ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތްތައް ލިބިގަތުމަށް އަދިވެސް ”ސަލާންޖެހުމުގެ ސަގާފަތެއް“ އެބައޮތްކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކ އަތޮޅު ހުރާގައި އެމްއެންޕީއިން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ނާޒިމްވަނީ ސިއްހީ ހިދުމަތްތައް ލިބިގަތުމުގައި ހުރި ދަތިތަކުގެ މައްޗަށް އަލިއަޅުއްވައި ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ސިއްހީ ހާލަތު ދެރަވުމުގެ ސަބަބުން ރާއްޖެއިން ބޭރަށް ދަތުރުކުރަންޖެހުމުން އާސަންދައަށާއި އެންސްޕާއަށް ސިޓީ ލުމަށްފަހު އެ މީހަކު ނިސްބަތްވާ ދާއިރާގެ މެމްބަރުގެ ގާތުގައި އެހީއަށް އެދި އާދޭސްކުރަންޖެހޭކަމަށެވެ.
ނާޒިމް ވިދާޅުވީ، އަދިވެސް ސިއްހީ ހިދުމަތްތައް ލިބުމަށް އާދޭސްކޮށް ފޭސްބުކުގައި ޖަހާ ހިސާބުގައި ކަންކަން ހުރިކަމަށެވެ. އޭނާ ވަނީ އެއީ ރައްޔިތުންނަށް ހައްގު މިންވަރު ތޯ ސުވާލުކުރައްވާފައެވެ. ނާޒިމް ވިދާޅުވީ، މިއީ 21 ވަނަ ގަރުނުކަމަށާއި އެހެންކަމުން އަދިވެސް ތިބޭނީ މިހާރު ކަންކަން ހުރި ގޮތުގެ މަތީ ދޫކޮށްލައިގެންތޯ ވިސްނާލަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، ތިބޭނީ ހައްގު މިންވަރުގައިތޯ އަދި މިހާރު ލިބެމުންދަނީ ހައްގުވާ މިންވަރުތޯވެސް ވިސްނާލުން މުހިންމުކަމަށެވެ. އޭނާ ވިދާޅުވީ، ކަންކަން ބަދަލުކުރުމުގެ ގޮތުން ފިޔަވަޅު އަޅަންޖެހޭ ވަގުތު ގާތްވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، އެމްއެންޕީއިން ވެރިކަމަށް ވާސިލުވުމަށް މަސައްކަތްކުރަމުންދަނީ ސިއްހީ ހިދުމަތްތަކަށް ބަދަލުތަކެއް ގެނައުމަށްކަމަށެވެ. ނާޒިމް ވިދާޅުވީ، އެ ޕާޓީއިންވަނީ ދިވެހި ރައްޔިތުންނަށް އިންޝުއަރެންސް ކާޑެއް ތައާރަފްކޮށްދިނުމަށް ކަނޑައަޅާފައިކަމަށެވެ. އޭނާ ވިދާޅުވީ، އެ ކާޑުން ސިއްހީ ހިދުމަތްތައް ފުރިހަމައަަށް ލިބިގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، އެ ކާޑުން ހުސްނުވާ ގޮތަށް ސިއްހީ ހިދުމަތްތައް ލިބިގެންދާނެކަމަށެވެ.
އޭނާ ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ސިއްހީ ހިދުމަތަށް ސަލާން ޖެހުން ނިމުމަކަށް ގެންނާނެކަމަށާއި ރައްޔިތުން ބޭނުންވާ ފަދަ ސިއްހީ ހިދުމަތެއް ލިއްބައިދޭނީ އޭނާކަމަށްވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމްވަނީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާ އާއިމެދުވެސް ވާހަކަދައްކަވާފައެވެ. އޭނާވަނީ ހުރާގެ ރަށްވެހިންނަށް އެކަށީގެންވާ އުސޫލެއްގެ ދަށުން ތައުލީމު ލިބިގަތުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ގަބޫލުކުރެވޭތޯ ސުވާލުކުރައްވާފައެވެ. ނާޒިމް ވިދާޅުވީ، ތައުލީމު ލިބިގަތުމުގެ ބޭނުމުގައި އެ ރަށުގައި ދިރިއުޅުއްވާ މީހުންވެސް މާލެ ސަރަހައްދަށް ހިޖުރަކުރަމުންދާކަން ފާހަގަވާކަމަށެވެ. ނާޒިމް ވިދާޅުވީ، ހިޖުރަކުރުމަށް މަޖުބޫރުވެގެންދަނީ ރަށުގައި ތިބެގެން އެކަށީގެންވާ ތައުލީމެއް ލިބުމުގެ ފުރުސަތެއް ލިބެމުން ނުދާތީކަމަށެވެ.
އޭނާ ވިދާޅުވީ، މާލެއަށް ތޮއްޖެހުމުގެ ސަގާފަތެއް އޮތްކަމަށާއި އެ ކަން ނިމުމަކަށް ގެންނަންޖެހޭކަމަށެވެ. ނާޒިމް ވިދާޅުވީ، ހުރާއަކީ ހިތްގައިމު ރަށެއްކަމަށާއި އެހެންކަމުން އެ ރަށުގައި ދިރިއުޅުއްވާ ފަރާތްތަކަށް ރަށުގައި ތިބެވޭނެ މަގެއް ފަހިކޮށްދޭންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، އެމްއެންޕީއިން ވެރިކަމަށް ވާސިލުވުމަށް މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށްކަމަށެވެ.
ނާޒިމް ވިދާޅުވީ، ކިޔަވައިދިނުން އެއް ދަންފަޅިއަކަށް ބަދަލުކުރައްވާނެކަމަށާއި މަންހަޖުގެ ތެރެއަށް އެކި އިތުރު ތަމްރީނުތައް ދިނުމަށް ހިމަނުއްވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެ ރަށް ވަށައިގެން ފަތުރުވެރިކަމުގެ އެކި މަސައްކަތްތައް ކުރެވެމުންދިއުމުން އެ ދާއިރާއިން މީހުން ތަމްރީނު ކުރެވޭނެކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެންޕީއިން ސުކޫލުތަކުގައި ކުދިންގެ ހުނަރު އިތުރު ކުރުމުގެ ގޮތުން އެކި ކަންކަން ތައާރަފްކުރުމަށް ކަނޑައެޅިފައިވާކަމަށާއި އެ ފަދަ ކަންކަން ޅަފަތުގައި ތައާރަފްކުރެވިގެން ނޫންގޮތެއްގައި މަސައްކަތްތެރި ޖީލެއް ބިނާ ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

