ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައްކަން ކުރާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދިވެހި ރައްޔިތުން ގަބޫލުނުކުރާނެކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ދިއްދޫގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރޮޒައިނާވަނީ ހަރަކާތްތައް ކުރިއަށް ގެންދިޔަ ސަރަހައްދާއި ގާތުގައި އިދިކޮޅުގެ ސަޕޯޓަރުން ރައީސް ސާލިހަށް އަމާޒުކޮށް ހަދާފައިވާ ލަވައެއް ޖަހަމުންދާކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ވައްކަން ކުރީ ކާކުކަން ދިވެހި ރައްޔިތުންނަށް ސާފުވާނެކަމަށެވެ. އޭނާ ވިދާޅުވީ ކަޅު ދަބަސްތަކުގެ ވާހަކަތައްތައްވެސް މުޅި ރާއްޖޭގެ ރައްޔިތުންނަށް އެނގޭނެކަމަށެވެ.
ރޮޒައިނާ ވިދާޅުވީ، ”ރައީސް އިބޫ“ ވައްކަން ކުރިކަމަށް ބުނެ އިދިކޮޅުން ދައްކަމުންދާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާނެކަމަށެވެ. އޭނާ ވިދާޅުވީ ”ފޮތިގަނޑު އުފުލާ މުޒާހަރާއަށް ހަ މީހުން ހަމަނުވަނީ“ ދައްކަމުންދާ ވާހަކަތައް ރައްޔިތުން ބަލައިނުގަންނާތީކަމަށެވެ. ރޮޒައިނާ ވިދާޅުވީ، ރައްޔިތުން މަގުތައް މައްޗަށް ނުކުންނަނީ ދެކެވެމުންދާ ވާހަކަތައް އިވި އެކަން ގަބޫލުކުރެވި ކަންބޮޑުވުމުންކަމަށެވެ. އެެހެންނަމަވެސް އިދިކޮޅުގެ ގޮވާލުންތަކަށް ރައްޔިތުން އިޖާބަނުދެނީ އަދި މަގުތައް މައްޗަށް ނުނުކުންނަނީ އިދިކޮޅުން ދައްކަމުންދާ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާތީކަމަށް ވިދާޅުވިއެވެ.
ފަހަތުގައި ލަވަޖައްސަވާ ބޭފުޅުންނަށް އަޅުގަނޑު ހަމަ މިރޭ ވާހަކައެއް ދަންނަވާލަން ބޭނުން، ވައްކަން ކުރީ ކާކުކަން މުޅި ދިވެހިރާއްޖޭގެ އެންމެންނަށްވެސް އެނގޭ، ކަޅު ދަބަސްތަކުގެ ވާހަކަ މުޅި ދިވެހިރާއްޖޭގަ އެންމެންނަށްވެސް އެނގޭ، ރައީސް އިބޫ ވައްކަން ކުރެއްވިޔޭ ބުނީމަ ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ އެހެންވީމަ ފޮތިގަނޑު އުފުލާ މުޒާހަރާއަށް ހަ މީހުން ހަމަނުވަނީ
އޭނާ ވިދާޅުވީ، ރައީސް ސާލިހު ވައްކަން ކުރި ނަމަ، ކޮވިޑްގެ އާލަމީ ވަބާގެ އިތުރުން ކުރިމަތިވެގެންދިޔަ އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި ހިންގަވާފައިވާ މަޝްރޫޢުތައް ހިންގުމަށް ފަހިވެގެން ނުދާނެކަމަށެވެ. ރޮޒައިނާ ވިދާޅުވީ، ދިވެހި ރައްޔިތުންގެ ބުއްދި ހުރީ ސަލާމަތުންކަމަށެވެ. އަދި ފަހަރަކު މަޝްރޫއެއްގެ ރިބަންފަށް ކަނޑަމުންދަނީ ވައްކަން ނުކުރާތީކަން ރައްޔިތުންނަށް އެނގޭކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ކެމްޕެއިން ތެރޭގައިވެސް ގިނަ އަދަދެއްގެ މަޝްރޫއުތައް ނިންމައި ރައްޔިތުންނާއި ހަވާލުކުރައްވަމުންދާކަމަށެވެ.
ރޮޒައިނާ ވިދާޅުވީ، ވެވަޑައިގެންފައިވާ ވައުދުތަކާއި އެއްގޮތްވާގޮތުގެމަތިން މަސައްކަތްތައް ކޮށް ނިންމަމުންދާކަމަށެވެ. އެހެންކަމުން ރައީސް ސާލިހަށް އަމާޒުކޮށް ބިނާކޮށްފައިވާ ލަވަތަކުގެ ”ލިރިކްސް“ ބަދަލުކުރުމަށް އިކޮޅުގެ މެމްބަރުންނަށް ދަންނަވާކަމަށްވެސް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ޖަހަމުންދާ ލަވައިގެ ލިރިކްސް ޖަލުގައޭ ޖަލުގައޭ ޗޯރު ޔާމިން ޖަލުގައޭ ފަދަ ގޮތަކަށް ބަދަލުކުރެއްވުމަށް ރޮޒައިނާވަނީ ވިދާޅުވެފައެވެ. ރޮޒައިނާ ވިދާޅުވީ ރައީސް ސާލިހުގެ ކަންކަން ހުންނަގޮތް ވަރަށް ރަނގަޅަށް ރައްޔިތުންނަށް އެނގޭކަން އޭނާ ފާހަގަކުރައްވާކަމަށެވެ. އެގޮތުން ކޮވިޑްގެ ދަތި ހާލަތުގެ ތެރޭގައި ރައީސް ސާލިހު ރައްޔިތުންނަށް ގެންގުޅުއްވާ ކުލުނާއި އޯގާތެރިކަން ފެނިގޮސްފައިވާނެކަމަށް ވިދާޅުވިއެވެ.

