ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޖަމީލް

ރައީސް ޔާމީންގެ ވަކީލުން ޓީމްގައި ހިމެނިވަޑައިގަންނަވާ ޖަމީލު/ ފޮޓޯ: ވަގުތު÷
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަޖައްސައިފި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން މަންފާ ނަންގަވައި، މަނީ ލޯންޑާކޮށް ރިޝްވަތު ނެންގެވިކަމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރެވިދާނެކަމާއި މެދު ސުވާލު އުފެދިފައިވާއިރު އިދިކޮޅުން ދަނީ އިލެކްޝަންސް ކޮމިޝަނަށް އެމަނިކުފާނުގެ އިންތިހާބު ފޯމު ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. ޕާޓީގެ ސެނެޓުން ރަނިންމޭޓުކަން ދިނުމަށް ފެންނަ ބޭފުޅުންގެ ނަންތައް ފޮނުވުމަށް އެދުމުން މެމްބަރުން ނިންމީ އެ ބާރު ރައީސް ޔާމީނަށް ދިނުމަށެވެ. އެހެންވެ، ޖަމީލަށް ރަނިންމޭޓުކަން ދިނުމަށް ނިންމެވީ ރައީސް ޔާމީނެވެ.

ރަނިންމޭޓުންނާއި ގުޅޭގޮތުން އެކި ނަންތައް ދައުރުވުމަށް ފަހު، މިއަދު މީޑިއާތަކަށް އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީނާއި އެކު 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެމަނިކުފާނުގެ ރަނިންމޭޓަކަށް ޖަމީލް ހަމަޖައްސާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މިވަގުތު ހުންނެވި ޑރ. ޖަމީލް އެމަނިކުފާނުގެ މިދިޔަ ދައުރުގައި ނައިބު ރައީސް ކަމުން ވަކި ކުރީ އޭރުގެ ޔުނައިޓެޑް އޮޕޮޒިޝަނާއި ގުޅި ވެރިކަން ބަޣާވާތަކުން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރުކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ބުނެ އޭނާގެ ފަރާތުން މައްސަލަ ކޯޓަށް ވެސް ހުށަހެޅި އެވެ.

ޖަމީލް މަގާމުން ވަކި ކުރަން ނިންމިއިރު އޭނާ ހުންނެވީ އިނގިރޭސިވިލާތުގައެވެ. އަދި މަގާމުން ވަކި ކުރުމުން ޖަމީލް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުގެ، ގިނަ ތުހުމަތުތަކެއް ވެސް އެމަނިކުފާނަށް އަމާޒު ކުރެއްވިއެވެ. އިނގިރޭސިވިލާތުގައި އަމިއްލައިން އަރުވާލެވިގެން ހުންނަވާ ޖަމީލް ފަހުން މަސައްކަތް ކުރީ ”ޔުނައިޓެޑް އޮޕޮޒިޝަން“ ނުވަތަ އޭރުގެ އިދިކޮޅާއި އެކުއެވެ. އަދި މި ސަރުކަރު ގެނައުމަށް ޖަމީލް ވަރަށް މަސައްކަތް ކުރެއްވިއެވެ.

އޭގެ ފަހުން ރައީސް ޔާމީން ވެސް ވަނީ، އަހުމަދު އަދީބު އަބްދުލްޣަފޫރު ނައިބު ރައީސަކަށް އައްޔަނު ކުރުމަށް ފަހު ޖަމީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އެތެރޭގެ އެކި މަސައްކަތްތަކުގައި ނައިބު ރައީސެއްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބެން ޖެހޭ އެއްވެސް އެއްބާރުލުމެއް ޖަމީލުގެ ފަރާތުން ނުލިބޭ ކަމަށެވެ.

ނަމަވެސް ސަރުކާރާއި ދެކޮޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަހުގެ ހަމަލާތައް ދެއްވައި ރައީސް ޔާމީންގެ ދިފާއަށް ނިކުންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާއިން ކުރިމަތިވި ނާކާމިޔާބީ އާއި އެކު އެވެ. ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި ޖަމީލު ކޯޓަށް ވަޑައިގަންނަވަން ފެއްޓެވީ ގއ. ވޮޑަމުލާގެ ހައިކޯޓުގެ އިސްތިއުނާފު މަރުހަލާފަ އެވެ.

މަގާމުން ވަކި ކުރި މައްސަލައިގައި، ނައިބު ރައީސެއްގެ މަސްއޫލިއްޔަތުތަކާއި ބެހޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަކި މަސައްކަތްތަކެއް ކަނޑައަޅާފައި ނެތީސް ޒިންމާތަކަށް ނާގާބިލުވެފައިވާކަމަށް މަޖިލީހުގެ މެމްބަރުންނަށް ނުނިންމޭނެކަމަށް ބުނެ ޖަމީލްގެ ފަރާތުން މައްސަލަ ކޯޓަށް ވެސް ވެއްދި އެވެ. އެ މައްސަލައިގައި ޖަމީލް އެދިފައި ވަނީ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށެވެ. އަދި މަގާމުން ވަކި ކުރީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށް ކަނޑައެޅުމަށެވެ.

މީގެ ކުރިން އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ރައީސް ޔާމީންގެ ރަނިންމޭޓަކަށްވުމުގެ ޝައުގުވެރިކަން ހުރިތޯ ނޫސްވެރިން ސުވާލު ކުރުމުން އޭނާ ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަނީ ބަދަލުގައި ވަކިކަމެއް ބޭނުންވާތީ ނޫން ކަމަށެވެ. އަދި އޭރު އެކަމަށް ޝައުގުވެރިކަމެއް ނެތްކަމަށް ވިދާޅުވި އެވެ.

އެތެރޭގެ ބޮޑެތި މައްސަލަތަކެއް މިހާރު ވެސް އޮތްކަމަށް އަޑުތައް ފެތުރިފައިވާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުންގެ މެދުގައި މައްސަލަތައް ޖެހިފައިވާކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި ބައެއް ބޭފުޅުންގެ ޝައުގު ރިޔާސީ ޓިކެޓަށް ހުރުމާއި އެކު، އެކަމުގެ ހިތްހަމަނުޖެހުންތަކެއް ޕާޓީގެ އެތެރޭގައި އޮތްކަމަށް މައުލޫމާތު ލިބެ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: