އޮތް ފަސް އަހަރު ދުވަހު ދިވެހިރާއްޖޭގެ ކަންކަން ކުރިއަށް ގެންދަންވާ ގޮތް ނިންމާފައިވާއިރު، އެ ނިންމުން ބަދަލުކުރުމަކީ ކުރެވިގެންވާނެކަމެއް ނޫންކަމަށް އެމްއެންޕީގެ ރައީސް ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމުގެ ސަބަބުން، ކޮރަޕްޝަން ފަދަ މައްސަލަތައް ބެލުމުގައި ދަތިތައް ހުރިކަމަށާއި ގައުމުގެ ކުރިމަގަށް ނިޒާމު ބަދަލުކުރުން މުހިންމުކަމަށް ސިފަކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުގެ ދަށުން ދަނީ ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތްކުރަމުންނެވެ. ރައީސް ނަޝީދުވަނީ އެ މަގުސަދު ފުރިހަަމަ ކުރެއްވުމުގެ ގޮތުން އެމްޑީޕީއަށް އަނބުރާ ވަޑައިގަތުމަށްވެސް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްއަށް ހުށައަޅުއްވާފައެވެ.
ދެކެވެމުންދާ ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމުގެ ވާހަކަތަކަށް އަލިއަޅުއްވާ ނާޒިމް ވަނީ އޭނާ އެއްބަސްވެވަޑައިނުގަންނަވާކަން ސާފުކޮށް ހިއްސާކުރައްވާފައެވެ. ނާޒިމް ވިދާޅުވީ، ގާނޫނުއަސާސީގައި ވާގޮތުގެމަތިން ރާއްޖޭގެ ރައްޔިތުންވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރިޔާސީ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރުމަށް ރައީސްއަކު އިންތިހާބުކޮށްފައިކަމަށެވެ. އެހެންކަމުން ވެރިކަމުގެ ނިޒާމު ފުރޮޅާލައި ރައްޔިތުން ނިންމާފައިވާ ނިންމުން ބަދަލުކުރަން އުޅުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ.
ބަރުލަމާނީ ނިޒާމާއި ދެކޮޅަށް ނާޒިމް ވަކާލާތު ކުރެއްވިއިރު، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްވެސް ވަނީ ރައީސް ނަޝީދުގެ ވިސްނުންތަކާއި އެއްބަސްވެވަޑައިނުގަންނަވާކަން ހިއްސާކުރައްވާފައެވެ. ފައްޔާޒު ވިދާޅުވީ، ޑރ މުއިއްޒުއަށް ވެރިކަން ކުރުމުގެ ފަހި ފުރުސަތެއް ލިބެންޖެހޭކަމަށެވެ.

