ކަނޑުގައި ރޮނގެއް އަޅާލުމަށްފަހު ގޯތިތަކެއް ކަމަށް ބުނުމުން މާލެ ސަރަހައްދުގައި ހުރި މައްސަލަތައް ހައްލުވެގެންދާނެކަމަށް ބައެއް ރިޔާސީ ކެންޑިޑޭޓުނަށް ގަބޫލުކުރާ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީއިން ބިލަބޮންގް އިންޓަރނޭޝަނަލް ސުކޫލުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ނާޒިމްވަނީ މާލެ ސަރަހައްދުގައި ގިނަ މައްސަލަތަކެއް ހުރިކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ކަނޑުގައި ރޮނގެއް ދަމައި ގޯތިތަކެއްކަމަށް ބުނުމުން ހުރި މައްސަލަތައް ހައްލުވެގެންދާކަމަށް ބައެއް ރިޔާސީ ކެންޑިޑޭޓުންނަށް ހީވާކަމަށެވެ. އޭނާވަނީ އެމްއެންޕީގެ ސަރުކާރެއްގައި މާލެ ސަރަހައްދުގެ ތަރައްގީއަށް އެކުލަވާލާފައިވާ ޕްލޭނެއްވެސް ހިއްސާކުރައްވާފައެވެ. ނާޒިމް ވިދާޅުވީ، އެމްއެންޕީއިން މާލެ ސަރަހައްދުގެ ތަރައްގީއަށް ކޮށްދިނުމަށް ކަނޑައަޅާފައިވާ ކަންކަން ރައްޔިތުންނާއިއެކު މަސައްކަތްކޮށް ހާސިލުކުރައްވާނެކަމަށެވެ.
ނާޒިމް ވިދާޅުވީ، މާލޭގެ ތަރައްގީގެ މަސައްކަތްތައް މުހިންމުވަނީ ރާއްޖޭގެ ވެރިކަން ކުރާ ރަށަށްވުމުން ނޫންކަމަށާއި އެކަން މުހިންމުވެގެންދަނީ އިގްތިމާއީ އަދި އިގްތިސާދީ ގިނަ މައްސަލަތައް ފެށިގެން އަންނަނީ މާލެ ސަރަހައްދުން ކަަމަށްވުމުންކަމަށެވެ. އެެހްނަކަމުން އެމްއެންޕީއިން ޕްލޭނެއް އެކުލަވާލާފައިވަނީ ހުރި މައްސަލަތައް ދެނެގަތުމަށްފަހު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ގޮތަކަށްކަމަށްވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މާލެއަކީ ގިނަ މައްސަލަތައް ހުރި ތަނެއްކަމަށެވެ. އެހެންކަމުން ވަކިން ލިސްޓުގައި ހުރި ކަންކަން ފާހަގަކުރުމަކީ ދަތިކަމެއްކަމަށާއި ގިނަ އިރުތަކެއްވެސް ވެގެންދާނެކަމަށް ނާޒިމް އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، ހުރި މައްސަލަތައް އެއްކުރުމުން ސިފަވެގެންދަނީ އަލިފާން ބޯޅައެއްކަމަށެވެ. ނާޒިމް ވިދާޅުވީ، އަލިފާން ފަރުބަދައަކާއި މާލެއާއި އެއްފަދަކަމަށާއި އެގޮތުން މައްސަލަތައް ފުނިޖެހި ރޯވަމުން ރޯވަމުންދާ މަންޒަރު ފެނިގެންދާކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ، ދިވެހިން ތިބީ އެ އަލިފާން ބޯޅައިން ކަނިޖަހަމުންދާއިރުވެސް ރޯވާނެ ވަގުތަކަށް ބަލާލަ ބަލާލައިކަމަށެވެ. ނާޒިމް ވިދާޅުވީ އޭނާ ވެރިކަމަށް ވާސިލުވުމަށް މަސައްކަތްކުރަމުންދަނީ އެ މައްސަލަތައް ދަންނަ އަދި އަހައްމިއްޔަތުކަން ދީގެން ހައްލުކުރައްވާނެ މީހެއްގެ ގޮތުގައިކަމަށެވެ.
ނާޒިމް ވިދާޅުވީ، ދިވެހިރާއްޖެއަކީ ކުރިން ފަގީރު ގައުމެއްގެ ގޮތުގައި އޮތް ގައުމެއް ނަމަވެސް މިހާރު ކުރިއަރަމުންދާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭކަމަށެވެ. އެހެންނަމަވެސް މާލޭގެ ރަށްވެހިންނަށް ކުރިމަތިވެފައިވާ ގޮންޖުހުންތައް ހައްލުކޮށްދިނުމުގައި އެއްވެސް ސަރުކާރަކަށް މިހާތަނަށް ކާމިޔާބީ ހޯދިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ހައްލުކުރެވުމުގެ ބަދަލުގައި ދުވަހުން ދުވަހަކަށް މައްސަލަތައް އިތުރުވެ ބޮޑުވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު އޮތް ގާނޫނުއަސާސީ ވުޖޫދުވިފަހުން މާލޭގެ މައްސަލަތައް ހައްލުކުރުމަށް ސިޓީ ކައުންސިލެއް އޮތްކަމާއިމެދު ސުވާލު އުފެދޭކަމަށެވެ. އޭނާ ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުންނަށްވެސް ކަންކަން އޮތް ގޮތަށް ޒިންމާ ނަގަންޖެހޭ މުއައްސަސާއެއް ނުވަތަ ފަރާތެއް ސާފުނުވާކަމަށެވެ. އޭނާ ވިދާޅުވީ، ކަނޑުގައި ރޮނގުތަކެއް އަޅައި ގޯތި ދެނީކަމަށް ބުނުމުން ހުރި މައްސަލަތައް ހައްލުވެގެންދާނެކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވޭކަމަށް ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، މާލޭގެ މަގުތަކުގައި ހޮޅި ވަޅުލެވުމުން މައްސަލަތައް ހައްލުވެގެންދާނެކަމަށް ގަބޫލުކުރެވޭ ބޭފުޅުން ތިއްބެވިކަމަށްވެސް ފެނިގެންދާކަމަށެވެ. އެހެންނަމަވެސް މާލެ ސަރަހައްދަށް ދާއިމީ އުންމީދީ ހައްލުތަކެއް ހޯދައިދެވިފައިނުވާކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، މާލެއަށް ބޭނުންވަނީ ރޭވުންތެރިކަން ނެތުމުގެ މައްސަލަ އާއި ތޮއްޖެހުމުގެ މައްސަލައިގެ އިތުރުން ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލުތަކެއް ގެނެވޭނެ ފަދަ ހިކުމަތްތެރި ވެރިއެއްކަމަށެވެ.

