ޕީޕީއެމް އާއި އެމްޑީޕީއަށްވެސް ދިވެހިރާއްޖެ ތަރައްގީކުރުމަށް ފުރުސަތު ދެވިފައިވާކަމަށާއި އެހެންނަމަވެސް އެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ކުރެވިފައިވާ މަންޒަރު ފެނިގެން ނުދާކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ހިތަދޫ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމްވަނީ ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކުރެއްވިކަން އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ހުރި ހިސާބު ފެނި ކަންބޮޑުވެވަޑައިގެން ހުންނެވިކަން ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރުމަށް ޕީޕީއެމް އަދި އެމްޑީޕީއަށްވެސް ފުރުސަތު ދެވިފައިވާކަމަށާއި އެހެންނަމަވެސް ތަރައްގީ ކުރުމުގެ މާނާއިގައި އެ ބުނާ ގޮތަށް އެ މަސައްކަތްތައް ކުރެވިފައިވާ މަންޒަރު ފެނިގެން ނުދާކަމަށެވެ.
ނާޒިމް ވިދާޅުވީ، ތަރައްގީ ގެނައުމަކީ ބަނދަރާއި މަގުތައް ބިނާކުރުން އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުންކަމަށް ގަބޫލުނުކުރައްވާކަމަށެވެ. ނާޒިމް ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ތަރައްގީއަކީ، ރައްޔިތުންގެ ޖީބަށް ފައިސާ ވަދެ އެ މީހުންނަށް ތަނަވަސްކަންމަތީ ދިރިއުޅެވޭނެ ފަދަ ތަރައްގީތައްކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު ރާއްޖެއިން އެ މަންޒަރު ފެނިގެން ނުދާކަމަށެވެ.
އޭނާ ވިދާޅުވީ، ވެރިކަމަށް ވާސިލުވުމަށް މަސައްކަތްކުރައްވަމުންދަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުތައް ގެނެސްދީ ދިވެހި ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދުމުގެ އަމާޒުގައިކަމަށެވެ. އެހެންކަމުން މިއަދު ރާއްޖޭގެ ކުދި ބޮޑު އެންމެންވެސް ތިއްބެވީ ދަރަނިވެރި ހާލަތުގައި ނޫންތޯ ނަފްސާ ސުވާލު ކުރުމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން ތިބީ އެ ހާލަތުގައިކަމަށެވެ. އެގޮތުން އަތުގައި އޮތް ފޯނާއި، ދަތުރުކުރުމަށް ބޭނުން ކުރާ ސައިކަލު ފަދަ އުޅަނދު އަދި ގޭތެރޭގައި ބޭނުންކުރަމުންދާ ފަރުނީޗަރަށް ދާންދެން އެއީ ދަރަނީގެ ގޮތުގައި ނަގާފައިވާ ތަކެތިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، އެއީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ރައްޔިތުންގެވެސް ހާލަތުކަމަށާއި އެހެންކަމުން އެހެން ހާލަތަކަށް ބަދަލުވާންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، އެ މައްސަލައަށް ހައްލުތަކެއް ލިބިގެންދާނީ ދިވެހިރާއްޖޭގެ އިގްތިސާދީ ސިނާއަތު ކޮޅަށް ޖެހުމަށް ސިޔާސަތެއް އެކުލަވާލައިގެން ވެރިކަމަށް ވާސިލުވުމަށް މަސައްކަތްކުރަމުންދާ މީހަކަށް ފުރުސަތު ލިބިގެންކަމަށެވެ. އަދި އޭނާގެ ހަމަ އެކަނި ވިސްނުމަކީވެސް އިގްތިސާދުކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވެގެން ނޫން ގޮތަކަށް ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ލިބިގެން ނުދާނެކަމަށެވެ. އޭނާ ވިދާޅުވީ، އިޖްތިމާއީ މައްސަލަތައް ހައްލުވެގެންދާނީ އިގްތިސާދީ މައްސަލަތައް ހައްލުކުރެވިގެންކަމަށެވެ. އަދި އެ ނޫން ގޮތެއްގެ މަތިން ރާއްޖޭގައި ހުރި އިޖްތިމާއީ މައްސަލަތައްވެސް ހައްލުކުރެވިގެން ނުދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްއެންޕީގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށްކަމަށާއި މެނިފެސްޓޯ އެކުލަވާލެވިގެންދިޔައީ ހަ މަސް ދުވަހު ކުރެވުނު ބުރަ މަސައްކަތްތަކެއްގެ ތެރެއިންކަމަށް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިހާބަށް އެންމެ ފުރަތަމަ މެނިފެސްޓޯއެއް އެކުލަވާލި ޕާޓީއަކީވެސް އެމްއެންޕީކަމަށް ނާޒިމް ވިދާޅުވިއެވެ.

