އެމްއެންޕީގެ ސަރުކާރުގައި ވަޒީފާގެ އެއްވެސް ފުރުސަތެއް ބޮދީސީންނަށް ލިބޭނީ ދިވެހިން ލިބެން ނެތް ހާލަތެއްގައި ކަމަށް އެމްއެންޕީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ”ނުއިވޭ އަޑުތައް“ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ނާޒިމްވަނީ ދިވެހިރާއްޖޭގައި ބޮޑު މުސާރަ ލިބޭ ވަޒީފާތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުންދިއުމާއިއެކު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، 80،000 ޑޮލަރު ލިބޭ ބޭރު ގައުމުތަކުގެ މުއައްޒިފުން ދިވެހިރާއްޖޭގައި މިހާރުވެސް މަސައްކަތްކުރަމުންދާކަމަށެވެ. އެހެންނަމަވެސް ދިވެއްސަކަށް އެވަރުގެ މުސާރައެއް ދޭން ކޮންމެ މީހަކުވެސް ފަސްޖެހޭކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ބައެއް މަގާމުތައް ދިވެހިންނަށް ހާއްސަކުރައްވާނެ ވާހަކަތައް ވިދާޅުވެފައިވާނެކަމަށެވެ. ނާޒިމް ވިދާޅުވީ، ބޭރު ގައުމުތަކުން އަންނަ ބިދޭސީންނާއި އެއް މިންވަރަކަށް ދިވެހިންގެވެސް ގާބިލުކަން ކުރިކަމަށެވެ. ބެންކުގެ މެނޭޖަރެއްގެ ގޮތުގައި ބޭރު ގައުމެއްގެ ރައްޔިތަކު ހުރިކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ މިންވަރަށް ކިޔަވައި ތަޖުރިބާ ހާސިލުކޮށްފައިވާ ދިވެހިންވެސް ތިބިކަމަށެވެ. ނާޒިމް ވިދާޅުވީ، ކުންފުނިތަކުގެ ބޮޑެތި މަގާމުތަކަށް ބޭރު މުއައްޒިފުން ލައިގެން ތިބެންވީ އެއްވެސް ސަބަބެއް ފެނިވަޑައިނުގަންނަވާކަމަށެވެ.
އޭނާ ވިދާޅުވީ، ޕެންޝަން އޮފީހަށްވެސް ބޭރު މުއައްޒިފުން ގެނެސްފައިވާކަމުގެ މައުލޫމާތު ލިބިގޮސްފައިވާކަމަށެވެ. އެހެންނަމަވެސް އެ މިންވަރުގެ ތައުލީމެއް ހާސިލުކޮށްފައިވާ ދިވެހިން ތިބި އިރު އެއީ ބޭނުންތެރިކަމެއް ނޫންކަމަށް ވިދާޅުވިޮއެވެ. ނާޒިމް ވިދާޅުވީ، ދިވެހިންނަށް އެކަމެއް ނުކުރެވޭ ހާލަތެއްގައި ނޫނީ އެމްއެންޕީގެ ސަރުކާރެއްގައި އެ މަސައްކަތްތަކަށް ބޭރު ގައުމެއްގެ ރައްޔިތަކު ނުގެންނާނެކަމަށް ދަންނަވާކަމަށެވެ.

