އެމްއެންޕީގެ ވެރިކަމެއްގައި އިސްކަން ދޭނީ ދިވެހިންނަށްކަމަށާއި ދިވެހިންނަށް ފައިދާ އެއް ނުވާ ގޮތަކަށް ރާއްޖޭގައި ބިދޭސީންނަށް އެކި ސިނާއަތްތަކުގައި މަސައްކަތްތައް ނުކުރެވޭނެކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީއިން ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި ނާޒިމްވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ފާހަގަކުރެއްވިފައިވާ ބައެއް މައްސަލަތަކަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތްތައް ކުރާ ޓްރެވެލް އެޖެންޓުންނާއި ޓުއަރއޮޕަރޭޓަރުންނަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރޭގައި މުހިންމު ރޯލެއް އަދާކުރަމުންދިޔަ ބައެއްކަމަށެވެ. އެހެންނަމަވެސް މިއަދާއި ޖެހެންދެންވެސް ސަރުކާރުތަކުންވަނީ އެ މީހުންނާއިމެދު އިހުމާލުތަކެއް ވެފައިކަމަށާއި އެ މަސައްކަތްތައް ކުރާ މީހުންގެ އަގު ވަޒަން ކުރެވިފައިނުވާއިރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ރާއްޖެއަށް އައުމަށް އޮންލައިންކޮށް ބުކިންގް ހެދޭ ގޮތަށް އޮންނަ އޮތުން ރެގިއުލޭޓުކުރެވިގެންދާނެކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ފައިދާ ލިބިގެންދާ ގޮތަކަށް ބަދަލުތައް ގެނެސްދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް ޚާއްސަ ”ޗެނަލް މެނޭޖަރެއް“ ގާއިމުކުރައްވާނެކަމަށާއި އެ ޗެނަލް މެނޭޖަރު މެދުވެރިކޮށް ނުކޮށް ރާއްޖެއަށް ފަތުރުވެރިންނަށް އާދެވޭނެ ދޮރުތައް ބަންދުކުރައްވާނެކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގައި ”މަޑުޖައްސާލައިގެން“ ތިބޭ އަގޯޑާ ފަދަ ބޮޑެތި ޗެނަލް ކުންފުނިތަކުން ރާއްޖެއަށް ޓެކްސް ނުދައްކާ ތިބޭ ތިބުން އެމްއެންޕީގެ ސަރުކާރެއްގައި ނިމުމަކަށް ގެންނާނެކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެންޕީގެ ސަރުކާރެއްގައި އެފަދަ ކުންފުނިތަކަށް ޓެކްސް ނުދައްކާ ނުތިބެވޭނެކަމަށް ދަންނަވާކަމަށެވެ.
ނާޒިމް ވިދާޅުވީ، އޭނާ އިސްކަން ދެއްވާނީ ދިވެހިންނަށްކަމަށެވެ. އަދި ދިވެހިންނަށް ފައިދާ ލިބޭނެ ގޮތަކަށް ނޫނީ ބިދޭސީންނަށް ރާއްޖޭގައި ހަރަކާތްތެރި ނުވެވޭނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ ޓްރެވަލް އެޖެންޓުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާކަމަށާއި އެ މީހުންނަށް ލިބެމުންދާ އާމްދަނީ ހަތަރު ގުނަ އިތުރުކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމްވަނީ ދިވެހިރާއްޖޭގެ ސަފާރީ ބޯޓު ފަހަރުތަކުގައި މަސައްކަތްކުރައްވާ މީހުންނަށް އަހައްމިޔަތު ނުދެވޭ މައްސަލައާއިމެދުވެސް ވާހަކަދައްކަވާފައެވެ. އެގޮތުން އެފަދަ ބޯޓު ފަހަރު ދުއްވާ ކެޕްޓަނުންގެ އިތުރުން މަސައްކަތްކުރާ ކުރޫއިންނަކީވެސް އެއްވެސް ތަމްރީނެއް ދީ އަގުވަޒަންކުރެވިފައިވާ ބައެއް ނޫންކަމަށާއި އެ މީހުންނަކީ ސަރުކާރުތަކުން ”އެއްލާލާފައިވާ“ ބައެއް ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ސަފާރީ ބޯޓު ފަދަ އުޅަނދުތައް ދުއްވަމުންދާ ކެޕްޓަނުންނަކީ މުހިންމު މަސައްކަތްތަކެއް ކުރައްވާ ބައެއް ކަމަށެވެ. ނާޒިމް ވިދާޅުވީ، އެތައް މިލިއަން ޑޮލަރެއްގެ އަގު ހުރި އުޅަނދެއް ދުއްވާ މީހެއްގެ އަގު ވަޒަން ނުކުރުމުން ޔަގީނުންވެސް އެ މީހެއްގެ ހިތަށް އަސަރުކުރާނެކަމަށެވެ. ނާޒިމް ވިދާޅުވީ، ރާއްޖޭގައި ލޯންޗު ފަހަރު ދުއްވުމުގައި މަސައްކަތްކުރައްވާ މީހުންގެ ވެސް އަގު ވަޒަން ނުކުރުމުން ނިކަމެތިވެ އަސަރުތައް ކުރާނެކަން ޔަގީންކަމަށެވެ.
ނާޒިމް ވިދާޅުވީ، އެމްއެންޕީއިން ވެރިކަމަށް ވާސިލުވުމަށް މަސައްކަތްކުރަމުންދަނީ އެ މީހުންނާއި އެކުގައި މަސައްކަތްކުރުމަށް ކަމަށް ދަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތްތައް ކުރައްވާ ރައްޔިތުންނަށް ހައްގުވާ މަގާމު ދެއްވާނެކަމަށާއި އެމްއެންޕީގެ ވެރިކަމެއްގައި ބޯޓު އަދި ސަފާރީ ފަދަ އުޅަނދުތައް ދުއްވުމުގައި ބިދޭސީންނަށް ފުރުސަތު ނުދޭނެކަމަށެވެ.

