އެމްއެންޕީގެ މެނިފެސްޓޯއަކީ ދިވެހިރާއްޖެ އުޖާލާ ޒަމާނަކަށް ގެނައުމަށްޓަކައި ހުށައެޅިގެންދާ އެންމެ ފުރިހަމަ މެނިފެސްޓޯއަށް ވެގެންދާނެކަން ޔަގީންކުރެއްވުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއެޖެއެވެ.
އެމްއެންޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެމްއެންޕީގެ މެމްބަރުން އޭނާ ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް ގެނައުމަށް މަސައްކަތްކުރަމުންދަނީ ”ސީރިއަސް“ ނަޒަރެއްގައި ގައުމާއިމެދު ވިސްނުމަށް ފަހުކަމަށެވެ. ނާޒިމް ވިދާޅުވީ، އެ ޕާޓީއަކީ އެންމެ ފުރަތަމަ ރިޔާސީ އިންތިހާބަށް މީހަކު ނެރޭނެ ކަން އިއުލާނުކުރި ޕާޓީކަމަށެވެ. އޭނާ ވިދާޅުވީ، ޕާޓީ އުފެއްދުމަށް އެއްވި އެއްވުމުގައި އެކަން އިއުލާނުކުރިކަމަށެވެ.
ނާޒިމް ވިދާޅުވީ، ސާބިތުކަމާއިއެކު އަހަރުތަކެއް މަސައްކަތްތައް ކުރެވުމަށްފަހު މިއަދު ރިޔާސީ ކެންޑިޑޭޓަކުވެސް އިންތިހާބު ކުރެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ރަނިނގް މޭޓެއްވެސް ކަނޑައެޅިގޮސްފައިވާކަމަށާއި ރައްޔިތުންނަށް ފަހި މެނިފެސްޓޯއެއްވެސް ރައްޔިތުންގެ ހިޔާލާއިއެކު އެކުލަވާލެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެ މެނިފެސްޓޯގެ ތެރޭގައި ރައްޔިތުން އެންމެ ބޮޑަށް އެދެމުންދާ ކަންކަން ހިމެނިފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮށްދިނުމަށް ކަނޑައެޅިފައިވާ ކަންކަންވެސް މެނިފެސްޓޯގައި ބަޔާންކޮށްފައިވާކަމަށެވެ. ނާޒިމް ވިދާޅުވީ، މެނިފެސްޓޯ އެކުލަވާލާފައިވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުން ކަންބޮޑުވާ ކަންކަމުގެ މައްޗަށްވެސް ރިއާޔަތްކުރައްވައިގެންކަމަށެވެ.
އޭނާ ވިދާޅުވީ، އެއީ ގައުމާއިމެދު ބަޔަކު މީހުން ވިސްނުމަށްފަހު ތައްޔާރުކޮށްފައިވާ އެއްޗެއްކަން މެނިފެސްޓޯ ބެލުމުން އެނގިގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، މެނިފެސްޓޯގެ ވާހަކަ ދައްކަވަނީ ވާދަވެރި ކެންޑިޑޭޓުން އިލެކްޝަންސްއަށް ފޯމު ހުށައަޅަމުންދާ އިރު ގައުމާއި ގުޅޭގޮތުން ގެންގުޅުއްވާ ތަސައްވަރު ހިއްސާކުރާނެ ވަގުތު ފާހަގަކުރެވިފައިނުވާތީކަމަށެވެ.
ނާޒިމް ވިދާޅުވީ، އެމްއެންޕީއިން ވަނީ ދިވެހިރާއްޖެއާއިމެދު ދުރަށް ވިސްނާފައިކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެންޕީގެ މެނިފެސްޓޯއަކީ މުހިންމު އެއްޗެއްކަމަށެވެ. އަދި އެ މެނިފެސްޓޯ އެކުލަވާލެވިފައިވަނީ އެ ވިސްނުންތަކުގެ މައްޗަށް ރިއާޔަތްކޮށްކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ، އެ މެނިފެސްޓޯއަކީ ރާއްޖެ އުޖާލާ ޒަމާނެއްގެ ތެރެއަަށް ގެންދިއުމަށްޓަކައި ހުށައެޅިގެންދާނެ އެންމެ ފުރިހަމަ މެނިފެސްޓޯކަމާއިމެދު ޔަގީން ކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުންދާ ކެމްޕެއިން ދަތުރުތަކާއިމެދުވެސް ނާޒިމްވަނީ ވާހަކަދައްކަވާފައެވެ. އެނާ ވިދާޅުވީ، އެ މަނިކުފާނު މެނިފެސްޓޯގެ ވާހަކަދައްކަވާ މަންޒަރު ފެނިގެންނުދާނެކަމަށެވެ. އޭނާ ވިދާޅުވީ، ފެނިގެންދަނީ ރައީސް އަށް މި ދައުރުގެ މެނިފެސްޓޯގައި ވާކަންކަން ފުރިހަމަ ނުކުރެއްވިގެން އުޅުއްވާ މަންޒަރުކަމަށެވެ. އޭނާ ވިދާޅުވީ، އެހެންކަމުން ރައީސް ސާލިހު އިތުރު މެނިފެސްޓޯއެއް އެކުލަވާލަންޖެހިވަޑައިގަންނަވާކަމަށް އޭނާ ދެކިވަޑައިނުގަންނަވާކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ފަސް އަހަރު ތެރޭގައި ނުކުރެވުނު ކަމެއް ކުރިއަށް އޮތް ފަސް އަހަރު ތެރެއަށް ކުރުމަށް ކަނޑައެޅިނަމަވެސް އެކަމެއް ވެގެންނުދާނެކަމަށެވެ. އެހެންކަމުން އެކަންކަމާއިމެދު ރައްޔިތުން ވިސްނާވަޑައިގެންނެވުމަށް ނާޒިމް އިލްތިމާޒްކުރެއްވިއެވެ. އޭނާ ވަނީ ރައީސްއަށް މި ދައުރުގެ ކަންކަން ފުރިހަމަ ކުރެއްވުމަށް ނަސޭހަތްތެރިވާކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަމުން ފައިބައި ވަޑައިގަތުމަށްވެސް ނާޒިމްވަނީ މި ފުރުސަތުގައި ރައީސް ސާލިހަށް ގޮވާލައްވާފައެވެ.

