ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިދާފަދަ އަމަލުތަކެއް ހިންގަމުންދާކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހުގެ މުސާބާ ފާހަގަކުރައްވާ ވަހީދު ސޯޝަލްމީޑިއާއަށް ކުރެއްވި ޕޯސްޓެއްގައި އޭނާވަނީ އެ ނިއުމަތް ގެއްލިގޮސްދާނެ ފަދަ އަމަލުތަކެއް ފެންނަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވަހީދު ވިދާޅުވީ، ސަރުކާރުން ލޯނު ނަގަމުންދަނީ އަނބުރާ ދައްކަން ދަތިވާނެ މިންވަރަކަށްކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން މިނިވަންކަމަށް ބުރޫއެރުމުގެ ފުރުސަތު އޮތްކަމަށާއި އޭގެ އިތުރުން ވަޒީފާގެ އަޅުންނަށް ރައްޔިތުން ހަދަމުންދާއިރު، ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން މީހުންގެ ފިކުރީ މިނިވަންކަން ނިގުޅައިގަތުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާކަމަށް ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިނިވަންކަމަށް ބުރޫއަރާ ފަދަ އިތުރު އަމަލުތައްވެސް ސަރުކާރުން ހިންގަމުންދާކަމަށެވެ. އެގޮތުން، އެއްވެސް މިންވަރެއްގެ ހާމަކަމެއް ނެތި ސިއްރު އެއްބަސްވުންތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް ވަހީދު ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވީ، ”ސިޓީބިޓީ“ ބަދަލުކޮށްގެންވެސް ސަރުކާރުން ރާއްޖޭގެ ބައެއް ކަންކަމުގައި ސިއްރު ނިންމުންތައް ނިންމަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، އެކަންކަމުގެ ސަބަބުންވެސް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާތައް ކުރިމަތިވާނެކަމަށެވެ. ވަހީދު ވިދާޅުވީ، ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަަހައްދެއް ސަރުކާރުންވަނީ ގެއްލުވާލާފައިކަމަށެވެ. އަދި އެކަމަކީ މިނިވަންކަން ގެއްލެމުންދާކަމުގެ ހެއްކެއްގެ ގޮތުގައި ފުދޭނެ ކަމެއްކަމަށް ވަހީދު ވިދާޅުވިއެވެ.

