ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އެޖެންޓަކަށް އަހުމަދު ހަމްދާން ނާސިރު ކަނޑައަޅައިފިއެވެ.
އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ކަނޑައެޅިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރެވިދާނެކަމާއިމެދު ސުވާލު އުފެދިފައިވުމުން ޕީއެންސީއިންވަނީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން އެ ޕާޓީގެ ޕްރައިމަރީއެއް ބާއްވައި ރިޔާސީ ކެނޑީޑޭޓެއްގެ ގޮތުގައި މުއިއްޒު އިންތިހާބު ކުރައްވާފައެވެ. މުއިއްުޒު އިންތިހާބު ކުރެވުނީ މީގެ ދެ ދުވަހެއް ކުރިންކަމަށްވާއިރު، އޭނާގެ ރަނިންގް މޭޓެއްގެ ގޮތުގައި މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖެހިފައިވާކަން ކަށަވަރުވެގެންދިޔައީ މިއަދުއެވެ. އަދި އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ހަމްދާން ކަނޑައެޅިގެންދިޔައީ އެއަށްފަހު ކުޑަ ހިންދުކޮޅެއް ފަހުންނެވެ.
ޕީޕީއެމްގެ ރަޖިސްޓްރާގެ މަގާމު އަދާކުރައްވާ ހަމްދާންއަކީ ރައީސް ޔާމީން މިނިވަންކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ބުރަވެ އުޅުއްވާކަން ފާހަގަކުރެވިފައިވާ ބޭފުޅެކެވެ.
މުއިއްޒުގެ އިންތިހާބީ އެޖެންޓާރި ރަނިންގް މޭޓުވެސް ކަނޑައެޅި ފޯމު ހުށައެޅުމުގެ މަސައްކަތްތައް ކުރެވެމުންދާއިރު، ރައީސް ޔާމީންގެ ފޯމު ބަލައިނުގަތް މައްސަލައިގެ ޝަރީއަތުގެ ހުކުމް މާދަމާގެ ވަގުތެއްގައި ލިބިގެންދާނެކަމަށް އިތުބާރު ހުރި މަސްދަރަކުންވަނީ ”ސަންގު“ އަަށް މައުލޫމާތު ދީފައެވެ. މައުލޫމާތު ލިބޭގޮތުން މިހާރު ދަނީ ދިރާސީ މަސައްކަތްތައް ކުރެވެމުންނެވެ.

