ދިވެހިރާއްޖޭގައި އޮންނަ ”އަންހެނުން ނިކަމެތިވަމުންދާ މާހައުލަށް“ ބަދަލުތަކެއް ގެންނަންޖެހޭކަމަށާއި އެ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ 30 އިންސައްތަ އަންހެނުންނަށް ހާއްސަކޮށް ހަމަޖައްސަވާނެކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީއިން ކުރިއަށް ގެންދިޔަ ”އަންހެނުންގެ ލީޑަރޝިޕު ފޯރަމް“ ގައި ވާހަކަދައްކަވަމުން ނާޒިމްވަނީ ރާއްޖޭގައި އަންހެނުންގެ ކުރިއެރުމަށް އެކަށީގެންވާ މިންވަރަށް ޖާގަ ނެތްކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި އަންހެނުން ނިކަމެތިވެގެންދާ ފަދަ މާހައުލެއް އޮތްކަމަށެވެ. އެހެންކަމުން އެއީ ބަދަލުކުރަންޖެހޭ މާހައުލެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަތުމާއި އަބުރާއި އިއްޒަތަށް އަރައިގަތުން އަދި މުޖުތަމައުގެ ތެރޭގައި ބޭކާރުކުރާ ވާހަކަތައް ދައްކަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، އެ މައްސަލަތަކަށް ދާއިމީ ހައްލުތަކެއް ގެނައުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ. ނާޒިމް ވިދާޅުވީ، އަންހެނުންނަކީ އެ މީހުން އެ ކުރަން ބޭނުންވާ ކަންކަން ކުރުމުގައި މަގުފަހިކޮށްދޭނެ ބަޔަކު ގައުމުގެ ވެރިކަމާއި ހަވާލުވާންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި އަންހެނުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ މީހަކު އަންނަންޖެހޭކަމަށެވެ. ނާޒިމް ވިދާޅުވީ، އަންހެން ތުއްތު ކުއްޖަކު ޅަ އުމުރުގައި ދެކޭ ހުވަފެން ހަގީގަތަށް ހަދައި އެ ކުއްޖަކީ ރާއްޖޭގެ ފިރިހެނުންނާއި އެއް ސަފެއްގައި ބާރުވެރިކަމާއިއެކު ފައިތިލަ ސާބިތުކުރާ މީހަކަށް ހަދައިދެއްވާނެ ފަރާތަކީ އޭނާކަން ޔަގީންކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި ރޭޕުކުރުމާއި ޖިންސީ ގޯނާކުރުމާއި ގެވެށި އަނިޔާކުރުމުގެ ކުށްތަކަކީ އެއްވެސް ހާލަތެއްގައި އެކަމަށް ޖާގަ ދީގެންވާނެ ކަންކަމެއް ނޫންކަމަށެވެ. ނާޒިމް ވިދާޅުވީ، ރާއްޖޭގައި އެފަދަ މައްސަލަތައް މިހާރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ މަންޒަރު ފެނިގެންދާކަމަށެވެ. އެހެންކަމުން އޭނާގެ ސަރުކާރެއްގައި އެފަދަ އަމަލުތަކަށް އަރައިގަންނަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެކަން ދަންނަވާކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްއެންޕީގެ ސަރުކާރެއްގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވޭނެކަމަށާއި އެފަދަ މައްސަލަތަކުގައި އަދަބު ލުއިކޮށްދިނުމެއްވެސް ނޯންނާނެކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި އެފަދަ މީހުންނަކީ ޖަލު ގޮޅިން ސަލާމަތްނުވާނެ ބަޔަކަށް ހަދާނެކަމަށެވެ.
އިތުރު މައުޟޫއަކަށް އަލިއަޅުއްވައި ނާޒިމްވަނީ ސަރުކާރެއް ގާއިމު ކުރުމާއިމެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ސަރުކާރެއް އެކުލަވާލުމުގެ ވާހަކަތައް ދެކެވޭއިރު، އެ ސަރުކާރެއްގެ ތެރޭގައި އޮންނަންޖެހޭ ހަމަ ހަމަކަމުގެ ވާހަކަތަކަކީ ދެއްކުން މުހިންމު ވާހަކަތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެންޕީގެ ސަރުކާރެއްގައި ފިރިހެން ބޭފުޅުންނާއި އެއްގޮތަކަށް އަންހެން ބޭފުޅުންނަށްވެސް ފުރުސަތުތައް ލިބިގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ގިނަ އަންހެނުނަކީ ތައުލީމީ ގޮތުން ފިރިހެނުންނަށްވުރެ ފުންނާބު އުސް ބައެއްކަމަށެވެ.
ނާޒިމް ވިދާޅުވީ، އޭނާ ވެގެންދަނީ ރާއްޖޭގެ އަންހެނުންނަށް ފުރުސަތު ދެއްވާ، އެ ބޭފުޅުންގެ ހުއަފެންތައް ހަގީގަތަކަށް ހަދައިދޭ އަދި ގައުމަށްޓަކައި އެ ބަޔަކު ކޮށްދޭން ބޭނުން މަސައްކަތްތައް ކުރެވޭނެ މަގު ފަހިކޮށްދޭ ފަރާތަކަށްކަމަށެވެ. އޭނާ ވަނީ އެ މަގުން ހިންގަވާނެކަމުގެ ޔަގީންކަން އަރުއްވާފައެވެ.
ނާޒިމް ވިދާޅުވީ، އަންހެނުން ބާރުވެރިކުރުވާ ވާހަކަތައް ސަރުކާރުތަކުން ދައްކާފައިވާކަމަށެވެ. އެހެންނަމަވެސް މިއަދުގެ ހަގީގަތް މަޖިލީހަށް ބެލުމުން ފެނިގެންދާނެކަމަށް ނާޒިމް އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، މަޖިލީހުގައި ތިއްބެވީ ހަތަރު އަންހެން މެމްބަރުންކަމަށެވެ. އޭނާ ވިދާޅުވީ އެމްއެންޕީއިން ވެރިކަމަށް އައުމަށް މަސައްކަތްކުރަމުންދަނީ އެކަންކަން ބަދަލުކުރުމަށްކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެންޕީއިން ވެރިކަމަށް ވާސިލުވުމަށް މަސައްކަތްކުރަމުންދަނީ ސަރުކާރުގެ ހިންގުންތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށާއި ހަމަ ހަމަކަން ގާއިމުކުރުމުގެ ނިޔަތުގައިކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި އަންހެން ބޭފުޅުންނަށް 30 އިންސައްތަ ގޮނޑިތައް ހަމަޖައްސަވާނެކަން ޔަގީންކުރެއްވުމަށް ނާޒިމް އެދިވަޑައިގަތެވެ.

