ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ކެނޑިޑެސީ ބަލައިގަތުމާއި މެދު އިރުއޮއްސުމުގެ ކުރިން އީސީން ގޮތެއް ނިންމާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިދިކޮޅުގެ ރިޔާސީ ޓިކެޓު އެރުވުމުގެ ޖަލްސާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅުއްވި ކެނޑިޑެސީ ފޯމު ބަލައިގަތުމާއި މެދު ގޮތެއް ނިންމައި އެކަން މިއަދުގެ އިރުއޮއްސުމުގެ ކުރިން ހާމަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ސެޕްޓެމްބަރު 09 ގައި ބާއްވާ އިންތިހާބުގައި ވާދަކުރުމަށް އެންމެ ފުރަތަމަ ފޯމު ހުށަހެޅުއްވީ ރައީސް ޔާމީނެވެ. މަނީ ލޯންޑާރ ކުރުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާތީ، އެމަނިކުފާނުގެ ކެނޑެސީ އާއި މެދު ސުވާލުތައް ވެސް ވަނީ އުފެދިފަ އެވެ.

އިދިކޮޅުގެ ފޯމު ހުށަހެޅުމުން، މެމްބަރުންނާއި އަދި މީޑިއާތަކުގެ ހާޒިރުގައި ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކެނޑިޑެސީ އާއި މެދު ގޮތެއް ނިންމުމަށް ގާނޫނުން ލިބިދީފައި ވަނީ 48 ގަޑިއިރު ނަމަވެސް މިއަދު ލިބިފައި ވަނީ އިދިކޮޚު އެންމެ ބޮޑު ޕާޓީގެ ކެނޑިޑެސީ ފޯމުކަމަށްވުމާއި އެކު ވީހާވެސް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

ހަބީބް ފުރަތަމަ ވިދާޅުވީ 24 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަވައި، އެކަން އާންމު ކުރާނެކަމަށެވެ. އެކަމަކު، ފަހުން ވިދާޅުވީ މިއަދުގެ އިރުއޮއްސި 06:00 ގެ ކުރިން ކެނޑިޑެސީ ބަލައިގަނޭތޯ ނުވަތަ ނޫންތޯ ޕާޓީއަށް އަންގާނެ ކަމަށެވެ.

ހަބީބް ވިދާޅުވީ ކޮމިޝަނުން ޔަގީން ކުރާނީ، އިންތިހާބުތަކާއި ބެހޭ ގާނޫނުގެ ދަށުން ހުށަހަޅަން ޖެހޭ ލިޔެކިއުންތަކުގެ ތަފްސީލު ހުށަހަޅާފައިވޭތޯ އެވެ. އޭގެ އިތުރަށް ކެނޑިޑޭޓު ހުށަހަޅަން ޖެހޭ އެންޓްރީ ފައިސާ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ލިބިފައިވާކަމަށް ހަބީބް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކީ ފޯމު ބަލައިނުގަތުންކަމަށް ވާނަމަ އެ ނިންމުން، ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ކެނޑިޑޭޓާއި، ކެނޑިޑޭޓުގެ ޕާޓީއަށް އޮންނާނެކަމަށް ހަބީބް ވިދާޅުވި އެވެ. އެކަމަށް ކެނޑިޑޭޓަށް ފަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ކޯޓުން އެ ހުށަހެޅުމަށް ގޮތެއް ނިންމަން ޖެހޭނީ، މައްސަލަ ވައްދާތާ 07 ދުވަހުގެ ތެރޭގަ އެވެ.

ޕީޕީއެމް، ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީކަން ފާހަގަކޮށް ހަބީބް ވިދާޅުވީ ފޯމު ލަސްކޮށް ނިންމުން އިއުލާނު ކުރުން ފަސްކުރުން ފަދަ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

ފޯމު ހުށަހެޅުމަށް ފަހު، ދަރުބާރުގެ ސަރަހައްދުގައި ނޫސްވެރިންނަށް ރައީސް ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ކެނޑިޑޭސީ ބަލައިނުގަންނަ އެއްވެސް ހާލަތެއް އޮތްކަމަށް ގަބޫލު ނުކުރާކަމަށެވެ. އަދި ނޫސްވެރިން ވެސް އެކަމާއި މެދު ސުވާލު އުފައްދަން ޖެހޭ ސަބަބެއް ނެތްކަމަށް ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފީ މަރުހަލާ ނުނިމި އޮތުމަކީ އިދިކޮޅުގެ ބޮޑު ކަންބޮޑުވުމެކެވެ. އެ މައްސަލައިގައި ޕާޓީގެ ލީޑާޝިޕް ވަނީ ހައިކޯޓުގެ ރެޖިސްޓްރާއާއި ބައްދަލުކޮށް މައުލޫމާތު ސާފު ކުރުމަށް މަސައްކަތްކޮށްފަ އެވެ. ސިލްސިލާކޮށް ކުރާ ސުވާލުތަކަށް ކޯޓުން އެންމެ ފަހުން ވެސް ދިން ޖަވާބުގައި ބުނީ އިތުރު އަޕްޑޭޓެއް ނެތް ކަމަށެވެ.

މިވަގުތު ކްރިމިނަލް ކޯޓުގައި ވެސް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިޔަށް ގެންދާއިރު، އެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: