އަންހެނުންގެ އިހުސާސްތައް ދެނެގަނެވުނު ހަމައެކަނި ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ މިހެން ވިދާޅުވީ އެމްޑީޕީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން ހުޅުމާލޭގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައީސް ސޯލިހާއި، އަނބިކަނބަލުން ފަޒުނާ އަހުމަދާއި، ކޯލިޝަންގެ އިސް ލީޑަރުންނާއި އަދި ގިނަ އަދަދެއްގެ އަންހެން ސަޕޯޓަރުން ބައިވެރިވި އެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން ބޭއްވި ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވީ އަންހެނުން ތަހައްމަލުކުރާ ދަތިތަށް ދެނެގަނެ އެމީހުންނަށް ފުރުސަތު ހޯދައިދޭން ޖެހޭކަން ދެނެގަތް ރައިސްއަކީ އިބްރާހިމް މުހައްމަދު ސާލިހް ކަމަށެވެ. ރޮޒައިނާ ވިދާޅުވީ ރަށްތަކުގައި ދިރިއުޅޭ އަންހެނުން ބޮޑެތޮި ދަތިތަށް ތަހައްމަލު ކުރިކަމަށެވެ. އެގޮތުން ށ. ފޯކައިދޫއާއި އަދި އއ. މަތިވެރި ފަދަ ރަށްތަކުގައި ދަތި ހާލުގައި ދިރިއުޅުނު އަންހެނުންގެ ވާހަކަ ރޮޒައިނާ ހިއްސާކުރެއްވިއެވެ. ފޯކައިދޫގައި އާ އިންޖީނު ގެއެއް އަޅައިދެއްވާފައި ވާއިރު މަތިވެރީގެ ފެނުގެ ނިޒާމު ރައީސް ގާއިމްކޮށްދެއްވި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. މީގެ ސަބަބުން އެ ދެ ރަށުގެ ހާލަތު ބަދަލުވެ އެ ދެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަގުނަ ފައިދާ ތަކެއް ލިބިގެން ދިޔަކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ގޭގައި ތިބޭ އަންހެނުންނަށް މިކަމުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެން ދިޔަކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ގޭތެރޭގައި ތިބެގެން ތަކެތި ތައްޔާރުކޮށް ވިއްކާ މީހުން ތިބިކަން ހަމައެކަނި އެނގިވަޑައިގަތް ރައީސް އަކީ ވެސް ރައީސް ސާލިހް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ގޮތަށް ތަކެތި ވިއްކާ މީހުންނަށް މާލީ އެހީތެރިކަމާއި މާރކެޓު ހުޅުވާލަ ދެއްވި ވެރިއަކީ ރައީސް ސާލިހް ކަމަށެވެ. އެހެންކަމުން ސަރުކާރުން އުފެއްދި އޯތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ތަކެތި ވިއްކާ 197 މީހުުންގެ ތެރެއިން 137 މީހުންނަކީ އަންހުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އަމިއްލައަށް މަސައްކަތްކުރާ ފަރާތްކަތަށް މާލީ އެހީގެ ގޮތުގައި 12.3 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ތެރެއިން 80 ޕަސެންޓަކީ އަންހެނުންކަމުގައެވެ.
މީގެއިތުރުން ރައީސް ސާލިހްގެ ރިޔާސީ ވައުދެއްކަމަށް އެމަނިކުފާނު ވިދާޅުވި ވިހެއުމުގެ ޗުއްޓީ ރައީސް ފުއްދަވާފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ވިހައިގެން ލިބޭ ޗުއްޓީގެގޮތުގައި އަންހެނުންނަށް ހަމަސްދުވަސް ކަނޑައަޅައިފައިވާ އިރު ފިރިހެނުންނަށް ކަނޑައަޅައިފައިވާ މުއްދަތަކީ އެއް މަސްދުވަހެވެ. ރޮޒައިނާ ވިދާޅުވީ މެޓާނިޓީ އަދި ޕެޓާނިޓީ ލީވް ތައާރަފް ކުރި ފަހުން 4026 އަންހެނުން ޗުއްޓީގެ ބޭނުން ކޮށްފައިވާއިރު ފިރިހެނުންގެ އަދަދަކީ 1452 ކަމަށެވެ.
ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ އެތައް މަޔަކަށް ލިބިގެން ދިޔަ މާލީ ލުޔެއްގެ ކަމަށާއި އަންހެން ދަރިންނަށް ފަހިވެގެންދިޔަ ތަނަވަސް ފުރުސަތެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ހިލޭ ޑިގްރީ ޕްރޮގްރާމުގައި ކިޔަވަމުންދާ 18،000 ދަރިވަރުންގެ ތެރެއިން 67 ޕަސެންޓަކީ އަންހެން ކުދިން ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ސަރުކާރުން ފުއްދާފައިވާ ވައުދުތަކުގެ ތެރޭގައި ޓީޗަރުންގެ މުސާރަ އާއި ނަރުހުންގެ މުސާރަ ބޮޑުކުރުމަކީ ވެސް އަންހެނުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ އެ ދެ ދާއިރާގައިވެސް އަންހެނުން ގިނަވުންކަމުގައެވެ.
އަންހެނުން ބާރުވެރިކުރުވަން ރައީސް ސޯލިހުގެ ސަރުކާރުން އިސްކަން ދޭ މިންވަރު ހާމަކުރައްވާ ރޮޒައިނާ ވިދާޅުވީ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާއި ޑިފެންސް މިނިސްޓަރަކަށް މާރިޔާ އަހުމަދު ދީދީ ހަމަޖެއްސެވުމާއި، ކައުންސިލްތަކުގެ 33 ޕަސެންޓް، އަދި އެމްބަސީތަކުގެ 50 ޕަސެންޓު އަންހެނުންނަށް ހާއްސަކުރެއްވި ކަމުގައެވެ. އެ ބަދަލާއެކު ކައުންސިލަރުންގެ 39 ޕަސެންޓަކީ މިހާރު އަންހެނުން ކަމަށާއި، ކުރިން އެ އަދަދު ހުރީ އެންމެ ފަސް ޕަސެންޓުގައި ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
މި ވެރިކަމުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމަށް ތިން އަންހެނުން، އަދި ސްޕްރިންޓެންޑެންޓުގެ މަގާމަށް ތިން އަންހެން ފުލުހަކު ހަމަޖެއްސެވީ ވެސް ސަލާމަތީ ހިދުމަތްތަކުން ވެސް އަންހެނުން އިސްކުރަން ފުރުސަތު ފަހިވެފައިވާކަން ހާމަ ކުރުމުގެ ގޮތުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމާ ހަމައަށް އަންހެނުންގެ ހާލަތު ބަދަލު ނުވެ އޮތްކަމަށް ވިދާޅުވެ ކުރީގެ ސަރުކާރުން މާލޭގައި ބްރިޖު އަޅަމުން ދިޔައިރު، ދަތި ހާލަތުގައި ދިރިއުޅުން ތަހައްމަލުކުރަމުން ދިޔަ އަންހެނުންގެ ހާލަތު ދެނެނުގަނެވުނު ކަމަށާއި އެ ހާލަތު ދެނެގަނެވުނީ ރައީސް ސޯލިހަށް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

